ބައިނަލްއަޤްވާމީ މަޝްހޫރު ޝިޕިން ކުންފުނި އެވަގްރީން ލައިންގެ ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ. އެވަގްރީން ކުންފުނީގެ ޚިދުމަތްތައް ރާއްޖެއަށްދެނި ޤައުމީ އާގު ބޯޓު ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން މެދުވެރިކޮށެވެ.
އެވަގްރީން ލައިން ކުންފުނީގެ ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފްކޮށް ޚިދުމަތްތައް އިފްތިތާޚް ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުއްލަތީފްއެވެ. ހޮޓޭލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ ޚިދުމަތްތައް ރާއްޖެއަށްވަނީ އިފްތިތާޙްކޮށްފައެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް އަދި ކުންފުނީގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ. މީގެ އިތުރުން ސްޓޭޓް ޝިޕިންގެ ބެލެނިވެރި ކުންފުނި، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުއް ލަތީފް ވިދާޅުވީ މި އެއްބަސްވުމުން ޤައުމުގެ އިޤްތިޞާދު ރަނގަޅު އަމާޒަކަށް ދަތުރުކުރާކަން އެނގިގެންދާ ކަމަށެވެ. އޭނާ ވިދާޅުވީ 90،000 އަށް ވުރެ ގިނަ މުދަލުގެ ބާވައްތައް އެތެރެކުރާއިރު ރާއްޖެއަށް މި ސިނާޢަތަކީ ވަރަށް މުހިންމު ސިނާޢަތެއް ކަމަށެވެ.
"އެމްއެސްއެއެސް އެތެރޭގެ ތަޖުރިބާއާއި އެވަގްރީން ކުންފުނީގެ ފުޅާ ނެޓްވޯކް ގުޅުވާލުމުން އަޅުގަނޑުމެން މި ހަރުދަނާ ކުރަނީ މުދާ އުފުލުމުގެ ނިޒާމުގައި ބައިނަލްއަޤްވާމީ ގޮތުން ހުރި ގޮންޖެހުންތައް ހައްލުކުރުމުގެ މަސައްކަތް." ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ވަނީ މިވަގުތު މި ސިނާޢާތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލެ ވިޔަފާރީ ބަނދަރުގައި ހުރި ދަތިތަތައް ކަމަށާއި، ނަމަވެސް މިހާރު ސަރުކާރުން ވިޔަފާރި ބަނދަރު ބަދަލުކުރަން މަސައްކަތް ފެށުމާއެކު މުޅި ސިނާޢަތަށް އެކަމުގެ ހެޔޮ އަސަރު މަޝްރޫޢޫ ނިމޭއިރު ކުރާނެ ކަމަށެވެ.
އެވަގްރީންގެ ޚިދުމަތްތައް ދިނުމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންއިން ސޮއިކޮށްފައިވަނީ އެވަގްރީންގެ ލަންކާ އޮފީހާއެކުއެވެ. އެވަގްރީން ކުންފުންޏާއެކު މަސައްކަތް ކުރަން ފެށުމާއި ގުޅިގެން މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ މި އެއްބަސްވުމުގެ ފައިދާ ދިވެހި ވިޔަފާރިވެރިންނަށް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެވަގްރީން ކުންފުންޏަކީ ހުރިހާ ބައްރަކަށްވެސް މުދާ އުފުލުމުގައި ހަރަކާތްތެރިވާ ކުންފުންޏެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެވަގްރީން އަކީ ދުނިޔޭގެ މުދާ އުފުލުމުގައި ވަރަށް މަޝްހޫރު ކުންފުންޏެއް. ދުނިޔޭގެ އެންމެ ގިނައިން މުދާ އުފުލާ ކުންފުނިތަކުގެ ތެރޭ ހިމެނޭ ކުންފުންޏެއް. ދެން އަޅުގަނޑުމެންގެ މި އެއްބަސްވުމުގެ ފައިދާ ދިވެހި ވިޔަފާރިވެރިންނަށް ފެންނާނެ. ލަންކާގެ އެވަގްރީން އޮފީހާއެކު މި އެއްބަސްވުން ހެދުނީ. އެހެންވިޔަސް ހުރިހާ ބައްރަކުން މުދާ އުފުލުމުގެ ފަސޭހަތައް ލިބިގެންދާނެ. ޚާއްސަކޮށް ޗައިނާގެ މުދާ ރާއްޖެއަށް ގެނައުމުގައި ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ. އަޅުގަނޑުމެންނަކީ އެމީހުންގެ ޕާޓްނަރުން. އެހެންވީމަ އެ ޤައުމުތަކުން މުދާ ގެނައުމުގައި ވިޔަފާރިވެރިންނާއެކު މަސައްކަތްކޮށްގެން ފަސޭހަކަމާއެކު މުދާ ގެނެވޭނެ " ޝަރީފް ވިދާޅުވިއެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނިން އެވަގްރީން ލައިންގެ ޕާޓްނަރަކަށް ވުމާއެކު މިހާރު އެ ކުންފުނީގެ ވެބްސައިޓުގައި ވަނީ ރާއްޖެ ހިމަނާ ރާއްޖެ ތަމްސީލް ކުރާނީ ސްޓޭޓް ޝިޕިންކަމަށް ޝާޢިއުކޮށްފައެވެ. އެކުންފުނީގެ ލަންކާ އޮފީހުގެ ވައިސް ޕްރެޒިޑެންޓް އަނުރާދާ ފެރްނާންޑޯ މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަނީ އެވަގްރީން ކުންފުނިން ޤަބޫލްކުރާ ހަމަތައް ބަލައިގަންނަ ކުންފުންޏެއް ހޯދުމަށް ރާއްޖޭގައި އެކުންފުނިން ދިރާސާ ކުރި ކަމަށެވެ. އަދި އެމްއެސްއެސްއާއެކު މަސައްކަތް ފެށުމާއެކު އެކުންފުންޏަކީ ރަނގަޅު ބައިވެރިއެއް ކަމަށް ޤަބޫލުކުރާ ކަމަށެވެ.
ސްޓޭޓް ޝިޕިން ކުންފުނިން ވިދާޅުވީ، ދުނިޔޭގެ ނަންނަ ހިންގާ ޝިޕިން ކުންފުނިތަކާއެކު ޕާޓްނާޝިޕް ހެދުމަކީ އެކުންފުންޏަށް ލިބޭ ޝަރަފެއް ކަމަށެވެ. އަދި މިވަގުތުވެސް އެވަގްރީންގެ އިތުރަށް ހެޕަގްލޮއިޑް އަދި މާރސްކް އެކު މަސައްކަތް ކުރަމުންދާކަން އެކުންފުނިން ފާހަގަކުރެއެވެ. ޤައުމީ އާގު ބޯޓު ކުންފުނިން ވިދާޅުވީ މުސްތަޤުބަލުގައިވެސް މިފަދަ އިތުރު ކުންފުނިތަކާއެކު ޕާޓްނާޝިޕް ހެދޭތޯ ބަލަމުންދާނެ ކަމަށެވެ.