އަމާޒަކީ ވިޔަފާރި ނަފާ އިތުރުކުރުމެއް ނޫންކަމަށާއި މި ވަގުތު އެންމެ ބޮޑަށް އަހައްމިއްޔަތުކަން ދެނީ، ދަތިކަމެއް ނެތި ހުރިހާ ބޭހެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ.ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޑރ. ޝާހު މާހިރު ވިދާޅުވީ، އެ ކުންފުނީގެ ޒިންމާއަކީ ދިވެހިރާއްޖެއަށް ބޭނުންވާ ބޭހާއި، ސިއްޙީ އާލާތްތައް ގަނޑުކޮށް ގަނެ، އެތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. ޑރ ޝާހު ވިދާޅުވި ގޮތުގައި، ބޭހުގެ މައްސަލައަކީ ޒަމާނުއްސުރެ ހައްލު ބޭނުންވެ، ހައްލު ނުލިބިވާ ކަމެއް ކަމަށެވެ. އަދި މިކަމަށް ވަށައި ޖެހޭ ދާއިމީ ހައްލެއް ގެނައުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، ސްޓޮކް މެނޭޖްމަންޓް އަދި ސަޕްލައި ޗެއިން މެނޭޖްމަންޓް ރަނގަޅުކޮށް، ޒަމާނީ ވަސީލަތް ބޭނުން ކޮށްގެން ޑިޖިޓަލް ސިސްޓަމް ޤާއިމް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ވަގުތީ ހައްލު ހޯދުމަށް، ރާއްޖެއިން ނުލިބޭ ބޭސްތައް ޕްރިސްކްރިޕްޝަނަށް އޯޑަރު ކުރަމުން އައި ނަމަވެސް، ކުރިޔަށް އޮތްތަނުގައި ދުރާލާ ރާއްޖެއަށް ބޭނުންވާ ބޭހުގެ ފޯކާސްޓެއް ހަދައި، 1 އަހަރު ނުވަތަ 2 އަހަރު ދުވަހަށް ބޭނުންވާ ވަރަށް ބޭސް އެތެރެކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި މި މަސައްކަތް ކުރުމުގައި އެންމެ ބޮޑު އިސްކަމެއްދޭނެ އެއްކަމަކީ ވިޔަފާރި ނަފާ އިތުރު ކުރުމަށްވުރެ ހުރިހާ ބޭހެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ.ޝާހު މާހިރު ވިދާޅުވިއެވެ.
އެސްޓީއޯއިން ހިންގަމުން އައި ބޭސްފިހާރަތައް ސްޓޭޓްފާމައަށް ރަސްމީކޮށް ބަދަލުކޮށް، ދާދިފަހުން ވަނީ ޚިދުމަތް ދޭން ފަށާފައެވެ. އެސްޓީއޯއިން ހިންގަމުން އައި 193 ފާމަސީއެއް ސްޓޭޓްފާމާގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ. ބޭސް ލިބުމުގެ ދަތިތައް ޙައްލުކުރަން އެކުންފުނިން ކުރި ދިރާސާގައި ރާއްޖޭގައި ބޭނުން ކުރާ ބޭހުގެ ތެރެއިން އެސްޓީއޯގައި ރަޖިސްޓްރީކޮށްފައިވަނީ، 25 އިންސައްތަ ބޭހެއެވެ. އެހެންކަމުން މުޅި ނިޒާމަށް ހައްލެއް ގެނައުމަށް އަމިއްލަ ފަރާތްތަކާއި ގުޅިގެން އަގުތައް ހިފެހެއްޓުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.
ދިވެހި ރައްޔިތުންނަށް ބޭސް ލިބުމުގައި ހުރި ދަތިތައް ޙައްލު ކުރުމުގެ ގޮތުން ސްޓޭޓް ފާމަސޫޓިކަލްސްއިން ވަނީ، ހޮޓްލައިން ނަންބަރެއްވެސް ތަޢާރަފް ކޮށްފައެވެ. ދައުލަތުގެ ބޭސް ކުންފުނިން ތަޢާރަފްކޮށްފައިވާ ހޮޓްލައިން ނަންބަރަކީ، 1505 އެވެ. މިއީ، 24 ގަޑިއިރު ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ޚިދުމަތް ލިބޭ ގޮތަށް ތައާރަފް ކޮށްފައިވާ ނަންބަރެކެވެ.