އައްޑޫސިޓީ ލިންކްރޯޑު ހެދުމުގެ މަސައްކަތް ކުރިއަށްގެންދާނީ މަގު އެއްކޮށް ބަންދު ނުކޮށް އެއް ފަޅި ބޭނުން ކުރެވޭ ގޮތަށްކަމަށް ބިނާރާ ގެދިރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖީލީހުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު ޢަޙްމަދު އަޒާން މަރުޒޫޤް ވަނީ ހިތަދޫ ލިންކް ރޯޑްގެ މަސައްކަތް ކުރިއަށްދާގޮތް ސާފުކޮށްދެއްވުމަށް އެދިފައެވެ. އައްޑޫ ލިންކް ރޯޑުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އާރްޑީސީއާއެވެ.
އެ މަސައްކަތް ކުރިއަށްދާގޮތާ ގުޅޭގޮތުން ވަޒީރު މުއްޠަލިބް ވިދާޅުވީ އާރުޑީސީއާ ހަވާލުކޮށްގެން ލިންކް ރޯޑްގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި މަގު ހެދުމުގައި، މަގު ފުޅާކުރުން ހިމެނިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ އައްޑޫ ލިންކް ރޯޑުގެ މަސައްކަތަކީވެސް ސަރުކާރުން ވަރަށް އިސްކަންދޭ މަޝްރޫޢުއެއްކަމަށެވެ. ވަޒީރު ވިދާޅުވީ އެ މަގު ހެދުމުގައި ރައްޔިތުންނަށް އެ މަގު ބޭނުންނުކުރޭނެ ގޮތައް މަގު ބަންދުކޮށްގެން އެކަން ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އެއް ފަރާތް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާއިއެކު މަގު ބޭނުންކުރެވޭނެ ގޮތެއް ހަދައިގެން ކުރިއަށް ގެންދާނެ ކަމަށާއި އެ އުސޫލުން މަސައްކަތް އަވަސްކޮށްގެން ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިހާރު ބައެއް ސަރަހައްދުތަކުގައި ދެ ލޭންގެ މަގެއް އެއީ. ހަތަރު ލޭނަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ. ވަރަށް ކާރުބާރުބޮޑު އެހެން ޑައިވާޝަން މަގެއް ނެތް ތަންތަން ހުރި މަގެއް ލިންކް ރޯޑަކީ. އެހެންވީމަ އެ މަގު ހަދާއިރު ވިސްނާލަން ޖެހޭނެ އެއް ފަރާތް ހަދާފައި ހުޅުވާފައި އަނެއް ފަރާތް ހެދުމުގެ ކަންކަން. އެގޮތުން ފުޅާކުރަންޖެހޭ ބައި ސާފުކުރުމަށްފަހުގައި ސައިޑް ވޯކް ހެދުމަކަށް ނޫން އެންމެ އިސްކަމެއް ދޭނީ ކެރޭޖް މަސައްކަތް ކުރުމަށްޓަކައި." ބިނާރާ ގެދިރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓުން 829 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫޢަށް ބޭނުންވާ ސާމާނުގެ ތެރޭގައި ހިމެނޭ ބޮޑެތި އުޅަނދުތަކުގެ އިތުރުން އެހެނިހެން މުހިންމު ސާމާނުތައް މިދިޔަ މެއި މަހު ވަނީ ގެންގޮސްފައެވެ.
މި މަޝްރޫއުގެ ދަށުން ޖުމްލަ 3 މަގެއްގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި 67.58 ކިލޯމީޓަރުގެ މަގު ހެދުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުން ހިމެނެއެވެ. އަދި ސީޓީބީ މަގުތައް ތާރު އަޅައިގެން ތަރައްޤީ ކުރުމާއި، މިހާރު ހުރި ތާރު މަގުތަކުގެ މަތީގައި އިތުރު ފަށަލައެއް އެޅުމާއި، ގައު އަތުރާފައިވާ މަގުތަކުގައި ތާރު އެޅުން ހިމެނެއެވެ. މި މަޝްރޫއު ކުރިއަށްދަނީ، ހިތަދޫ، ފޭދޫ، މަރަދޫ، ހުޅުދޫ އަދި މީދޫ ހިމެނޭ ގޮތުން މުޅި އައްޑޫ ސިޓީގައެވެ.
އައްޑޫ ލިންކް ރޯޑް އަލުން ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން 150 މިލިމީޓަރުގެ ސީޓީބީ ފަށަލައަކާއި، 40 މިލިމީޓަރުގެ ބޯމިނުގެ ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މިހާރު ހުރި ދުވާރުތަކާއި ތާރުތައް ކޮނެގެން ނަގައި، ހައިވޭގެ 4 ލޭން ހިމެނޭ ސަރަހައްދުތަކުން ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. މި މަޝްރޫޢުގެ ދަށުން މަގުތަކުގައި ދުވާރު ހަދައި، މަގުމަތީގެ ނިޝާންތައް ހަރުކޮށް، ބައިބައި ވަކިކުރުމަށް ފާރު ބިނާކުރުން ފަދަ އިތުރު މަސައްކަތްތައްވެސް ކުރިއަށްދާނެއެވެ.
2003ވަނަ އަހަރު އައްޑޫ ލިންކް ރޯޑު ބޭނުންކުރަން ފެށިފަހުން އެކި ދުވަސްވަރު މަތިން މިމަގު މަރާމާތު ކުރި ނަމަވެސް މަގުގެ ހާލަތު އޮތީ، ވަރަށް ދަށްކޮށް ކަމަށް އެރަށުގެ ރައްޔިތުން ފާހަގަކުރެއެވެ. އަދި މި މަގުގެ ފެންވަރު ދަށްވުމުގެ ސަބަބުން ވޭތުވެދިޔަ އަހަރުތަކުގައި މިމަގުގައި ނުރައްކާތެރި އެތައް ހާދިސާތަކެއް ވަނީ ހިނގާފައެވެ. އަދި ބައެއް ހާދިސާތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލި ފޫނުބެއްދޭ ވަރުގެ ހިތާމަވެރި އެތައް ހާދިސާއެއް ހިނގާފައިވެއެވެ.