ޚަބަރު

ޔަހޫދީ ވަޒަންވެރިން އަޤްޞާ މިސްކިތަށް އަނެއްކާވެސް ވަދެގަނެފި


ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެފައިވާ ޔަހޫދީ ވަޒަންވެރިން، ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ޤުދުސްގައި ހުަންނަ މާތްވެގެންވާ އަލް-އަޤްޞާ މިސްކިތަށް ވަދެގައިންފިއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް ބަދުބަސްތައް ރައްދު ކުރަމުން ޔަހޫދީ ވަޒަންވެރިން އަޤްޞާ މިސްކިތަށް ވަދެގަންނަ ވީޑިޔޯތައް ޤުދުސްގެ ގަވަރުނޭޓުން ވަނީ އާއްމުކޮށްފައެވެ.

2003ވަނަ އަހަރުން ފެށިގެން ޔަހޫދީ ވަޒަންވެރިންނަށް އަލް-އަޤްޞާ މިސްކިތުގެ ހަރިންމައަށް ވަނުމުގެ ފުރުޞަތު ޔަހޫދީ ސިފައިން ދެއެވެ. ޔަހޫދީ ވަޒަންވެރިންނަށް މިސްކިތަށް ނުވަދެވެނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހުއެވެ.

ފަލަސްޠީނުގެ އަވްޤާފްއާއި ދީނީ ކަަންކަމާބެހޭ އިދާރާއިން ނެރުނު ރިޕޯޓެއްގައި ބުނީ ފާއިތުވި ޖޫން މަހުގެ ތެރޭގައި ޔަހޫދީ ސަލާމަތީ ބާރުތަކުން އަޤްޞާ މިސްކިތުގެ ސަރަޙައްދަށް 26 ފަހަރެއްގެ މަތިން ވަދެގަނެފައިވާ ކަމަށެވެ.

ފަލަސްޠީނުގެ ރައްޔިތުން ބުނި ގޮތުގައި އަލް-އަޤްޞާ މިސްކިތް ހިމެނޭ ގޮތަށް އިރުމަތީ ޤުދުސްއަކީ ޔަހޫދީ ސިފަތައް ޖެހިފައިވާ ސަރަޙައްދަކަށް ހަދައި، އެ ސަރަޙައްދުގައި ޔަހޫދީންގެ ބާރު އިތުރުކުރުމަށް ޔަހޫދީން ކުރަމުންދާ މަސައްކަތްތައް ވަނީ އިތުރުކޮށްފައެވެ. ޔަހޫދީންގެ މަޤްޞަދަކީ ޢަރަބި އަދި އިސްލާމީ ސިފަތައް އެ ސަރަޙައްދުން ފުހެލުމެވެ.

ޖުލައި މަހުގެ 15ވަނަ ދުވަހު ޔަހޫދީންގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރެއް ވަނީ އިރުމަތީ ޤުދުސްގެ އަލް-މަދީނަތުލް ޤަދީމާގައި ހުންނަ ޔަތީމު ކުދިންގެ މަދަރުސާއަކަށް ވަދެގަނެފައެވެ. އަދި އެ މަދަރުސާގެ ނަން ލިޔެފައިވާ އަދި ފަލަސްޠީނުގެ ދިދަ ކުރަހާފައިވާ ބޯޑެއް އެ މަދަރުސާއަށް ވަދެގައިން ޔަހޫދީން ވަނީ ހަލާކުކޮށްލައިފައެވެ. އަދި އެ ސަހަރުގައިވާ ފަލަސްޠީނުގެ އެހެން ތަޢުލީމީ މަރުކަޒުތަކާއެކު އެ މަދަރުސާ ވެސް ބަންދުކުރާނެ ކަމުގެ އިންޒާރު ދީފައިވެއެވެ.

ފަލަސްޠީނުގެ ގާތްގަނޑަކަށް 390،000 ރައްޔިތުން އިރުމަތީ ޤުދުޞްގައި ދިރިއުޅެއެވެ. ޔަހޫދީންގެ ފިއްތުންތައް އިތުރުވަމުން ދިޔަ ނަމަވެސް އިތުމަތީ ޤުދުސްގެ ގިނަ މަދަރުސާތަކުގައި ކިޔަވައިދެމުން ދަނީ ފަލަސްޠީނުގެ މުޤައްރަރަށެވެ. ޔަހޫދީން، ޚާއްޞަކޮށް ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ބޭނުން ވަނީ ފަލަސްޠީނުގެ މަދަރުސާތަކުގައި ޔަހޫދީ މުޤައްރަރު ކުރިއެވުވުމަށެވެ. ފާއިތުވި ހަފްތާތަކުގައި ޔަހޫދީ ޤާނޫނުހަދާ މަޖިލީހުގެ ތަޢުލީމާ ބެހޭ ކޮމިޓީގެ މުޤައްރިރު ވަނީ އެކި ފަހަރު މަތިން ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ބިންތަކުގައި ހުންނަ ޢަރަބި މަދަރުސާތަކަށް ވަދެގަނެފައެވެ.