ފަލަސްޠީނަކީ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށާއި، ގުދުސްގެ މުގައްދަސް ބިންތައް ހިމާޔަތްކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން މިކަމަށް ގޮވާލީ މިސްރުގެ ގާހިރާގައި ކުރިއަށްދިޔަ ކޮންފަރެންސެއްގައެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ތަޤުރީރުކުރެއްވީ
އޯއައިސީއަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ސައޫދި އަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރުއެވެ.
ސަރީރުގެ ތަޤުރީރުގައި ވަނީ އިސްރާއިލުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ހާލަތައް އަލިއަޅުވާލައި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ނިންމުންތަކާ ޚިލާފަށް ފަލަސްޠީނުގެ ބިންތައް ހިފުމަށް އިސްރާއީލުން ކުރަމުންދާ ހުރިހާ މަސައްކަތެއް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައެވެ.އަދި އަންރުވާއިން ކުރަމުންދާ މުހިންމު މަސައްކަތް ފާހަގަކޮށް، އަންރުވާގެ މަސައްކަތްތަކަށް ބާރުދިނުމުގެ ގޮތުން އެ އެޖެންސީ އަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ ގޮވާލައްވާފައެވެ.
މީގެއިތުރުން، ގުދުސްގެ މުގައްދަސް ބިންތަކުގެ ގާނޫނީ ހައިސިއްޔަތާއި ތާރީޚީ އަދި ދީނީ މުހިންމުކަން ހިމާޔަތްކުރެވޭނީ އިސްރާއިލުގެ އިސްތިއުމާރު ނިމުމަކަށް ގެނެސް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމުގެ ޙައްގު ބަލައިގަނެގެންކަމުގައި ވަނީ ފާހަގަކޮށްފައެވެ.
1975 ވަނަ އަހަރު އ.ދ. ގެ އާއްމު މަޖިލީހުގެ ޤަރާރު ނަންބަރު 3376 އިން އުފެއްދި ސީއައިއާރްޕީޕީ އަކީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމުގެ މަސައްކަތްކުރަމުންދާ ކޮމިޓީއެކެވެ.
އޯއައިސީއާ ގުޅިގެން ސީއައިއާރްޕީޕީން ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް މިދިޔަ އަހަރުގެ ޖުލައި މަހު ސެނެގާލްގައި ބާއްވާފައިވެއެވެ. ފަލަސްޠީނުގެ ހައްޤުގައި އަޑުހަރުކޮށް ވަކާލާތުކުރާ ޤައުމެއް، އަދި އޯއައިސީގެ މެމްބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ އިން ދަނީ މި ކޮންފަރެންސްތަކުގައި ބައިވެރިވަމުންވެ.