ޚަބަރު

ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަކުރުމަށް ބީއެމްއެލްއިން ޑޮލަރުން ލޯނު ދޫކުރަނީ


  • މިއީ އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ފައިނޭންސިންއެއް

  • މިފައިނޭންސިންގެ ދަށުން ޓީޓީ މެދުވެރިކޮށް ކޯސް ފީ ފޮނުވައިދޭނެ

ޕްރޮފެޝަނަލް ސަރޓިފޭކޭޝަން ކޯސްތައް ފުރިހަމަކުރުމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ޑޮލަރުން ލޯނު ދޫކުރަން ނިންމައިފިއެވެ.

ބީއެމްއެލްއިން ވިދާޅުވީ، ބީއެމްއެލްގެ ކިޔަވާ ލޯނު އަދި އެޑިއުކޭޝަން ފައިނޭންސިންގއަށް ހެޔޮ ބަދަލުތަކެއް ގެނެސް، ބޭރުގެ ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަ ކުރުމަށާއި އެފަދަ ކޯސްތަކާ ގުޅުންހުރި ސަރޓިފިކޭޝަން ފީ ދެއްކުމަށް ޑޮލަރުން ފައިނޭންސިންގ ލިބޭ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.

މިއީ، އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ފައިނޭންސިންއެއް ކަމަށާއި ބައިނަލްއަޤުވާމީ ގޮތުން ބަލައިގަންނަ ޕްރޮފެޝަނަލް ތަމްރީނުތަކާއި ސަނަދުތައް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް، މި ފައިނޭންސްގެ ދަށުން ޑޮލަރު ލިބުމަކީ ބޭރު ފައިސާގެ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެ މަގުފަހިވެގެންދާނެ ކަމެއް ކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ.

މި ފައިނޭންސިންގ ދަށުން، ކޯސް ފީތައް ބޭންކުން ސީދާ ތައުލީމީ މަރުކަޒަކަށް ނުވަތަ ކަމާބެހޭ އިދާރާއަކަށް ޓެލެގްރަފިކް ޓްރާންސްފަރ، ޓީޓީ މެދުވެރިކޮށް ފޮނުވައިދޭނެ ކަމަށާއި ދަރިވަރުންނަށް ދޫކުރާ ސްޓައިޕެންޑް އެލަވަންސް ސީދާ ކަސްޓަމަރުގެ އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއްވައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކިޔަވާ ލޯނަށް މި ގެނައި ބަދަލަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް ގެނައި ބަދަލެއް ކަމަށެވެ. އަދި ރަހުނަކާ ނުލައި ޑޮލަރުން ލިބޭ މި ފުރުސަތަކީ މަތީ ތައުލީމާއި ޕްރޮފެޝަނަލް ސަނަދުތައް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭނެ ބޮޑު ލުޔެއް ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، ބޭންކް އޮފް މޯލްޑިވްސްއިން އަބަދުވެސް މަސައްކަތް ކުރަނީ، އީޖާދީ އަދި ފަސޭހައިން ލިބޭނެ މާލީ އެހީތެރިކަން ފޯރުކޮށްދީގެން ދަރިވަރުންގެ ތައުލީމީ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށް ކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ.