ޚަބަރު

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަމީޒާ އައްޔަންކުރައްވައިފި


  • އަމީޒާ ކުރިން ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމުގައި

  • އަމީޒާ މީރާގައި 16 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ފާތިމަތު އަމީޒާ އައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަމީޒާ އެ މަޤާމަށް އައްޔަން ކުރެއްވީ، މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ގދ. ގައްދޫ، ކޯޒީރައުންޑް ފާތިމަތު އަމީޒާ އައްޔަން ކުރެއްވީ އޭނާ އެ މަޤާމަށް އައްޔަން ކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ދެއްވުމާއި ގުޅިގެންނެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު ހުސްވެފައިވަނީ، އެ މަޤާމުގައި ހުންނެވި ޙަސަން ޒަރީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޒަރީރު އެ މަޤާމުން އިސްތިއުފާ ދެއްވީ، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވުމުންނެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ ފާޠިމަތު އަމީޒާ ވަނީ، މީރާގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައެވެ. އިންޓަވިއުގެ މަރުހަލާއަށްފަހު މަޖިލީހުގެ ކޮމިޓީން އޭނާއަށް %92.44 މާކްސް ދީފައިވާއިރު، އޭނާއަކީ މަޤާމަށް ޝަރުތު ހަމަވާ ބޭކަނބަލެއް ކަމަށް ހުރިހާ މެންބަރުންވެސް އިއްތިފާގުވިއެވެ.

އެންމެފަހުން އަމީޒާ ހުންނެވީ، މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަޤާމުގައެވެ. އޭނާވަނީ، ޓެކްސްގެ ސިޔާސަތުތައް އިޞްލާޙު ކުރުމާއި، މުއައްސަސާ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމާއި، މުޅި މުއައްސަސާގެ ފެންވަރުގައި އާމްދަނީ އިތުރު ކުރުމުގެ ރޮނގުން ސާބިތުކަމާއެކު މަސައްކަތް ކުރައްވާފައެވެ.

ފާޠިމަތު އަމީޒާގެ ޚިދުމަތުގެ ދިގު މުއްދަތުގައި، މީރާގެ އެންފޯސްމަންޓް ޑިވިޜަންގެ އިސްވެރިއެއްގެ ހައިސިއްޔަތުން، ޑޭޓާ އެނަލިޓިކްސް އަދި ހެކީގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް ބޭނުންކުރައްވައިގެން، ނުލިބި ހުރި ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ ހޯދުމުގެ މަސައްކަތް އެންމެ މަތީ ދަރަޖައަކަށް ގެންގޮސްދެއްވާފައިވެއެވެ.

ފާޠިމަތު އަމީޒާވަނީ، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓަރ އޮފް ސައިންސް އިން އެކައުންޓިންގ އަދި އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީއިން ބެޗެލަރސް ޑިގްރީ އިން އެޕްލައިޑް އެކައުންޓިންގ ހާސިލުކުރައްވާފައެވެ.