ޚަބަރު

ދެން ތަރައްޤީކުރާނީ ނޯތު ހާބަރުން ރަސްފަންނާ ދެމެދު އޮތް ސަރަހައްދު


  • ބޭރު މަގުތަރައްޤީކުރުމުން އެތެރޭގެ މަގުތަކުގެ ޓްރެފިކަށްވެސް ހައްލެއް އަންނާނެ

  • ޕާކިން ޒޯން ތަރައްޤީކުރުމާއެކު އެ މަގުގެ ދެ ފަރާތުގައި ޕާކުުރުން މަނާވާނެ

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ދެން އެންމެ އަވަހަށް މަސައްކަތް ފަށާނީ ނޯތު ހާބަރުން ފެށިގެން ރަސްފަންނާ ދެމެދު އޮތް ސަރަހައްދު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ 'ޕަލްސް ޕޮޓްކާސްޓް' ގެ 4 ވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ބޭރު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ ކުރިންވެސް ނިންމަވާފައިވާ ގޮތަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރިއަށްދާ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު އޮތް ސަރަހައްދު އަންނަ ހަފުތާގެ ތެރޭގައި ހުޅުވާލެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ބައި ނިމުމުން ދެން އޮތް މަރުހަލާގައި އެމްޕީއެލް ސަރަހައްދުން ފެށިގެން ރަސްފަންނާ ހަމައަށް ތަރައްޤީކުރާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އިރާދަކުރެއްވިއްޔާ މަގުގެ މަސައްކަތް މި ނިމެނީ. ދެން މި ބައި ނިމުނީމައި އެމްޕީއެލުން ފެށިގެންގޮސް ރަސްފަންނާ ހިސާބަަށް ތަރައްޤީކުރާނީ. އެއީ ހަގީގަތުގައި އެންމެ ބޮަޑަށް ގާތަށް މުގުރިފަ އަދި ހަލާކުވެފައި އޮތް ސަރަހައްދު މި ސަރަހައްދަކީ. އޭރުން ހަމަ ބާޒާރު އަދި ވިޔަފާރިތައް މި ހުންނަ ސަރަހައްދު އަދި މާލޭގެ އެތެރޭގެ މަގުތަކަށްވެސް ވަރަށް ބޮޑު ލުޔެއް އެ ލިބިގެންދަނީ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ބޭރު މަގު ފުޅާކޮށް، ދެކޮޅަށް ދުއްވޭ ދެ ލޭނު ހިމެނޭ ގޮތަށް ތަރައްޤީކުރުމުން މުޅި މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. ވަކިން ހާއްސަކޮށް ބާޒާރުމަތީގެ ސަރަހައްދާއި މާލޭގެ އެތެރޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މަގު ހެދުމުގެ މަސައްކަތާއެކު ޕާކިންއަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ބޭރު މަގުން ބައެއް ހިއްކާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ކުރިން މަގުމަތީގައި ޕާކުކުރި ކުރުން ހުއްޓާލައި، އަލަށް ހިއްކި ސަރަހައްދަށް ޕާކިން ބަދަލުކުރެވޭނެއެވެ. އެ ސަރަހައްދުގައި ގާތްގަނޑަކަށް 500 އެއްހާ ސައިކަލު ޕާކުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަގުގެ ދެފަރާތުގައި ރީތި ގަސްތައް އިންދައި، ހިނގާބިނގާވެ އުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލަކަށް އެ ސަރަހައްދު ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި މި ބަދަލުތަކާއެކު ބޮޑުތަކުރުފާނު މަގަކީ ދުއްވާލަން ހިތްފަސޭހަ މަގަކަށް ވެގެންދާނެ ކަމަަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރަމުން ދަނީ، ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓެއްގެ މަސައްކަތެވެ. މި މަސައްކަތުގެ ދަށުން ހެންވޭރު ފެރީޓާމިނަލުން ފެށިގެން އިއްޒުއްދީން ފަލަމާ ހަމައަށް އޮންނަ ސަރަޙައްދުގައި މިހާރު ވަނީ ތާރުއަޅާފައެވެ. އަދި އެ ސަރަޙައްދުގައި މަގުގެ ނިޝާންތައް ކުރެހުމާއި، މަގު ބައްތި ހަރުކުރުމުގެ އިތުރުން ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ، މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ޖޫންމަހަށް ނިންމުމަށް މަސައްކަތް ކުރިނަމަވެސް އެކި ސަބަބުތަކާ ހުރެ މުޅި މަޝްރޫޢުގެ މަސައްކަތް ނިމޭނެ ކަމަށް މިހާރު އެމްޓީސީސީން އަންދާޒާކޮށްފައިވަނީ މިމަހުގެ 26އަށެވެ.