ކުޅިވަރު

އާޖެންޓީނާ - އިނގިރޭސި މެޗުން އާކޮށްދެނީ ހަސަދަ އާއި ވާދަވެރިކަމާއި ނާއިންސާފުގެ ތާރީހް


1982 ވަނަ އަހަރު އިނގިރޭސި އޭރުގެ ބޮޑު ވަޒީރު މާގްރެޓް ތެޗާ އާޖެންޓީނާއާ ހަނގުރާމައަށް ހާއްސަ އަސްކަރީ ކަނޑުގެ ލަޝްކަރެއް ފޮނުއްވީ ދެކުނު އެޓްލާންޓިކް ކަނޑުގައިވާ ފޯކްލޭންޑް ޖަޒީރާތަކުގެ ސިޔާދަތީ ބާރުވެރިކަން ޖަހައިގަތުމަށެވެ. 74 ދުވަހަށް ދެމިގެންދިޔަ މި ނުރައްކާތެރި ހަނގުރާމަ އަކީ މިހާތަނަށް ވެސް މި ދެ ގައުމުގެ ވާހަކަ ދައްކާއިރު ގިނަ ބައެއްގެ ބަހުސްތެރޭގައި ހިމަނާ މުހިންމު ނުކުތާއެކެވެ.

މި ފޯރި ފުޓްބޯޅަ ދަނޑަށް ވެސް ފޯރީ އިމެއްމިނެއްނެތި އެވެ. މި ހަނގުރާމަ އަށް ފަހު ކުޅުނު ފުރަތަމަ ވޯލްޑްކަޕަކީ މެކްސިކޯގައި ކުޅުނު 1986 ވަނަ އަހަރުގެ މުބާރާތެވެ. ފޯކްލޭންޑް ހަނގުރާމައިގެ ދުންފުނި ފިލައި ނުދަނީސް ކުޅުނު އެ މުބާރާތުން އާޖެންޓީނާ އާއި އިނގިރޭސިންގެ ގުޅުން އިތުރަށް ގޯސްވެގެންދިޔަ އެވެ. މިފަހަރުގެ ސަބަބަކަށްވީ މަޝްހޫރު ޑިއެގޯ މަރަޑޯނާ އެވެ. މުބާރާތުގެ ކުއާޓާ ފައިނަލުން އިނގިރޭސިން ކަޓުވާލީ އޭނާ ޖަހައިދިން ހިތްގައިމު ދެ ގޯލުންނެވެ. މީގެ ގަރުނުގެ އެންމެ މޮޅު ލަނޑު ކަމަށްވި ގޯލު މަރަޑޯނާގެ ދުލުން އެ ގޯލުގެ ހަގީގަތް ހާމަކުރުމާ ހަމައަށް މުޅި ދުނިޔޭގެ ވެސް ބޮޑު ބަހުސަކަށް ބަދަލުވި އެވެ. ވީއޭއާރާއި ވީޑިއޯ ޓެކްނޮލޮޖީ އާއި ވަށައިގެން ކެމެރާ އަޅާފައި ނެތް ޒަމާނެއްގައި އިނގިރޭސި ފަސް ކުޅުންތެރިންނާއި ކަޓުވާފައި ގޮސް ގޯލުގެ ތެރެއަށް މަރަޑޯނާ ބޯޅަ ފޮނުވާލީ އިނގިރޭސި ކީޕަރު ޕީޓަ ޝިލްޓަން ބޯޅަ ދިފާއުކުރަނިކޮށް އަތުން ޖަހަ އެވެ.

އެ ދުވަހު ރެފްރީ އަށް މި މަންޒަރު ނުފެނުނެވެ. އެކަމަކު އެއީ ވީއޭއާރުގެ ޒަމާނެއްނަމަ އެދުވަހު އިނގިރޭސި ކުޅުންތެރިން ޖެއްސި މައްސަލަ ބަލައި މި ގޯލު ކެންސަލް ކުރެވޭނެ ކަމާމެދު އެކަކު ވެސް ޝައްކު ނުކުރާނެ އެވެ. އެކަމަކު ނަސީބު ދެރަކަމުން މި ބޮޑު ނާއިންސާފާއެކު އިނގިރޭސިން މުބާރާތާ އަލްވަދާއު ކިޔަން ޖެހުނެވެ. މިކަމާ އައި ރުޅީގައި ޓީމުގެ މެނޭޖަރު ކުޅުންތެރިންނަށް އެނގީ އާޖެންޓީނާގެ އެކަކާ ވެސް ޖާޒީ ބަދަލު ނުކުރުމަށެވެ. އޭނާ ސިފަކުރީ އެއީ ނުލަފާ ޖަނަވާރުންތަކެއް ގޮތުގަ އެވެ.

