ފަލަސްޠީނުގެ 12 ސަރަޙައްދެއް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ އިބްތިދާޢީ ލިސްޓުގައިި ހިމަނާފައިވާ ކަމަށް އެ ޤައުމުގެ ފަތުރުވެރިކަމާއި ތަރިކައާބެހޭ އިދާރާއިން ބުނެފިއެވެ. މި ނިންމުމާއެކު ޔުނެސްކޯގެ އެ ލިސްޓުގައި ހިމެނޭ ފަލަސްޠީނުގެ ސަރަޙައްދުތަކުގެ ޢަދަދު ވަނީ 23އަށް އިތުރުވެފައެވެ.
ތަރިކައާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ 12 ސަރަޙައްދެއް އިބްތިދާޢީ ލިސްޓުގައި ހިމަނާފައި ވަނީ ޔުނެސްކޯގައި ޙަރަކާތްތެރިވާ ފަލަސްޠީނުގެ ދާއިމީ ވަފުދާ އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ. ފަލަސްޠީނުގެ ސަރުކާރުގެ އަމާޒަކީ ފަލަސްޠީނުގެ ތާރީޚާއި ސަޤާފަތާއި ތަރިކައަށް ލިބޭ ބައިނަލްއަޤްވާމީ ސަމާލު ކަން އިތުރުކުރުމެވެ. އެ ވުޒާރާއިން ބުނީ އަލަށް ރަޖިސްޓްރީ ކުރި ސަރަޙައްދުތައް ރަޖިސްޓްރީ ކޮށްފައި ވަނީ ދުނިޔޭގެ ތަރިކައިގެ ލިސްޓަށް ނަން ހުށަހެޅުމުގެ އިދާރީ މަސައްކަތްތައް ފެށުމުގެ ކުރިން ކަމަށެވެ. އޭގެ ސަބަބުން ތަރިކަ ރައްކާތެރި ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބޭ ކަމަށް ވެސް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
ތަރިކައާބެހޭ ވުޒާރާއިން އިތުރަށް ބުނީ ލިޔެކިޔުންތައް ބަރާބަރަށް ބަލަހައްޓައި، އަންނަން އޮތް ޖީލުތަކަށް ފަލަސްޠީނުގެ ތަރިކައާއި ސަޤާފަތް ފޯރުކޮށްދިނުމަށް އެ ވުޒާރާއިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ފަލަސްޠީނުގެ ކަމާގުޅޭ އިދާރާތަުން ބުނީ ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ހުންނަ އާސާރީ ބިނާތަކަށް ޔަހޫދީންގެ ފުރައްސާރަ ވަރަށް ބޮޑަށް އަމާޒުވަމުންދާ ކަމަށެވެ. އެ ގޮތުން އެ ބިންތަކަށް ވެރިވެގަތުމަށް މަސައްކަތްކުރުމާއި ފަލަސްޠީނުގެ މުއްސަނދި ތާރީޚުގެ މައްޗަށް ބާރުފޯރުވުމަށް ޔަހޫދީން މި ދުވަސްވަރު އިތުރު މަސައްކަތްތައް ކުރަމުންދާ ކަމަށް އެ އިދާރާތަކުން ފާހަގަކުރެއެވެ.
އަލަށް ލިސްޓަށް އިތުރުކޮށްފައިވާ ފަލަސްޠީނުގެ ސަރަޙައްދުތަކުގެ ތެރޭގައި ހުޅަނގު އައްސޭރީގެ އުތުރުގައި ހުންނަ ސަބްސަޠިއްޔާއާއި ބައިތު ލަޙަމްގައި ހުންނަ ބުރާކް ސުލައިމާންއާއި އަލްޚަލީލްގައި ހުންނަ އިބްރާހިމީ މިސްކިތް ހިމެނެއެވެ. މި ހުރިހާ ސަރަޙައްދަކި ވެސް ފާއިތުވި މަސްތަކުގައި ޔަހޫދީން އެ ސަރަޙައްދުތަކުގެ ކޮންޓްރޯލް އިތުރު ކުރުަމަށް މަސައްކަތް ކޮށްފައިވާ ސަރަޙައްދުތަކެވެ.