ޚަބަރު

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަށް ޚިޔާލު ހޯދުމުގެ ބައްދަލުވުން ފަށައިފި


  • މިއީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މަޝްރޫއެއް

  • މި މަޝްރޫއު ކުރިއަށްގެންދަނީ ރާއްޖޭގައި ނެތެމުން އަންނަ އިޙްތިރާމުގެ އާދަ އަލުން އިއާދަކުރުމަށް

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު ފެށުމަށް ބޭނުންވާ ޚިޔާލު ހޯދުމުގެ ބައްދަލުވުން ފަށައިފިއެވެ.

މި ބައްދަލުވުމަކީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީހުން ކުރިއަށްގެންދާ ބައްދަލުވުމެކެވެ. އެ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ބައްދަލުވުން ފައްޓަވައިދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދުއެވެ.

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއަކީ ދިވެހިންގެ ތެރެއިން ނެތެމުންދާ ރީތި އާދަތައް ދިރުވައި އާލާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިއީ ދިވެހިންގެ އައިޑެންޓިޓީ ހިފެހެއްޓުމަށް ދެއްވާ އިސްކަމުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ޚިޔާލު ހޯދުމުގެ ބައްދަލުވުން ފައްޓަވައިދެއްވައި ފަންނާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު ކުރިއަށްގެންދާނީ މުޅި މުޖުތަމަޢުގެ އެންމެންގެ ޚިޔާލާއި މަޝްވަރާގެ ތެރެއިން ކަމަށެވެ. ދިވެހިންނަކީ ޒަމާނުއްސުރެ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމުކުރާ ރިވެތި އާދަތަކުގެ ބައެއްކަން ބޭރުގެ އެކި ފަރާތްތަކުން ލިޔެކިޔުންތަކުން އެނގެން ހުރިނަމަވެސް ފަހަކަށް އައިސް އެ ރިވެތި އާދަތައް ނެތެމުންދާކަމަށެވެ. މި މަޝްރޫއުގެ ބޭނުމަކީ އެ އާދަތައް އަލުން އަނބުރާ ދިވެހި މުޖުތަމަޢުގައި އަށަގެނެވުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ދިވެހިންގެ އިޙްތިރާމް އަދާކުރުމާއި މެހެމާންދާރީއާއި އަދަބު އަޚްލާގާއި މިފަދަ ސުލޫކީ ރަނގަޅު އެތައް ވާހަކަތަކެއް ދިވެހިންނާ ބެހޭގޮތުން ލިޔެވިފައި އެބަހުރި. އެހެންނަމަވެސް މިއަދު އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާނެ ހަގީގަތަކީ އަޅުގަނޑުމެންގެ މުޖުތަމަޢުން މިއަދު މިފަދަ ރީތި މުހިންމު ސިފަތައް ގެއްލެމުންދާކަން. އެހެންކަމުން މިކަންކަން ދިރުވާ އާލާކޮށް، އަޅުގަނޑުމެންގެ މުޖުތަމަޢަކީ އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރާ، ގަދަރު ކުރާ އަދި މިފަދަ ރިވެތި ސިފަތަކުން ޖަރީވެ ޒީނަތްތެރި ވެފައިވާ މުޖުތަމަޢެއްގެ ގޮތުގައި އަޅުގަނޑުމެންގެ މުޖުތަމަޢު ހެދުމަކީ އަޅުގަނޑުމެން ކޮންމެ ދިވެހި ރައްޔިތަކުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް،" ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.

ވަޒީރު ހީނާ ވިދާޅުވީ މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން މަޝްރޫއާ ގުޅޭގޮތުން ތަފާތު މުހިންމު ޚިޔާލުތައް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ކްލަބްތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާއި ސިޔާސީ ޕާޓީތަކުގެ ޚިޔާލާ މަޝްވަރާ ހޯދުމަށް ވަނީ ނިންމާފައެވެ.

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަދުގެ ސަރުކާރު އައުމާ ހަމައަށް ދިވެހިންގެ އައިޑެންޓެންޓިޓީ ގެއްލުމަކާ ހަމައަށް އައިސްފައިއޮތްކަަން ފާހަގަކުރައްވާފައެވެ. ނަމަވެސް މިސަރުކާރުން ޤައުމިއްޔަތާއި ދިވެހި ބަހަށް އިސްކަން ދީގެން މަސައްކަތްތަކެއް ފެށިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތާރީޚް ދިރާސާކޮށް ސަޤާފީކަންކަން އާލާކުރުމަށްވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެދާރައިތާކުން ޚިިދުމަތް ކުރައްވާފައިވާ އިސްރަށްވެހިންގެ އެއްބާރުލުން ބޭނުންވާކަމަށާއި މިހާރުވެސް އެމީހުންގެ އެހީތެރިކަން ލިބެމުންދާކަން ފާހަގަކުރައްވާފައެވެ.