ޚަބަރު

"ޤަތަރުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމަކީ ޚާރިޖީ ގުޅުމުގެ ބޮޑު ކުރިއެރުމެއް"


  • ޚާރިޖީ ގުޅުން ޤާއިމުކުރިތާ 42 އަހަރު ވަނީ ފުރިފައި

  • ދޯހާގައި އެމްބަސީއެއް ހުޅުވީ 2025 ވަނަ އަހަރުގެ ޖޫން މަހު

ޤަތަރުގެ ދޯހާގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމަކީ ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންގޮސްދިން މުހިންމު ކުރިއެރުމެއް ކަމަށް ޚާރިޖީ ވުޒާރާގެ ސެކެޓްރީ ޑރ. ހާލާ ހަމީދު ވިދާޅުވެއްޖެއެވެ.

ޑރ. ހާލާ ހަމީދު މިފަދައިން ވިދާޅުވީ، ޤަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާއި ގުޅިގެން ޕީއެސްއެމް ނިއުސްގެ ޚާއްސަ ކަވަރޭޖްގައި ވާހަކަ ދައްކަވަމުންނެވެ.

ޚާރިޖީ ވުޒާރާގެ ސެކެޓްރީ ޑރ. ހާލާ ހަމީދު ވިދާޅުވީ، ރާއްޖެއާއި ޤަތަރާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 42 އަހަރު ވެފައިވާއިރު، އެންމެ މުހިންމު އެއް ކަމަކަށް ފާހަގަކުރެވެނީ މިދިޔަ އަހަރު ދޯހާގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައި، ދިވެހި ސަފީރަކު އެ ތަނުގައި ޤާއިމުވެ ހުންނެވުން ކަމަށެވެ. މިއީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިގޮތަށް އަޅުގަނޑުމެންގެ ޚާރިޖީ ގުޅުން މަތީ ހަރުފަތަކަށް ދާއިރުގައި އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ވަރަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް. އެއީ އަޅުގަނޑުމެންނަށް ދޯހާގައި ސަފީރަކު ހުންނަވައިގެން ގަތަރުގެ ހުރިހާ މުހިންމު ބޭފުޅުންނާ ބައްދަލުކުރެއްވޭނެ. ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާ އަޅުގަނޑުމެންނަށް އެހީ އެކިގޮތްގޮތުން ހޯއްދެވޭނެ،" ޑރ. ހާލާ ވިދާޅުވިއެވެ.

ޑރ. ހާލާ ވިދާޅުވީ، ނިއުޔޯކާއި ޖެނީވާ ފަދަ ބައިނަލްއަޤުވާމީ މުޖުތަމައުގައި ދޯހާއަކީ ވަރަށް ބޮޑަށް ބަލައިގަންނަ ތަނެއް ކަމަށެވެ. އެފަދަ މުހިންމު ސިޓީއެއްގައި ރާއްޖޭގެ އެމްބަސީއެއް ހުރުމަކީ ރާއްޖެއަށް އެކި ދާއިރާތަކުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ނައިބު ރައީސްވެސް މީގެ ކުރިން ދޯހާއަށް ޒިޔާރަތްކުރައްވާފައިވާ އެތަނުގައި ބޭއްވި މުހިންމު ބައިނަލްއަޤުވާމީ ކޮންފަރެންސްތަކުގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށްވެސް ޚާރިޖީ ވުޒާރާގެ ސެކެޓްރީ ޑރ. ހާލާ ހަމީދު ވިދާޅުވިއެވެ.

ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ހުންނަނީ އެޤައުމުގެ ވެރިރަށް ދޯހާގައެވެ. މި އެމްބަސީ އުފައްދާފައިވަނީ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަކުރުމަށާއި، ސިޔާސީ، އިޤްތިޞާދީ، ދިފާޢީ އަދި ތަޢުލީމީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށްޓަކައި 2025 ވަނަ އަހަރުގެ ޖޫން މަހުގައެވެ. އެ ޤައުމަށް ކަނޑައެޅުއްވި ފުރަތަމަ ދިވެހި ސަފީރަކީ އާދަމް ޝަރީފް ޢުމަރެވެ.