އުރުގުއޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމު މިހާރު ކުޅުން ހުއްޓާލާފައިވާ މަޝްހޫރު ފޯވަޑް ޑިއެގޯ ފޯލާން އަށް ދިނުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން ނިންމައިފި އެވެ.
އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުން އުރުގުއޭ މި ފަހަރު ކަޓާފައިވަނީ ކުރިން އުންމީދު ނުކުރާފަދަ ދަށް ނަތީޖާތަކަކާއިއެކުގަ އެވެ. އެގޮތުން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސައުދި އަރަބިއްޔާ އާއި 1-1 ގެ ނަތީޖާ އަކުން އެއްވަރުވެފައިވާއިރު, ދެވަނަ މެޗުގައި ކޭޕް ވާޑޭ އާއި ދެކޮޅަށް ކުޅުނު މެޗުވެސް ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފަ އެވެ. އަދި ތިންވަނަ މެޗުގައި ސްޕެއިން އަތުން ވަނީ 1-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.
އުރުގުއޭ މި ފަހަރުގެ ވޯލްޑްކަޕުގެ ގްރޫޕް ސްޓޭޖުން ކަޓާފައިވާއިރު އެންމެ ފަހުން ގަތަރުގައި ބޭއްވި ވޯލްޑްކަޕްގެ ވެސް ގްރޫޕް ސްޓޭޖުން އެ ޓީމު ވަނީ ކަޓާފަ އެވެ.
އާޖެންޓީނާގެ ތަޖުރިބާކާރު ކޯޗު މާސެލޯ ބިއެލްސާގެ އިރުޝާދުގެ ދަށުން މި ފަހަރުގެ މުބާރާތާއި ކުރިމަތިލި އުރުގުއޭ ގްރޫޕް ސްޓޭޖުން ކެޓުމާއިއެކު އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ވަގުތީ ގޮތުން ޑިއެގޯ ފޯލަން އާއި އެ ޒިންމާ ހަވާލު ކުރުމަށެވެ.
އެގޮތުން އޭނާ އާއިއެކު އެއްބަސްވެފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ކޯޗު ކަމުގެ ޒިންމާ އަދާ ކުރުމަށެވެ. އަދި އެ މުއްދަތުގައި ނެރޭ ނަތީޖާތަކަށް ބެލުމަށްފަހު އޭނާ އާއިއެކު ދިގު މުއްދަތުގެ އެއްބަސްވުމެއް ހެދުމަށް ވަނީ ނިންމާފަ އެވެ. އަދި މި މުއްދަތުގެ ތެރޭގައި އުރުގުއޭގެ 20 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަންވެސް ކުރާނީ ފޯލާން އެވެ.
ޔޫރަޕްގެ މަޝްހޫރު ކްލަބްތައް ކަމުގައިވާ މެންޗެސްޓަރ ޔުނައިޓެޑާއި އެތްލެޓިކޯ މެޑްރިޑްގެ އިތުރުން ވިޔަރެއާލް އަށް ކުރިން ކުޅެފައިވާ ފޯލާން ކުޅުން ހުއްޓާލުމަށްފަހު ކޯޗިންގެ ތެރެއަށް ވަދެފައިވަނީ 2019 ވަނަ އަހަރު އެވެ.