ޚަބަރު

އޮޑިޓަރ ޖެނަރަލް އޮފީހުގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި


އޮޑިޓަރ ޖެނަރަލް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓްގެ ގޮތުގައި ސާޅިސް ފަސްމިލިއަން ރުފިޔާ ދިނުމަށް ރައްޔިތުން މަޖިލީހުން ފާސްކުރައްވައިފިއެވެ.

މާލިއްޔަތު ކޮމެޓީން ހުށައެޅުއްވި ގޮތަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުގެ ބަޖެޓް ފާސް ކުރެއްވުމަށް ވޯޓް ދެއްވާފައިވަނީ، މިއަދުގެ ޖަލްސާގައި ބައިވެރިވެޑައިގެންނެވި ފަންސާސް ތިން މެމްބަރުންގެ ތެރެއިން ސާޅީސް ހަ މެންބަރުންނެވެ. ނުފެންނަ ކަމަށް ހަ މެމްބަރަކު ވޯޓް ދެއްވިއިރު އެއް މެމްބަރަކު ވޯޓްގައި ބައިވެރިވެޑައިގެންފައެއްނުވެއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓްގެ ގޮތުގައި ސާޅީސް ފަސްމިލިއަން ރުފިޔާ ކަނޑައަޅުއްވާފައި މިވަނީ މާލިއްޔަތު ކޮމެޓީއަށް ފިނޭންސް މިނިސްޓަރާއި އޮޑިޓަރ ޖެނެރަލް އިއްޔެ ޙާޒިރުކުރައްވާ އެ އޮފީހުގެ ބަޖެޓާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުއެވެ. އަންނަ އަހަރުގެ ބަޖެޓްގެ ގޮތުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށައެޅުއްވީ ފަސްދޮޅަސް މިލިއަން ރުފިޔާއެވެ. އެހެންމަވެސް އިއްޔެ ބޭއްވެވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ އޮޑިޓް އޮފީހުގެ ބަޖެޓްގެ ގޮތުގައި އެންމެ ގިނަވެގެން ދެވޭނީ ސާޅީސް ދެމިލިއަން ރުފިޔާކަމަށެވެ.

އެ ނިންމުމަށް މަޝްވަރާ ކުރެެއްވުމަށްފަހު މާލިއްޔަތު ކޮމެޓީން ނިންމަވާފައިވަނީ އެ އޮފީހުގެ ބަޖެޓްގެ ގޮތުގައި ސާޅީސް ފަސް މިލިއަން ރުފިޔާ ދެއްވުމަށެވެ. އަދި އޮޑިޓް އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ދެ މިލިއަން ރުފިޔާއަށްވުރެ އިތުރު ނުވާ އަދަދެއް ކޮންޓެންޖެންސީ ބަޖެޓުން އެ އޮފީހަށް ދެވިދާނެކަމަށްވެސް މާލިއްޔަތު ކޮމެޓީން ނިންމަވާފައިވެއެވެ. އެހެންމަވެސް އެނިންމުން ނިންމޭނީ މާލިއްޔަތު ކޮމެޓީއާއި މަޝްވަރާކުރެއްވުމަށްފަހުކަމަށްވެސް މާލިއްޔަތު ކޮމެޓީގެ ނިންމެވުމުގައިވެއެވެ.