ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 600 މިލިޔަން ޑޮލަރަށްވުރެ އިތުރުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރީ 686.8 މިލިޔަން އެމެރިކާ ޑޮލަރުގައެވެ. މިއީ މިދިޔަ މޭ މަހާ އަޅާބަލާއިރު 18.0 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 145.6 މިލިޔަން ޑޮލަރު ނުވަތަ 17.5 އިންސައްތަ ދަށް އަދަދެކެވެ.
ރިޒާވްގެ ޖުމްލަ އަދަދު ދަށްވި ކަމުގައި ވިޔަސް، 2026 ވަނަ އަހަރުގެ ޖޫން މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވް، ޔޫސަބަލް ރިޒާވް ހުރީ 248.9 މިލިޔަން ޑޮލަރުގައެވެ. މިއީ މިދިޔަ މޭ މަހާއި އަޅާބަލާއިރު 11.9 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ. އަހަރުން އަހަރަށް ބަލާއިރު، 2025 ވަނަ އަހަރުގެ ޖޫން މަސް ނިމުނުއިރު މިއަދަދު ހުރީ 203 މިލިޔަން ޑޮލަރުގައެވެ. މިއީ ގާތްގަނޑަކަށް 23 އިންސައްތައިގެ ކުރިއެރުމެކެވެ.
އެމްއެމްއޭ އިން ހާމަކުރި ގޮތުގައި މިއަހަރު މޭ މަހާއި އަޅާ ބަލާއިރު ޖޫން މަހު ގްރޮސް ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާއިން ކުރެވުނު ހޭދަ އިތުރުވުމެވެ. މީގެ ތެރޭގައި، ބޭންކިން ނިޒާމާއި މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ބޭރު ފައިސާއަށް އޮތް ބޮޑު ޑިމާންޑް އިތުރުވުމުގެ ސަބަބުން އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު، ކުރީ މަހާ އަޅާބަލާއިރު 43 އިންސައްތަ އިތުރުވުން ހިމެނެއެވެ.
2026 ވަނަ އަހަރުގެ މާރިޗު މަހު ރިޒާވް 1,331.8 މިލިޔަން ޑޮލަރުގައި ހުރުމަށްފަހު، މިހާތަނަށް ވަނީ 645.0 މިލިޔަން ޑޮލަރުގެ ދަށްވުމެއް އައިސްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު މިންވަރެއް މަދުވެފައިވަނީ އޭޕްރީލް މަހުކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ބޭނުން ކުރެވޭ ރިޒާވު ގުނަނީ، ރަސްމީ ރިޒާވު އަދި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމެންޓުގެ ގޮތުގައި ހުރި ބޭރުފައިސާގެ އަދަދުން، ކުރިއަށް އޮތް އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ކެނޑުމަށްފަހުއެވެ.
ފާއިތިވި 2 ސަރުކާރުގެ 5 އަހަރުގެ ދައުރުގެ ތެރޭގައި ނުދައްކާ މިންވަރަށް މި ސަރުކާރުގެ ދެ އަހަރާއި ބައިގެ ތެރޭގައި ދަރަނި ދައްކާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މީގެކުރިން ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަދުގެ ސަރުކާރު އައިފަހުން މިހާތަނަށް 1.29 ބިލިޔަން ޑޮލަރުގެ ދަރަނި ދައްކާފައިވާކަމަށެވެ. މިއީ މިދައުރުގެ ތެރޭގައި ނެގި ދަރަނީގެ ތެރެއިން 4.9 މިލިޔަން ޑޮލަރު ހިމެނެއެވެ. އަދި މިދިޔަ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން 891 މިލިޔަން ޑޮލަރާއި، އޭގެ ކުރީ ސަރުކާރުން ނެގި ދަރަނީގެ ތެރެއިން 195 މިލިޔަން ޑޮލަރު ދައްކާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ނަޝީދާއި ރައީސް ވަހީދުގެ ވެރިކަމުގައި ނަގާފައިވާ ދަރަނީގެ ތެރެއިން 62.5 މިލިޔަން ޑޮލަރު ދައްކަވާފައިކަން ރައީސް ފާހަގަކުރެއްވިއެވެ.
މި އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 904 މިލިޔަން ޑޮލަރަށް އަރާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ ލަފާކޮށްފައެވެ. މިއީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރާއި މަރުކަޒީ ބޭންކުން އަޅަމުންދާ ފިޔަވަޅުތަކާއެކު އަންނާނެ ކުރިއެރުމެއް ކަމަށް އެބޭންކުން ވަނީ މީގެކުރިން ފާހަގަކޮށްފައެވެ.
ސަރުކާރުން އެކުލަވާލާފައިވާ ބޭރު ފައިސާ މާރުކުރުމުގެ ޤަވާއިދާއެކު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށް ވޯލްޑް ބޭންކުގެ "މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް 2026"ރިޕޯޓްގައި ވަނީ ވިދާޅުވެފައެވެ.
ވޯލްޑް ބޭންކުން ވިދާޅުވީ، ދައުލަތަށް ލިބުނު އާމްދަނީ އިތުރުވުމާއި، ޚަރަދު ކުޑަކޮށްފައިވުމުގެ ސަބަބުން، 2025 ވަނަ އަހަރު ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ފަރަގު 5.1 ބިލިޔަން ރުފިޔާއަށް ކުޑަކުރެވިފައިވާ ކަމަށެވެ. އެއީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 4.3 އިންސައްތައެވެ.