ޚަބަރު

މިއަހަރުގެ ފުރަތަމަ 6 މަހު ސައިބާ ކުށްތައް %105 އިތުރު


  • މިދިޔަ އަހަރުގެ ފުރަތަމަ 6 މަހު ހުށަހެޅީ 512 މައްސަލަ

  • މިއަހަރު 1,053 މައްސަލަ ހުށަހަޅާފައިވޭ

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ރާއްޖޭގައި ސައިބާ ކްރައިމްގެ މިންވަރު 105 އިންސައްތަ އަށްވުރެ އިތުރުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށަހަޅާފައިވަނީ، ސައިބާ ކްރައިމްގެ 512 މައްސަލައެވެ. ނަމަވެސް، މިއަހަރުގެ މި މުއްދަތުގައި އެ އަދަދުވަނީ 1,053 އަށް އިތުރުވެފައެވެ.

އަދި މިއަހަރުގެ މިހާތަނަށް 884 މައްސަލައެއްގެ ތަޙުޤީޤު ކުރިއަށްދާއިރު، ފިޔަވަޅުތައް އެޅުމަށްފަހު 457 މައްސަލަ ވަނީ ނިންމައި ފައިލްކޮށްފައެވެ. މީގެ ތެރޭގައި މިމުއްދަތުގެ ކުރިން ހުށަހެޅި މައްސަލަތައްވެސް ހިމެނޭކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ސައިބާ ކުށްތަކުގެ ނިސްބަތް މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ، އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވުން ކަމުގައި ފުލުހުން ވިދާޅުވިއެވެ. އަދި މި ތަފާސްހިސާބުތަކުން ދައްކައިދެނީ، ކުށްކުރާ ފަރާތްތަކުން އާންމުންގެ އަތުން ފައިސާ ފޭރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ މިންވަރު ފުޅާވެފައިވާ މިންވަރު ކަމަށްވެސް ވިދާޅުވިއެވެ.

ވަކިވަކި ކުށްތަކަށް ބަލާއިރު އޮންލައިން ޝޮޕިންގް ސްކޭމްގެ ކުށްތައް ވަނީ، 86 އިން 464 އަށް އިތުރުވެފައެވެ. މިއީ، 439 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މިއީ މުޅި ސައިބާ ކްރައިމްގެ ބާވަތްތަކަށް ބަލާއިރު، މިއަހަރު އެންމެ ގިނައިން ރިޕޯޓުކުރި އަދި އެންމެ ބޮޑަށް އިތުރުވި ބާވަތްކަން ފުލުހުން ފާހާގަކުރައްވައެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތައް 15 އިން 109 އަށް އިތުރުވެފައިވެފައެވެ. މިއީ، މިދިޔަ އަހަރާއި އަޅާބަލާއިރު 626 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ބޭރު ފައިސާ ބަދަލުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް 83 އިންސައްތަ އިތުރުވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ، މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހާއި މި އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު މަދުވެފައިވާ ކުށްތަކުގެ ތަފާސް ހިސާބުވެސް އާންމުކޮށްފައެވެ. އެގޮތުން މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވި ނަމަވެސް، މީގެ ކުރީ އަހަރުތަކުގައި އާންމުކޮށް ފެންނަ، މީހުންގެ ޒާތީ މައުލޫމާތާއި އަބުރާ ގުޅުންހުރި ބައެއް ކުށްތައް ދަށްވެފައިވާކަން އެއިދާރާއިން ފާހަގަކުރައްވައެވެ. އެގޮތުން އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ މައްސަލަތައް ވަނީ 16 އިން 4 އަށް ދަށަށް ގޮސްފައެވެ. މިއީ، މިދިޔަ އަހަރާއި އަޅާބަލާއިރު 75 އިންސައްތައިގެ ދަށްވުމެކެވެ.

އަމިއްލަ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކުރުމުގެ މައްސަލަތައް ދަށަށް ގޮސްފައިވާއިރު، ކްރެޑިޓް އަދި ޑެބިޓް ކާޑު ފްރޯޑްގެ މައްސަލަތައް ވެސް ދަށަށް ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ސައިބާ ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ގެއްލޭ މުދާ އަނބުރާ ހޯދައިދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ، ޚާއްސަ އިސްކަމެއްދީގެން މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި 182 މައްސަލައެއްގައި އާންމު ރައްޔިތުންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، ހެކްކޮށްފައިވާ ވައިބަރ، ވަޓްސްއެޕް އަދި ފޭސްބުކް ފަދަ 120 އެކައުންޓުތައް އަނބުރާ ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މީގެއިތުރުން މިކަމަށް ޢާއްމުން ހޭލުންތެރި ކުރުވުމަށް މިއަހަރުގެ މިހާތަނަށް އެކިއެކި ސެޝަންތަކުގައި ޖުމުލަ 3،143 ފަރާތަކަށް މައުލޫމާތު ފޯރުކޮށްދީފައެވެ.

ފުލުހުން ވިދާޅުވީ، ސައިބަރ ކުށްތަކުން ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ އާންމު ފަރުދުންގެ ހޭލުންތެރިކަމާއި އެކަމަށް ދޭ ސަމާލުކަން ކަމަށެވެ. އެހެންކަމުން އޮންލައިންކޮށް ވިޔަފާރި ކުރުމާއި، ފައިސާގެ މުއާމަލާތްތައް ހިންގުމުގައި، މުއާމަލާތް ކުރާ ފަރާތުގެ ސައްހަކަން ކަށަވަރު ކުރުމަށާއި، އަމިއްލަ ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން ފަރާތްތަކާއި ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.