ޚަބަރު

ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އާބާދުކުރަން 2.3 ބިލިޔަން ޑޮލަރުގެ މަޝްރޫޢެއް


ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ބިނާކޮށްފައިވާ ޔަހޫދީ އާބާދީތައް އިތުރަށް ފުޅާކުރުމަށްޓަކައި، 2.3 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ސޮއިކޮށްފިއެވެ.

ޔަހޫދީންގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން އިތުރުކޮށް، އިސްތިޢުމާރު ފުޅާކުރަން ރާވާފައިވާ ރޭވުމުގެ މުޙިއްމު ބައެކެވެ.

މި ބިޔަ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިސް ވަޒީރުން ބައިވެރިވިކަމަށް އެ ނޫހުން ބުންޏެވެ.

މި އެއްބަސްވުމުގެ ސަބަބުން ހުޅަނގު އައްސޭރީގައި ވަޒަންވެރިވެފައިވާ ޔަހޫދީންގެ އަސާސީ ވަޞީލަތްތައް ތަރައްޤީކޮށް، އެ ސަރަޙައްދުގައި ހިންގާ އިސްތިޢުމާރީ މަޝްރޫޢުތަކަށް ބޮޑު ބާރެއް ލިބިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔަހޫދީންގެ އިސްތިޢުމާރާ ދެކޮޅަށް މަސައްކަތްކުރާ "ޕީސް ނައު" ޖަމްޢިއްޔާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިހާރުވެސް ހުޅަނގު އައްސޭރީގައި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް 500,000 އަށްވުރެ ގިނަ ޔަހޫދީން ވަޒަންވެރިވެގެން އުޅެއެވެ.

ފަލަސްޠީނުގެ އިސްތިޢުމާރުކޮށްފައިވާ ބިންތަކުގައި ޔަހޫދީންގެ އާބާދީތައް ބިނާކުރުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، ޣައިރުޤާނޫނީ ޢަމަލެއް ކަމަށް އދއިން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.

ފަލަސްޠީނުން އަބަދުވެސް ވަކާލާތު ކުރަމުންދަނީ 1967 ވަނަ އަހަރު ޔަހޫދީން ހިފާފައިވާ އިރުމަތީ ޤުދުސްއަކީ އެމީހުންގެ މިނިވަން ދައުލަތުގެ ވެރިރަށް ކަމުގައި ހެދުމަށެވެ.

އަދި 1980 ވަނަ އަހަރު ޤުދުސްއަކީ ޔަހޫދީ ދައުލަތުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް ޔަހޫދީން ނިންމި ނިންމުމަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގަންނަ ނިންމުމެއް ނޫނެވެ.

މި އައު މަޝްރޫޢާއެކު މެދުއިރުމަތީގެ ސުލްޙައިގެ މަސައްކަތްތަކަށް އިތުރު ހުރަސްތަކެއް އެޅި، ސަރަޙައްދީ ހަމަޖެހުން އިތުރަށް ގޯސްވެގެންދާނެ ކަމަށް ސިޔާސީ މާހިރުން ވަނީ އިންޒާރު ދެއްވައިފައެވެ.