ޚަބަރު

ރާއްޖެ-އިންޑިއާ އެފްޓީއޭ މަޝްވަރާތަކުގެ ފުރަތަމަ ބުރު ނިމިއްޖެ


  • 12 ދާއިރާއަކުން ވަނީ މަޝްވަރާކޮށްފައި

  • ރާއްޖެ-ޗައިނާ އެފްޓީއޭއަށް މިހާރުވެސް ދަނީ އަމަލުކުރަމުން

ރާއްޖެއާއި އިންޑިއާއާއި ދެމެދު ކުރެވެމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތަކުގެ ފުރަތަމަ ބުރު ނިމިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖެއާއި އިންޑިއާއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމްކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިކަމުގައި 2 ޤައުމުގެ ދެމެދުގައި މަޝްވަރާތައް ދަނީ ބާއްވަމުންނެވެ.

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްކަމަށެވެ. މި މަސައްކަތުގެ ދަށުން މިހާރުވެސް ފުރަތަމަ ބުރުގެ މަޝްވަރާތައް ނިންމާލެވިއްޖެކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެތެރޭގައި 12 ދާއިރާއެއް ހިމެނޭކަން ވަޒީރު ސައީދު ފާހަގަކުރެއްވިއެވެ.

"އޭގެތެރޭގައި 12 ދާއިރާއަކުން 102 ފަރާތަކަށް ދިވެހިރާއްޖޭގެ އަޅުގަނޑު މި ދަންނަވަނީ 65 ޕްރައިވެޓް ފަރާތަކާއި އަޅުގަނޑުމެން މިހާރުވެސް މަޝްވަރާކުރެވިގެން ޚިދުމަތާއި ގުޑްސްއާއި އަދި ޓެކްނިކަލް ބެރިއާސްތަކާއި އަދި އިކޮނޮމިކް ކޯޕަރޭޝަންގެ ދާއިރާއިންވެސް މަސައްކަތް ކުރަމުން މިދަނީ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ސައީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަން ނޫން އެހެން ދާއިރާތަކަށް މިސްރާބުޖަހަންޖެހޭކަމަށެވެ. މި ސަރުކާރުން ކުރަމުން ދަނީ އެ މަސައްކަތްކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ދުނިޔޭގެ މާކެޓްތަކާއި އެކަހެރިވެފައި އޮތް އޮތުން ބަދަލުކުރަން ޖެހޭކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ރާއްޖެ އިތުރު މާކެޓްތަކުގެ ތެރެއަށް ވަންނަންޖެހޭކަމަށެވެ. އޭގެތެރޭގައި އެކްސްޕޯޓްކުރެވޭނެ ގޮތްގޮތް ހޯދަންޖެހޭކަން ފާހަގަކުރެއްވިއެވެ.

އިންވެސްޓްކުރުމަށްޓަކައި ރާއްޖޭގެ ޚިޔާލްތަކާއި ރާއްޖޭގެ ޒުވާން ވިޔަފާރިވެރިންގެ ވިސްނުންތައް އެމީހުން ބޭނުންވާ ހިސާބަށް ގެންދެވޭނެ ފުރުސަތު ފަހިކޮށްދިނުމަކީ ސަރުކާރުން ކުރަންޖެހޭނެކަމެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެމަގަށް މަސައްކަތް ކުރަމުންދާކަމަށެވެ. އިންޑިއާއާއެކުގައި ގާއިމްކުރަން މަސައްކަތްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ މީގެ މަސައްކަތެއްކަން ވަޒީރު ސަޢީދު ވިދާޅުވިއެވެ.

އިންޑިއާ-ރާއްޖެ އެފްޓީއޭގެ މަސައްކަތް ކުރިއަށްދާއިރު، ރާއްޖެއިން ވަނީ ޗައިނާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ޢަމަލުކުރަން ފަށާފައެވެ. އަދި ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓް ނުވަތަ ވަކި ބާވަތްތަކުން ލުއި ލިބޭ އެއްބަސްވުމެއްގައި ތުރުކީވިލާތާއެކު ރާއްޖެއިންވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ މަސައްކަތް ނިމި ޢަމަލުކުރަން ފެށުމުގެ ކުރިން މިހާރު ކުރިއަށް ދަނީ، ދެ ޤައުމުގެ ދެމެދު ކުރަންޖެހޭ މަސައްކަތްތައް ކަމަށްވެސް އިޤްތިޞާދީ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.