އެމެރިކާއިން އީރާނުގެ އައްސޭރިފަށުގެ ދިފާޢީ ނިޒާމުތަކަށާއި މިސައިލް މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދިނުމާ ގުޅިގެން އީރާނުން ވެސް ރައްދުގައި، ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ރައްދު ޙަމަލާތަކެއް ދީފިއެވެ. އީރާންގެ ޙަމަލާތައް ފުޅާކޮށްފައި މި ވަނީ، އެމެރިކާއިން އަލުން އީރާންގެ ބަނދަރުތައް ޙިޞާރުކޮށް، ޙަމަލާތައް ވަރުގަދަކުރުމާ ގުޅިގެންނެވެ. ތެހްރާނުން ބުނީ، ޙަމަލާތައް ވަރުގަދަ ކުރުން ނޫން އިތުރު ގޮތެއް އެ ޤައުމަށް ނެތް ކަމަށާއި، މިިހާރު މިއީ "ދެމިއޮތުމަށް ޓަކައި" ކުރަމުންދާ ހަނގުރާމައެއް ކަމުގައެވެ.
ހުރްމުޒް ކަނޑުއޮޅިން ވިޔަފާރިކުރުމަށް ހުރަސްއަޅާނެކަމުގެ އިންޒާރު އީރާނުން ދިނުމުން، ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގު އަދިވެސް ދަނީ އުފުލެމުންނެވެ. އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުނީ، ތުނަބު ޖަޒީރާގައި ހުރި އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާދިނުމަށް ފަހު، ބަންދަރު ޢައްބާސްގައި ހުރި އީރާނުގެ ކަނޑުގެ ސިފައިންގެ މަރުކަޒުތަކަށް ވެސް ޙަމަލާތައް އަމާޒުކޮށްފައިވާނެ ކަމުގައެވެ.
އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ބުނީ، ކުވައިތުގެ ޢަލީ އަލް-ސާލިމް އަދި ބަޙްރައިންގެ ޝައިޚް ޢީސާ އަސްކަރީ މަރުކަޒުގައި ހުރި އެމެރިކާގެ ރާޑަރު ނިޒާމުތަކަށް އެ ފައުޖުން ރައްދުގައި ވަރުގަދަ ޙަމަލާތަކެއް ދީފައިވާނެ ކަމުގައެވެ. އުރުދުންގެ އަޒްރާޤް ވައިގެ މަރުކަޒަށް އަމާޒުކުރި އަށް މިސައިލް، އުރުދުންގެ އަސްކަރިއްޔާއިން ވަނީ ދިފާޢުކޮށް ވައްޓައިލާފައެވެ. އައިއާރްޖީސީން ވަނީ ޢިރާޤަށް ވެސް ޙަމަލާތަކެއް އަމާޒުކޮށްފައެވެ. މި ގޮތުން، އަރްބީލަށް ދިން ޑްރޯން ޙަމަލާތައް ޢިރާޤުގެ ބޮޑުވަޒީރު ޢަލީ އަލް-ޒަޔިދީ ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. ރައްދުގައި އައިއާރްޖީސީން ފަށާފައިވާ އަސްކަރީ އޮޕަރޭޝަނުގައި، އެމެރިކާގެ އެމްކިޔު-9 މަރުކާގެ އަސްކަރީ ޑްރޯނެއް ވައްޓައިލާފައިވާ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ.
ދެ ފަރާތުގެ ދެމެދުގައި ޙަމަލާތައް ވަރުގަދަވެ، ފުޅާވެފައިވާ މި ދަނޑިވަޅުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމެއް އެކުލަވައިލުމަށް އީރާނުން އަދިވެސް ބޭނުންވާ ކަމުގައެވެ. ދެ ފަރާތުގެ ދެމެދުގައި ފަށާފައިވާ ޞުލްޙައިގެ މަޝްވަރާތައް މެދުނުކެނޑި ކުރިއަށްދާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މި ދަނޑިވަޅުގައި، އީރާނުން ވަނީ އެ ޤައުމުން ހައްޔަރުކޮށްފައި ހުރި އެމެރިކާގެ ރައްޔިތަކު މިނިވަންކޮށްފައެވެ. ޓްރަމްޕް ވަނީ އެ ނިންމުމަށް މަރުޙަބާ ދަންނަވައި، ޝުކުރު އަދާކުރައްވާފައެވެ.
ދެ ފަރާތުން ޙަމަލާތައް މެދުކަނޑައިލުމަށް އިންކާރުކުރަމުންދާއިރު، ޖޫން މަހު ސޮއިކޮށްފައިވާ ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުން ފޭލުވެފައިވާ ކަމުގައި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ތެހްރާނުން ބުނީ، އެ އެއްބަސްވުމާ ޚިލާފުވެފައި ވަނީ ވޮޝިންގޓަނުން ކަމުގައެވެ. މިއާއެކު، ސަރަޙައްދީ ހަމަޖެހުމަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައެވެ. އެމެރިކާއިން އެންމެ ފަހުން ދިން ޙަމަލާތަކުގެ ތެރެއިން އަހްވާޒުގައި ހުރި ހަސްފަތާލަކަށް ވެސް ވަނީ ބޮން އަޅާފައެވެ. އެމެރިކާއިން މިހާރު ދެމުންދާ ޙަމަލާތަކުގައި 35 މީހުން ޝަހީދުކޮށްލައި، އިތުރު 300 އެއްހާ މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި އީރާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ. މި ހަމަނުޖެހުންތަކެއްގެ ސަބަބުން، މުޅި ސަރަޙައްދުގެ އަމާންކަން މި ވަނީ ނުރައްކަލުގެ ތެރެއަށް ވެއްޓިފައެވެ.