އެކަމަކު އާޖެންޓީނާ ނަޒަރުގައި މިއީ އެ މީހުންނަށް ލިބުނު ބޮޑު މޮޅެކެވެ. ސަބަބަކީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕުން އާޖެންޓީނާ ކެޓީ އިނގިރޭސިން އަތުން ކަމަށްވުމެވެ. އާޖެންޓީނާގެ ނަޒަރުގައި އިނގިރޭސި އޭރުގެ ރާނީގެ އަތްޕުޅުން ކެޕްޓަން ބޮބީ މުއާ އަށް ވޯލްޑް ކަޕް އުފުލާލަން ފުރުސަތު ލިބުނީ އިންސާފުން ބޭރުން ނެރުނު ނަތީޖާތަކެއްގެ ސަބަބުންނެވެ.

މި ހަސަދަވެރިކަމުގެ ގެތިގެންދިޔަ އަނެއް ހާދިސާ އަކީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިނގިރޭސި ކެޕްޓަން ޑޭވިޑް ބެކަމަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމެވެ. މިއީ އެތްލެޓިކޯ މެޑްރިޑްގެ މިހާރުގެ ކޯޗު ޑިއެގޯ ސިމިއޯނޭގެ ގައިގައި ބެކަމް ބޫޓުގެ ކޮޅުން މަޑުމަޑުން ކޮށްޓާލުމުން ސިމިއޯނޭ ގަސްތުގައި ކުޅުނު ޑްރާމާގެ އަވާގައި ޖެހި ރެފްރީ ދެއްކި ރަތްކާޑެކެވެ. މި މެޗު ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ ކާމިޔާބު ކުރީ 4-3އިންނެވެ. މިކަމުގެ ބަދަލު ހިފައި ބެކަމް ގޮސް އާޖެންޓީނާ ރޮށްވާލީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގަ އެވެ. ތަރިންގެ ޓީމަކާއެކު ތައްޓަށް އަމާޒު ހިފި އާޖެންޓީނާ އެ މުބާރާތުން ކެޓީ އިނގިރޭސިންނަށް ލިބުނު ޕެނަލްޓީ ބެކަމް ކާމިޔާބުކޮށްދިނުމުންނެވެ. މި މެޗަށް ފަހު އިނގިރޭސިން އިންތިހާ އަށް އުފާފާޅު ކުރީ މިއީ 1966ގެ ފަހުން އެ މީހުންނަށް އާޖެންޓީނާގެ މައްޗަށް ގަދަވެވުނު ފުރަތަމަ ފަހަރު ކަމަށް ވުމުންނެވެ

އާޖެންޓީނާގެ މިޙާރުގެ ކެޕްޓަން ލަޔޮނަލް މެސީ ވެސް ފާހަގަ ކުރާ ގޮތުގައި މި މެޗު އޭނަ އަށް ވެސް ހާއްސަ ވަނީ މިފަދަ އެތައް ކަމަކާހުރެ އެވެ. މިއީ ކެރިއަރުގައި އިނގިރޭސިންނާ ދެކޮޅަށް ވާދަވެރި މެޗަކަށް އޭނާ ވެސް ނުކުންނަ ފުރަތަމަ ފަހަރެވެ. އެކަމަކު އޭރާއި މިހާރުގެ ތަފާތަކީ އިނގިރޭސި ލީގުގައި އާޖެންޓީނާގެ ކުޅުންތެރިން ވެސް ވަރަށް ގިނަވެ، ދެ ބައި މީހުންގެ އެކުވެރިކަން ކުރިއަށްވުރެ ބޮޑުވެ، ކުޅިވަރުގެ ވާދައިގެ ތެރެއިން ސިޔާސީ ހަސަދަ އާއި ދެކޮޅުވެރިކަން ވަރަށް ބޮޑަށް އެއްފަރާތްވެފައިވާތީ އެވެ. އެކަމަކު އެ މީހުންގެ ހިތްތަކުން މާޒީގެ އެ ހަނދާންތަކާއި ތާރީހު ފިލައި ނުދާނެތީގެ މިރޭގެ މެޗަކީ ހުރިހާ ގޮތަކުން ވެސް ފޯރިގަދަ މެޗަކަށް ވެގެންދާނެ އެވެ.