ޚަބަރު

ނަތަންޔާހޫ ހައްޔަރުކުރެވޭނެ ގޮތްތައް ދަނީ ހޯދަމުން: މަމްދާނީ


ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ހިންގަމުންދާ ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ހައްޔަރުކުރެވޭނެ ގޮތްތައް ދެނެގަތުމުގެ ގޮތުން ޤާނޫނީ މާހިރުންނާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައި އެމެރިކާގެ ނިއު ޔޯކް ސިޓީގެ މޭޔަރު ޒަހްރާން މާމްދާނީ ހާމަކުރައްވައިފިއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، ސެޕްޓެންބަރު މަހު ނިއު ޔޯކްގައި ބާއްވާ އެކުވެރި ދައުލަތްތަކުގެ (އދ) ޢާންމު މަޖިލީހުގައި ބައިވެރިވުމަށް ނަތަންޔާހޫ އެ ރަަށަށް ދަތުރުކުރާނެ ކަމުގައި ޔަހޫދީ ސަރުކާރުން އިޢުލާނު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ 'ދި ނިއު ޔޯކް ޓައިމްސް'އަށް ދެއްވި ބަސްދީގަތުމެެއްގައި މާމްދާނީ ވިދާޅުވީ، ހައްޔަރު ކުރުމުގެ އަމުރު ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުން (އައިސީސީ) ނެރެފައިވާ ނަތަންޔާހޫ ސެޕްޓެންބަރު މަހު ނިއު ޔޯކަށް ގޮސްފި ނަމަ، އޭނާ ހައްޔަރުކޮށް، އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމަށް ޢަޒުމު ކަނޑައަޅުއްވާފައިވާނެ ކަމުގައެވެ. ނަތަންޔާހޫ ހައްޔަރުކުރުމަކީ އޭނާގެ ކެންޕޭން ވަޢުދެއް ވެސް މެއެވެ. މާމްދާނީ މި މޭރުމުން އިންޒާރު ދެއްވުމަކީ ޔަހޫދީންގެ އަނިޔާވެރިކަމާ ދެކޮޅަށް އޮތް ވަރުގަދަ އިންޒާރެއް ނަމަވެސް، ޔަހޫދީ ސަރުކާރުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ވަނީ، އދގެ ޢާންމު މަޖިލީހުގެ ޖަލްސާގައި ނަތަންޔާހޫ ބައިވެރިވާނެ ކަމުގައި ބުނެފައެވެ.

މި އިންޒާރު ބަލައިނުގަނެވި، ނަތަންޔާހޫ ވަނީ މާމްދާނީއަކީ އެމެރިކާ ދެކެ "ނަފުރަތުކުރާ" ބޭފުޅެއްގެ ގޮތުގައި ދޮގު ތުހުމަތެއްކޮށް، އޭނާގެ އަގުވައްޓައިލުމުގެ ގޮތުން ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ. މިއީ، ޞަހްޔޫނީންގެ ބޮޑާކަމާއި، ޙަޤީޤަތް އޮޅުވައިލުމަށް ނަތަންޔާހޫ ދައްކާފައިވާ ފިނޑި ވާހަކަތަކެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

ޔަހޫދީންނާ މެދު އެމެރިކާ ރައްޔިތުން ދެކޭ ގޮތް ފަހަކަށް އައިސް ދަނީ ވަރަށް ބޮޑަށް ބަދަލުވަމުންނެވެ. ޚާއްޞަ ގޮތެއްގައި، ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނާއި، އެ ޕާޓީއަށް ތާޢީދުކުރާ ފަރާތްތަކުގެ މެދުގައި ޔަހޫދީ ދައުލަތަށް އޮތް ނަފުރަތު ދަނީ އިތުރުވަމުންނެވެ. ތަފާސްހިސާބުތަކުން މި ކަން ހާމަވެއެވެ. މޭ މަހު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ މެދުގައި ހެދި ސާވޭއެއްގެ ބައިވެރިންގެ ތެރެއިން %75 މީހުން ޔަހޫދީންނަށް މާލީ އަދި އަސްކަރީ އެހީދިނުމާ ދެކޮޅެވެ. މީގެ ކުރިން ހަދާފައިވާ ސާވޭތަކުގައި ޔަހޫދީންނަށް އެހީވުމާ ދެކޮޅަށް ބަސްބުނެފައި ވަނީ %45 ބައިވެރިންނެވެ. އަދި، ޑިމޮކްރެޓިކް ޕާޓީން ޔަހޫދީންނަށް އެކަށީގެންނުވާ މިިންވަރަކަށް ތާޢީދުކުރާ ކަމުގައި ސާވޭގެ ބައިވެރިންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ޤަބޫލުކުރެއެވެ.

މި ކަމަށް ބާރުދޭ އެއް ހެއްކަކީ، ޔަހޫދީ ދައުލަތަށް ފޯރުކޮށްދެމުންދާ މާލީ އަދި އަސްކަރީ އެހީތެރިކަން ކަނޑައިލުމަށް އެދި އެމެރިކާގެ ކޮންގްރެސްގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއަށް ދާދިފަހުން ހުށަހެޅި ޤަރާރާއި، އެ ޤަރާރަށް ލިބިގެންދިޔަ ތާއީދެވެ. އެ ޤަރާރު ބަލައިގަތުމަށް ހައުސްގައި ޑިމޮކްރެޓިކް ޕާޓީ ތަމްސީލުކުރައްވާ މެންބަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި ބޭފުޅުން ވޯޓުދެއްވިއެވެ. މިއީ، ޔަހޫދީންގެ ޤަތުލުޢާންމުތަކާއި ލާއިންސާނީ ޖަރީމާތަކުގައި އެމެރިކާގެ ބައިވެރިވުން ނިމުމަކަށް އަންނަން އުޅޭ ކަމުގެ އިޝާރާތެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.