ޚަބަރު

ރާއްޖެ އިނގިރޭސީންގެ ޙިމާޔަތަށް ދިޔަ ގޮތް، ޕީއެސްއެމް ނިއުސްއިން


  • މިޚާއްސަ ޑޮކިއުމަންޓްރީ ގެނެސްދޭނީ މިނިވަން ދުވަހު

  • ލަންކާގައި ދިވެހީން އުޅުނު ސަރަޙައްދުތަކުން ޢުލޫމާތު ހޯދި

  • ލަންކާގެ ޢަރުޝީފުގައި ހުރި ދިވެހި ތާރީޚީ އެތައް ލިޔެކިޔުންތަކެއް ބަލާފައިވޭ

ރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހަކީ، ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. ދުވަހާއި ގުޅިގެން ޕީއެސްއެމްއިން އަބަދުވެސް ޚާއްސަ ހަރަކާތްތަކެއް ގެނެސްދެއެވެ. މިއަހަރުގެ މިނިވަން ދުވަހު ޕީއެސްއެމްއިން ޚާއްސަ ޑޮކިއުމަންޓްރީއެއް ގެނެސްދިނުމަށް ވަނީ ތައްޔާރުވެފައެވެ.

މިއަހަރުގެ މިނިވަން ދުވަހާއި ދިމާކޮށް ގެނެސްދޭ ޚާއްސަ ޑޮކިއުމަންޓްރީ ގެނެސްދެނީ، ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، ޕަބްލިކް ސަރވިސް މީޑިއާ އަދި ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަން ގުޅިގެންނެވެ. މިޑޮކިއުމަންޓްރީގައި ރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދާން މެދުވެރިވި ސަބަބުތަކާއި، އެދުވަސްވަރު ރާއްޖޭގެ ސިޔާސީ މަސްރަޙު އޮތްގޮތާއި، އެދުވަސްވަރު އަވައްޓެރި ސްރީ ލަންކާއާއި ދިވެހީންގެއޮތް ގުޅުން ގެނެސްދޭނެއެވެ. މިޑޮކިއުމަންޓްރީގައި ރާއްޖޭގެ މިނިވަންކަމާއި ގުޅުންހުރި ތާރީޚީ މުހިއްމު ކަންކަން އަދުގެ ޖީލަށް ގެނެސްދިނުމަށް ޕީއެސްއެމްގެ ޓީމުންވަނީ، މަސައްކަތްކޮށްފައެވެ.

ޑޮކިއުމަންޓްރީ ގެނެސްދިނުމަށް މިދިޔަ ޖޫން މަހު ޕީއެސްއެމްގެ ޓީމެއް ވަނީ، ލަންކާއަށް ގޮސްފައެވެ. ލަންކާގެ ގާލީއާއި، ކޮލަންބޯގައި ތިބި އިހުގެ ވާހަކަތައް ދެނެހުރި އެކި ފަރާތްތައް ހޯދާ އިންޓަރވިއު ކޮށްފައިވާއިރު، ލަންކާގައި މިއަދުވެސް ރައްކާކޮށްފައި ހުރި ދިވެހި ރަސްރަސްކަލުންގެ ނަމުގައި ހުރި ތާރީޚީ ލިޔެކިޔުންތައްވެސް މިޓީމުންވަނީ ދިރާސާކޮށްފައެވެ. އަދި އޭރު ދިވެހި ވިޔަފާރިވެރިންގެ އެންމެ މުހިއްމު ބަނދަރު ކަމުގައިވާ ލަންކާގެ އޯލްޑް ޕޯޓަށްވެސް ވަނީ، ގޮސްފައެވެ.

މިދިޔަ އަހަރުގެ މިނިވަން ދުވަހަށް ޚާއްސަ ކޮށްގެން ތައްޔާރުކުރި ޑޮކިއުމަންޓްރީ ގެނެސްދީފައިވަނީ، ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރި ތާރީޚީ މާލަމުންނެވެ. އެޑޮކިއުމަންޓްރީގައި މިނިވަންކަން ހޯދުމަށް ކުރި ތާރީޚީ މަސައްކަތްތައް ގެނެސްދީފައިވެއެވެ. 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު މިނިވަންކަމުގެ އެއްބަސްވުމުގައި ރާއްޖެއާއި އިނގިރޭސި ސަރުކާރާ ދެމެދު ސޮއިކުރީ، ސްރީލަންކާގައި ހުންނަ އިނގިރޭސި ހައި ކޮމިޝަނަރުގެ ގެކޮޅުގައެވެ.

ރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ގޮސްފައިވަނީ، 1887 ވަނަ އަހަރު އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ)އާއި ލަންކާގައި ހުންނެވި އިނގިރޭސި ގަވަރުނަރު ސަރ އޭއެޗް ގޯޑަންއާއި ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ. މިއެއްބަސްވުމުގެ ދަށުން އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި 77 އަހަރު ތިބުމަށްފަހު ދިވެހީން މިނިވަންކަމަށް މަސައްކަތް ފެށިއެވެ. އޭރުގެ ބޮޑުވަޒީރު ސުއްމުވުލް އަމީރު އިބްރާހީމް ނާސިރު ރަންނަބަންޑޭރި ކިލޭގެފާނުގެ މޭސްތިރިކަމުގެ ދަށުން ލަންކާގައި ހުރި އިނގިރޭސި ހައި ކޮމިޝަނަރުގެ އޮފީހާއި ދެމެދު ކުރި ސިޓީބިޓީގެ މަޝްވަރާތަކާއި ގިނަ މަސައްކަތަށްފަހު ދިވެހީންނަށް ފުރިހަމަ މިނިވަންކަން ކަށަވަރު ކުރެވުނީ، 26 ޖުލައި 1965 ވަނަ އަހަރުގައެވެ.