ޤަތަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމުގައި މުހިއްމު ބައިވެރިއެއްކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ޤަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީއަކީ ރާއްޖެއަށް ގިނަ ދާއިރާތަކަކުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ބޭފުޅެއްކަން އެވުޒާރާއިން ފާހަގަކުރައްވައެވެ.
ޤަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާއި ގުޅިގެން ޕީއެސްއެމް ނިއުސްގެ ޚާއްސަ ކަވަރޭޖްގައި ވާހަކަދައްކަވަމުން ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޙަމީދު ވިދާޅުވީ ޤަތަރަކީ ޒަމާނުއްސުރެ ރާއްޖެއާއި ވަރަށް ގާތްގުޅުމެއް ބައްވަމުން އަންނަ ޤައުމެއްކަމަށެވެ. އިސްލާމީ ބަދަހިގުޅުން ދެޤައުމުގެ ދެމެދުގައި އޮތްއިރު، އެކި ދުވަސްވަރު ޤަތަރުންވަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި އެންމެ ބޮޑު އެއްބައިވެރިއަކީ ޤަތަރު އެއަރވޭސްކަން ފާހަގަކުރައްވައި އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށިގެން އައިގޮތް ސްޓޭޓް މިނިސްޓަރ ހިއްސާކުރެއްވިއެވެ. އެގޮތުން އެ އެއަރލައިންގެ ދަތުރުތައް ފެށިއިރު ވައިޑްބޮޑީގެ ބޮޑެތި ބޯޓުތައް ނެތް ނަމަވެސް އޭރުގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އެދިވަޑައިގަތުމުގެ މަތިން ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީގެ އިރުޝާދުފުޅުގެ ދަށުން ރާއްޖެއަށް ޤަތަރު އެއަރވޭސްގެ ދަތުރުތައް ފެށިގެންދިޔަދިޔުން ފާހަގަކުރެއްވިއެވެ. އަދި މިއީ ދެޤައުމުގެ ގުޅުން ހާމަކޮށްދޭ ރަމްޒެއްކަމަށް ވިދާޅުވިއެވެ.
"ޤަތަރު އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ފެށިއިރު، އެއަރލައިނަކީ ލީޑިން އެއަރލައިނެއް ނޫން. ރާއްޖެއަށް ދަތުރުތައް ފެށުމަށް މަސައްކަތްކުރިއިރު ނޭނގެ އޭރު ދަތުރުފެށޭނެ ދުވަހެއްވެސް. ރައީސް މައުމޫން ޤަތަރަށްކުރެއްވި ދަތުރުފުޅެއްގައި އަމީރަށް މިތަފްސީލްތައް ހިއްސާކުރެއްވުމުން ވިދާޅުވީ މުސްލިމު ޤައުމަކާއި މޫނުކެނޑެން ނޭދެމޭ، އެހެންކަމުން ގެއްލުންވިޔަސް ދަތުރުތައް ފަށާށޭ ދެންނެވި، އެހިސާބުން ރާއްޖެއާއި ދެމެދު ދަތުރުތައް ފެށުނީ." ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
ކޯވިޑްގެ ދުވަސްވަރު ބޮޑެތި އެހެން ގިނަ އެއަރލައިނަކުން ރާއްޖެއަށް ދަތުރު ހުއްޓާލިއިރުވެސް ޤަތަރު އެއަރވޭސްއިންވަނީ ދަތުރުތައް ކުރިއަށްގެންގޮސްފައެވެ. އެދުވަސްވަރު ރާއްޖެއަށް ބޭނުންވާ މުހިއްމު ބޭހާއި އެނޫންވެސް ވަސީލަތްތައް ރާއްޖެއަށް ގެނައުމުގައި އެއަރލައިނުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާކަން ޚާރިޖިއްޔާއިން ފާހަގަކުރައްވައެވެ. ޤަތަރު އެއަރވޭސްއަކީ ދުނިޔޭގެ އެހެން މަންޒިލްތަކާއި ރާއްޖެ ގުޅުވައިދޭ މުހިއްމު ބައިވެރިއެކެވެ. މިހާރު އެ އެއަރލައިނުން ރާއްޖެއަށް ހަފްތާއަކު 6 ދުވަހު ދަތުރުތައް ބާއްވައެވެ.
ޤަތަރުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށާއި އެނޫންވެސް ވިޔަފާރިގެ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާއިރު ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީގެ ވެރިކަމުގެ ދުވަސްވަރުވަނީ ރާއްޖެއަށް ވަޑައިގެންފައެވެ. ރާއްޖޭގެ އިތުރުން ފަލަސްޠީނަށް އެހީވުމުގައިވެސް ޤަތަރަކީ ދުނިޔޭގެ އެހެންހުރިހާ ޤައުމަކަށް ނަމޫނާއެކެވެ.
ޤަތަރު މިއަދު ދެކޭ ތަރައްޤީގެ ބާނީއަކީ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީއެވެ. އެގޮތުން އެޤައުމުގައި ފަތުރުވެރިކަން ފުޅާކުރައްވާ، ގުދުރަތީ ގޭސް ނުވަތަ ހަކަތައިގެ ދާއިރާ ފުޅާކުރައްވާ، ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޗެނަލްކަމުގައިވާ އަލްޖަޒީރާ ތަޢާރަފްކުރައްވާ، ޖީސީސީގެ އެންމެ ވަރުގަދަ އެއް ޤައުމަށް ޤަތަރު ހެއްދެވީވެސް އެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުގައެވެ.