ޚަބަރު

މަރަޑޯނާ ދެއްކި ޖާދުލާއެކު ވީޕީ ދެމިހުންނެވީ އާޖެންޓީނާ ސަޕޯޓަރެއްގެ ގޮތުގައި


  • އާޖެންޓީނާ ސަޕޯޓަރެއްގެ ގޮތުގައި ފެށުން އައީ 1994ވަނަ އަހަރުގެ ވޯލްޑް ކަޕުގައި

  • މިއަދާ ޖެހެންދެންވެސް ސަޕޯޓުކުރައްވަނީ އާޖެންޓީނާއަށް

އޭރު އެމަނިކުފާނުގެ އުމުރުފުޅަކީ އެންމެ 12 އަހަރުފުޅެވެ. ތުއްޕުޅު އިރުން ފެށިގެންވެސް ކުޅިވަރުގައި ޝާމިލް، ފުޓުބޯޅައަށް ޙާއްސަ އިސްކަމެއްދެއްވިއެވެ.

މެޗުތައް ބެއްލެވުމުގެ އިތުރުން، މި ކުޅިވަރު ކުޅުއްވުމުގައިވެސް ހުނަރުވެރިއެވެ. ސްޓްރައިކަރެއްގެ ގޮތުގައި މިއަދުވެސް ވެޓެރަންސް ލީގުގައި ކުޅުއްވަމުން ގެންދަވާ، އަދުގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ޒިންމާއާ ހަވާލުވެވަޑައިގެން ހުންނެވި އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފަކީ، ހަމަ ހަގީގަތުގައިވެސް "ފުޓުބޯޅަ ފޭން" އެކެވެ.

ގަވައިދުން ހުރިހާ މެޗެއް ނުބެއްލެވުނު ނަމަވެސް، ވަގުތުވެވަޑައިގެންނެވި މިންވަރަކުން، ކުޑައިރުއްސުރެ ހިތުގައި ޙާއްސަ މަގާމެއް ދެވިފައިވާ މި ކުޅިވަރަށް ވަގުތު ހޯއްދެވޭތޯ ބައްލަވައެވެ.

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2026އަށް، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށް ގެންދާ ކަވަރޭޖުގެ ޕްރެޒެންޓަރުންނާއި އެނަލިސްޓުންގެ އަގުވަޒަންކުރުމަށް ބޭއްވި ޙާއްސަ ޙަފްލާ ޝަރަފުވެރިކޮށްދެއްވުމަށް ނައިބުރައީސްގެ ވަޑައިގެން ދެއްވުން މިއީވެސް، މި ކުޅިވަރާ އެމަނިކުފާނާ ގުޅިފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.

މި ޙަފްލާގައި ޕްރެޒެންޓަރުންނާއި އެނަލިސްޓުންނަށް އަގުވަޒަންކުރުމުގެ ޙާއްސަ ފިލާ ހަވާލުކޮށްދެއްވުމުގެ އިތުރުން ނައިބުރައީސް ވަނީ، މުބާރާތުގެ ސެމީ ފައިނަލުގައި ސްޕެއިނާއި ފްރާންސް ބައްދަލުކުރި މެޗުގެ ޕްރީ ޝޯވގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

މި ޝޯވގައި ޙާއްސަ މެހުމާނެއްގެ ހައިސިއްޔަތުން އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއިރު، ޝޯވގެ އެނަލިސްޓުން ދެއްކެވި ވާހަކަތަކަށް ރިއާޔަތްކޮށް، އެމަނިކުފާނަށް ކުރެވުނު ތަޖުރިބާތަކާއި ތުއްޕުޅުއިރުގެ ހަނދާންތައް ދިވެހި ރައްޔިތުންނާއި، ޤައުމީ ޓީވީ ވެރިކޮށް ހިއްސާކުރެއްވިއެވެ.

މި ޝޯވ ހުށަހަޅައިދިން ތަޖުރިބާކާރު ޕްރެޒެންޓަރު ހަފްސީ އަބްދުﷲ ވަނީ، އާޖެންޓީނާއަކީ ނައިބުރައީސްއަށް ޙާއްސަ ޓީމެއްކަން ދިވެހި ގިނަ ރައްޔިތުންނަށް އެނގޭކަން ފާޙަގަކޮށް، އެ ސަޕޯޓު އެ ޓީމަށް ދޭން ފެށުނީ އެ ޓީމުގެ މިހާރުގެ ކެޕްޓަން ލިއޮނެލް މެސީގެ ހުނަރުވެރިކަމާއެކުގައިތޯ ނުވަތަ މިކަން ގުޅިފައިވަނީ ފުޓުބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާއާ ތޯ އަހާފައެވެ.

އޭގެ ޖަވާބުގައި ނައިބުރައީސް ވިދާޅުވީ ދެގޮތެއް ނުވެ އާޖެންޓީނާއަށް ހިތުގައި ދެވިފައި އޮތް މަގާމާއި ލޯބީގެ ބިންގަލަކީ މަރަޑޯނާގެ ޖާދޫކަމަށެވެ.

"އަޅުގަނޑުގެ ހަޔާތް މިފެށުނީ ރަށުގައި. ފަރެސްމާތޮޑާގައި. އޭރުގަ އަޅުގަނޑުމެންނަށް ހަބަރު މި ލިބެނީ ނޫސް ޕޭޕަރުތަކުން. އޭރުގަ އެ ހުންނަ ހަވީރު ނޫނީ އާފަތިސް ނޫހުން. އޭގެއިން މި ފެންނަނީ ޚަބަރެއް އެއްޗެއް. އެގޮތަށް އެންމެ ފުރަތަމަވެސް މި ފެނުނީ މަރަޑޯނާގެ ފޮޓޯއެއް. އެ ފެނުނު ގޮތަށް މަރަޑޯނާއަށް އަޅުގަނޑަށް ސަޕޯޓު ކުރެވުނީ". ނައިބުރައީސް ވިދާޅުވިއެވެ.

ނައިބުރައީސް ހިއްސާކުރެއްވި ގޮތުގައި އެމަނިކުފާނަށް ވޯލްޑް ކަޕެއްގެ މެޗެއް އެންމެ ފުރަތަމަ ފެނިވަޑައިގަތީ 1994 ވަނަ އަހަރުއެވެ. އެއީ އެމެރިކާގައި ބޭއްވި ވޯލްޑް ކަޕެވެ. މަރަޑޯނާގެ ފޮޓޯ ފެނި އާޖެންޓީނާއަށް ކުރެވެން ފެށި ސަޕޯޓު، 1994 ވަނަ އަހަރުގެ ވޯލްޑް ކަޕުގައިވެސް ދެމިއޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ވަކި މިހާރަކު ނޫން. އަބަދުވެސް ސަޕޯޓުކުރާ ޓީމު އާޖެންޓީނާ އަކީ. މަރަޑޯނާއާ ހުރެ އަޅުގަނޑު އާޖެންޓީނާއަށް ސަޕޯޓުކުރަން ފެށީ". ރާއްޖޭގެ ފުޓުބޯޅަ އާއިލާއާވެސް ގާތްގުޅުމެއް ބާއްވަވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ނައިބުރައީސް ޙުސެއިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި 1986ވަނަ އަހަރުންފެށިގެން، ދިވެހިންނާ ހަމައަށް ވޯލްޑް ކަޕް ގެނެސްދިން މިތުރަކަށް ޕީއެސްއެމް ވެގެންގޮސްފައިވާއިރު، 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ވެގެންދިޔައީ ދިވެހިންނަށް، މަރަޑޯނާ ފުރިހަމަ ގޮތުގައި ތައާރަފްވެގެން ދިޔަ މުބާރާތަކަށެވެ.

މެކްސިކޯގައި ބޭއްވި އެ މުބާރާތުގެ ތަށި އާޖެންޓީނާއިން އުފުލާލިއިރު އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް މަރަޑޯނާއެވެ. މުބާރާތުގައި އާޖެންޓީނާގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނީވެސް އޭރު އުމުރުން 25 އަހަރުގެ މަރަޑޯނާއެވެ.

މި މުބާރާތް ވެގެންދިޔައީ ދިވެހިންގެ މެދުގައި އާޖެންޓީނާ މަގުބޫލުވެ، ގިނަ ދިވެހިންތަކަކަށް އާޖެންޓީނާއަށް ސަޕޯޓުކުރަން ފެށުނު ސަބަބަށެވެ.