ޚަބަރު

އީރާނާއެކު އެމެރިކާ ސުލްހަވުމަށް ޔަހޫދީން ދަނީ ހުރަސްއަޅަމުން


އީރާނާއެކު ޞުލްޙަ ޤާއިމުކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތަށް ހުރަސްއެޅުމަށް ޔަހޫދީ ސަރުކާރުގެ އިސްވެރިން ބޮޑު ޚަރަދެއްކޮށް، ސިއްރު ކެންޕޭނެއް ހިންގަމުންދާ ކަމުގައި ތުހުމަތު ކުރައްވައި، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ޔަހޫދީންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ ހުއްޓުވިޔަ ނުދިނުމަށާއި، މެދުއިރުމަތީގައި ނިމުމެއް ނެތް ހަމަނުޖެހުންގަނޑެއް އުފެއްދުމަށް ޓަކައި ޔަހޫދީ ސަރުކާރުގެ އިސްވެރިން އެމެރިކާގެ ރައްޔިތުންގެ ޚިޔާލާއި ވިސްނުމަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ވޭންސް ވިދާޅުވިއެވެ. އަދި، މި ފަދަ ނުރައްކާތެރި ޢަމަލުތަކަކީ އެމެރިކާގެ ޤައުމީ މަޞްލަޙަތަށާއި ސަލާމަތަށް ގެއްލުންހުރި، އަދި ބަލައިގަނެވޭނެ ޢަމަލެއް ނޫން ކަމުގައި އޭނާ ސާފުކޮށް ވިދާޅުވިއެވެ.

ޖޯ ރޯގަންގެ ޕޮޑްކާސްޓެއްގައި ވާހަކަފުޅު ދައްކަވަމުން ވޭންސް ވިދާޅުވީ، އެމެރިކާއާއި އީރާނާ ދެމެދު ފަށާފައިވާ ޞުލްޙައިގެ މަޝްވަރާތައް ފޭލުކޮށްލުމަށް ޔަހޫދީ ސަރުކާރުގެ ބައެއް ފަރާތްތަކުން ބޮޑެތި ޚަރަދުތަކެއްކޮށްގެން ވަރަށް ސިއްރު ކެންޕޭނެއް ހިންގަމުންދާ ކަމުގައެވެ. އެމެރިކާއާއި އީރާނާ ދެމެދު މިދިޔަ މަހު ސޮއިކުރި ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުމަށް ޔަހޫދީން ދެކޮޅު ހަދާކަމުގެ ސާފު ހެކިތައް އެބަހުރި ކަމަށާއި، ދާއިމީ ޞުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ކުރަމުންދާ މަސައްކަތްތައް ނާކާމިޔާބު ކޮށްލުމަށް ވެސް ޔަހޫދީ ސަރުކާރުގެ ވެރިން މަސައްކަތް ކުރަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

މި ތުހުމަތުތަކާ ގުޅޭގޮތުން ވައިޓް ހައުސްއިން ބުނީ، އެމެރިކާގެ ޢާންމު ރައްޔިތުންގެ ޚިޔާލަށް ނުފޫޒު ފޯރުވުމަށް ބޭރުގެ ޤައުމުތަކުން މަސައްކަތް ކުރާކަމީ ޙަޤީޤަތެއް ކަމުގައެވެ. އެމެރިކާގެ ޢުދުވާނީ ޙަމަލާތައް އީރާނަށް އަމާޒުކުރަމުންދާއިރު، ހަނގުރާމަ ދިގުދަންމައި ސަރަޙައްދީ ހަމަނުޖެހުންތައް އިތުރުކުރަން ޔަހޫދީން ހިންގާ މި ފަދަ ޣައިރުޤާނޫނީ ހަރަކާތްތަކާމެދު ވޭންސް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ. ޚާއްސަކޮށް، އެމެރިކާގެ ސިޔާސީ އިސްވާރުން މި ފަދަ ނުފޫޒުތަކަށް ޖާގަދީ ނިންމުންތަކަށް ބަދަލު ގެންނާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޔަހޫދީން މިހާރު ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން އެ މީހުންނާ މެދު އެމެރިކާގެ ޢާންމު ރައްޔިތުންނާއި ސިޔާސީ އިސްވާރުން ދެކޭގޮތް ފަހަކަށް އައިސް ދަނީ ބަދަލުވަމުންނެވެ. މި ކަމުގެ އެއް ހެއްކަކީ، ޔަހޫދީ ދައުލަތަށް އެމެރިކާއިން ކޮންމެ އަހަރަކު ފޯރުކޮށްދެމުންދާ އެތައް ބިލިޔަން ޑޮލަރެއްގެ އެހީ ކަނޑައިލުމަށް އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއަށް ޤަރާރެއް ހުށަހެޅުމެވެ. ޔަހޫދީންނަށް ތާއީދުކުރާ ގިނަ މެންބަރުން ވަނީ އެ ޤަރާރު ބޭރުކޮށްލާފައެވެ. ނަމަވެސް، ހައުސްގެ 104 މެންބަރަކު އެ ޤަރާރު ބަލައިގަތުމަށް ވޯޓުދިނުމަކީ، ޔަހޫދީންނާ މެދު އެމެރިކާގެ ރައްޔިތުންނާއި ސިޔާސީ އިސްވާރުންގެ މެދުގައި އޮތް ނަފުރަތު އެތައް ގުނައަކަށް އިތުރުވެފައިވާ ކަމުގެ ހެއްކެކެވެ. އަދި، އެމެރިކާގެ ސިޔާސަތުތަކުގައި ޔަހޫދީންގެ ނުފޫޒު ބަލިކަށިވަމުންދާ ކަމުގެ ސާފު ނިޝާނެކެވެ.