އައްޑޫސިޓީ މަރަދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތްދޭ ތަނެއް ބަންދުކުރުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަރަދޫ މެޖިސްޓްރޭޓް ކޯޓުން މި އަމުރު ނެރެފައިވަނީ މަރަދޫ/ ބޯޅަދަނޑުގެ ބަންދު ކުރުމަށް ކަމަށެވެ. އެތަން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ، މިމަހުގެ 12ވަނަ ދުވަހުން ފެށިގެން 90 ދުވަހަށެވެ. ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ.
އަދި އެފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެކަމަށް ފުލުހުން ވިދާޅުވެއެވެ.
މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު ފުލުހުންނަށް ދީ، އެގޮތަށް ބަންދުކުރާ ތަންތަން ގިނަވެގެން 3 މަސް ދުވަހަށްވުރެ އިތުރު ނުވާ ގޮތަށް ބަންދުކުރުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުތަކަށް ލިބޭ ގޮތަށް މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު އިސްލާޙުކޮށް އަމަލުކުރަން ފެށީ، 2026 މާރިޗު 7 ގައެވެ.
އައްޑޫ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ދަނީ، މަސައްކަތް ކުރަމުންނެވެ. އަދި މި މަސައްކަތަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފުލުހުން ފާހަގަކުރައްވައެވެ.