ޚަބަރު

ކްރިއޭޓަރ ހަބް އިމާރާތުގެ ފިނިޝިންގ މަސައްކަތް ފަށައިފި


  • އިމާރާތުގެ ސްޓްރަކްޗަރަލް މަސައްކަތް ވަނީ ނިމިފައި

  • މިތަން އިމާރާތް ކުރަނީ 11 ފަންގިފިލާއަށް

މާލޭގައި ތަރައްޤީކުރަމުންދާ ކްރިއޭޓަރ ހަބްގެ މައި އިމާރާތުގެ އޮނިގަނޑުގެ މަސައްކަތްތައް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތްތައް ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީއިން ވިދާޅުވެއްޖެއެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި މިހާރު ކުރިއަށްދަނީ އިމާރާތުގެ އެތެރޭގެ ރޭނުންތަކާއި، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ މަސައްކަތްތަކާއެކު ފިނިޝިންގ މަރުހަލާގެ މަސައްކަތްތައްކަމަށެވެ.

އިމާރާތުގެ ސްޓްރަކްޗަރަލް މަސައްކަތްތަކުގެ 100 އިންސައްތަ ނިމިފައިވާއިރު، މިހާރު ރޭނުމުގެ މަސައްކަތުގެ %97 ވަނީ ނިމަފައެވެ. އަދި ފެން ވައިރުކުރުމުގެ މަސައްކަތްތަކުގެ 75 އިންސައްތަ ނިންމައި، ކަރަންޓު މަސައްކަތާއި ކުލަލުމުގެ މަސައްކަތުގެ 5 އިންސައްތަ ވެސް ވަނީ ނިމިފައިވާކަމަށް ބީސީސީއިން ބުނެއެވެ.

11 ބުރީގެ މި އިމާރާތަކީ ރާއްޖޭގެ އުފެއްދުންތެރި އިޤްތިސާދު ނުވަތަ ކްރިއޭޓަރ އިކޮނޮމީ ފުޅާކުރުމަށް ބީސީސީން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު މުޙައްމަދު ވިދާޅުވީ، ބީސީސީގެ އަމާޒަކީ ކްރިއޭޓަރ ހަބް ހުޅުވާއިރު އެތަނަކީ ފުރިހަމައަށް ޚިދުމަތް ދެވޭނެ ތަނަކަށް ހެދުން ކަމަށެވެ.

"ބީސީސީން މަސައްކަތް ކުރަމުންދަނީ ކްރިއޭޓަރ ހަބް ހުޅުވާއިރު އުފެއްދުންތެރިންނަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް ލިބޭނެ ފުރިހަމަ ފެސިލިޓީއެއްގެ ގޮތުގައި އެތަން ހުޅުވުމަށް. އަޅުގަނޑުމެންގެ މަޤްސަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރާ އެއްގޮތަށް، އުފެއްދުންތެރި އިޤްތިސާދެއް ބިނާކުރުމަށް އެހީތެރިވުން،" ޒިޔާއު ވިދާޅުވިއެވެ.

ކްރިއޭޓަރ ހަބް ހުޅުވުމުން އާޓިސްޓުންނާއި، ޑިޒައިނަރުންނާއި، ޕްރޮގްރާމަރުންނާއި، ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ބޭނުންވާ ޒަމާނީ ޕްރޮޑަކްޝަން ސްޓޫޑިއޯތަކާއި ކޯ-ވަރކިންގ ސްޕޭސްތައް ލިބިގެންދާނެއެވެ. މީގެ ތެރޭގައި ފޮޓޯގްރަފީ، ވީޑިއޯ، އޯޑިއޯ ރެކޯޑިންގ އަދި އެޑިޓިންގއަށް ޚާއްސަ ތަންތަނާއި ބޭނުންވާ ސާމާނު ހިމެނޭނެކަމަށް ބީސީސީއިން ބުނެއެވެ.

މީގެ އިތުރުން، ބީސީސީން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޭ މުހިންމު ޚިދުމަތްތައްވެސް މި އިމާރާތުގެ ދަށަށް ބަދަލުކުރެވޭނެއެވެ. މީގެ ތެރޭގައި ވިޔަފާރިތަކަށް ބޭނުންވާ ކޮންސަލްޓެންސީ އާއި އެޑްވައިޒަރީ ޚިދުމަތްތަކާއި، އަދި އޮތެންޓިކް މޯލްޑިވްސްގެ އައުޓްލެޓެއްވެސް މި އިމާރާތުގައި ޤާއިމުކުރެވޭނެއެވެ. މިއީ ދިވެހި އުފެއްދުންތެރިންނަށް އެމީހުންގެ ހުނަރު ވިޔަފާރިއަކަށް ބަދަލުކުރުމަށް ލިބޭނެ ބޮޑު ފުރުޞަތެއްގެ ގޮތުގައި ބީސީސީއިން ފާހަގަކުރެއެވެ.

ސަރުކާރުން މި މަޝްރޫއު ދެކެނީ ޤައުމީ އިޤްތިޞާދު ސިންދަފާތުކޮށް، ޑިޖިޓަލް އަދި އުފެއްދުންތެރި ދާއިރާތަކުން ޒުވާނުންނަށް އާ ފުރުޞަތުތަކެއް ހުޅުވައިދޭނެ މުހިންމު ވަސީލަތެއްގެ ގޮތުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކްރިއޭޓަރ ހަބް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ 11 ނޮވެންބަރު 2026 ގައި ކަމަށް އިޢުލާނުކުރައްވާފައެވެ.