ޚަބަރު

ޗައިނާއާއި ރަޝިއާއިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ


  • އަހަރުގެ މިހާތަނަށް 1،173،922 ފަތުރުވެރިން ޒިޔާރަތްކޮށްފި

  • ޗައިނާ އަދި ރަޝިޔާގެފަތުރުވެރިން ވަނީ އިތުރުވެފައި

ޗައިނާ އަދި ރަޝިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު ބޮޑުތަނުން އިތުރުވެއްޖެއެވެ. ޗައިނާއާއި ރަޝިއާ ހިމެނެނީ މިއަހަރާއި މިދިޔަ އަހަރުވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ 2 ޤައުމުގެ ގޮތުގައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި 18ގެ ނިޔަލަށް ރާއްޖެއަށް 1،173،922 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %4.7 ދަށް އަދަދެކެވެ.

މިއަހަރާއި އަދި މިދިޔަ އަހަރުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ 1ވަނައިގައި އޮތީ ޗައިނާއެވެ. އަދި 2ވަނައިގައި އޮތީ ރަޝިއާއެވެ. ރާއްޖެއަށް ފަތުރުވެރިން އައި ޖުމްލަ އަދަދު ދަށްވިނަމަވެސް ވަކިވަކި މާކެޓްތަކުން ރާއްޖެއައި ފަތުރުވެރިންގެ އަދަދަށް ވަނީ ކުރިއެރުން އައިސްފައެވެ. އެގޮތުން ޗައިނާ އަދި ރަޝިއާ މާކެޓުންވެސް ކުރިއެރުން ހޯދާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެ އައީ 195،363 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 170،210 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %14.7 އިތުރުވުމެކެވެ.

2ވަނައިގައި އޮތް ރަޝިއާ މާކެޓުންވެސް ވަނީ ކުރިއެރުން ހޯދާފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް 167،314 ފަތުރުވެރިން ވަނީ އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 142،899 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %17 އިތުރުވުމެކެވެ.

އަހަރުގެ މިހާތަނަށް ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ އަދަދަކީ 834،816 އެވެ. ގެސްޓްހައުސްތަކުގައި 262،171 ފަތުރުވެރިން، ހޮޓެލްތަކުގައި 27،523 ފަތުރުވެރިން ޗުއްޓީހޭދަކޮށްފައިވެއެވެ. އަދި ސަފާރީތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ އަދަދަކީ 22،381 ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.