އާޖެންޓީނާ ބަލިކޮށް، ސްޕެއިން އިން ދެވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ފަޚުރުވެރި ކާމިޔާބީއަކީ ހަމައެކަނި މިވަގުތުގެ ދުނިޔޭގެ ޗެމްޕިއަން ކަނޑައެޅުނު ކާމިޔާބީއެއް ނޫނެވެ. ފަސް އެނބުރި ކައިރި މާޒީ ބަލާލާއިރު ފެންނަނީ ދުނިޔޭގެ ފުޓްބޯޅައިގައި ސްޕެއިންގެ ނުފޫޒެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ކޮންޓްރޯލް ސްޕެއިން ނަގާފައިވާ މިންވަރެވެ.
ހަމައެކަނި ފަސް އަހަރަށް ބަލާލުމުން ފެންނަހުރި ހިސާބު ނަމްބަރުތައް ބުނެދޭ ވާހަކައަކީ 'ސްޕެއިން އަކީ މިހާރުގެ ޗެމްޕިއަން ކަމެވެ. ކުރިމަގުގެވެސް ޗެމްޕިއަން ކަމެވެ.' އެކޮލިޓީ ސްޕެއިންގެ އުމުރުފުރާ ޓީމްތަކުން ފެށިގެން އަންހެން އަދި ފިރިހެން ސީނިއަރ ޓީމްގައިވެސް އެބައޮތެވެ. އެކަން ދަލީލް ކޮށްދެނީ 5 އަހަރުގެ ކާމިޔާބީއެވެ. ފަސް އަހަރުގެ ތެރޭގައި ސްޕެއިންގެ ސީނިއަރ އަންހެން ޓީމާއި، ފިރިހެން ޓީމް އަދި އުމުރުފުރާ ޓީމްތައް ހިމެނޭ ގޮތަށް 16 ތަށި އުފުލާލާއިފިއެވެ. 17 އަހަރުން ދަށުގެ ޓީމުން ފެށިގެން ސީނިއަރ ޓީމާ ހަމައަށް މި ފަސް އަހަރު ސްޕެއިން ހޯދާފައިވާ ކާމިޔާބީ ތަކުގައި ދުނިޔޭގެ ޗެމްޕިއަންކަމާއި، ޔޫރަޕްގެ ޗެމްޕިއަންކަން ހިމެނެއެވެ.
ސްޕެއިންގެ ސީނިއަރ ފިރިހެން ޓީމަކީ ދުނިޔޭގެ ޗެމްޕިއަން ޓީމްގެ އިތުރުން ޔޫރަޕްގެވެސް ޗެމްޕިއަން ޓީމެވެ. ވަރލްޑްކަޕާ ކުރިމަތިލީ 2023 ވަނަ އަހަރު އުފުލާލި ޔޫރަޕްގެ ޗެމްޕިއަން ޓްރޮފީއާއެކުއެވެ. މިއީ 2008 ވަނަ އަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާ 2010 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ކާމިޔާބީގެ ތަކުރާރެއްފަދަ ކާމިޔާބީއެކެވެ.
ސްޕެއިން އަކީ އަންހެން އަދި ފިރިހެން ވަރލްޑްކަޕްގެ ތަށި އެއް ވަގުތެއްގައި އުފުލާލި ހަމައެކަނި ގައުމެވެ. އެންމެ ފަހުގެ އަންހެން ވަރލްޑްކަޕްގެ ޗެމްޕިއަން ޓީމަކީވެސް ސްޕެއިންއެވެ. 2023 ވަނަ އަހަރު ސިޑްނީގައި އިނގިރޭސިން ބަލިކޮށް، ހޯދި ތަށި ހުރީ ސްޕެއިންގައެވެ. އަދި އެމެރިކާގެ ނިއުޖަރޒީ ސްޓޭޑިއަމްގައި އާޖެންޓީނާ ބަލިކޮށް، އާޖެންޓީނާ އަތުގައި ހުރި ތަށި ސްޕެއިން ގެނައުމުން ވަރލްޑްކަޕްގެ ދެ ތަށިވެސް ހުރީ ސްޕެއިންގައެވެ.
މީގެއިތުރުން 2023 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ޗެމްޕިއަން ޓީމަކީވެސް ސްޕެއިންއެވެ. އެތަށިވެސް ހުރީ ސްޕެއިންގައެވެ. 2024 ވަނަ އަހަރުގެ އޮލިމްޕިކްސް އާއި ފާއިތުވި ދެ ނޭޝަންސް ލީގުގެ އަންހެން ޗެމްޕިއަން ޓްރޮފީވެސް ސްޕެއިން އުފުލާލުމުން އެދެތަށިވެސް ސްޕެއިންގެ ހަރުގަނޑުގައެވެ.
ސްޕެއިންގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން މިހާރު ގަބޫލުކުރާ ހަގީގަތަކީ އެމީހުން ހުއްޓުވެން ނެތްކަމެވެ. ސްޕެއިން އަކީ މިހާރާއި ކުރިމަގުގެވެސް ޓީމް ކަމެވެ. ސްޕެއިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދަން ނެގީ ވަރަށްބޮޑު ރިސްކެއްވެސް މެއެވެ،. އެއީ 2022 ވަނަ އަހަރު ރައުންޑް އޮފް 16 އިން ކެޓުމުން އޭރުގެ ކޯޗު ލުއިސް އެންރީކޭ ވަކިވުމުން އާ ކޯޗަކަށް ޑެ ލަ ފުއެންޓޭ ހަމަޖެއްސުމެވެ. ފުޓްބޯޅައިގެ ކާމިޔާބީއެއް ނެތް، ތަޖުރިބާ ކުޑަ ކޯޗާ ގައުމީ ޓީމް ހަވާލުކުރުން ގިނަބަޔަކު ދުށީ ރިސްކެއް ކަމަށެވެ. ގައުމީ ޓީމްގައި އޭނާ ކާމިޔާބުވެދާނެ ކަމަށް ދުށް މީހުން މަދެވެ.
1994 ވަނަ އަހަރު ކުޅުން ހުއްޓާލުމަށްފަހު ސްޕެއިން ގައުމީ ޓީމާ ހަވާލުވުމާ ހަމައަށް 15 ވަރަކަށް އަހަރު އޭނާ ހޭދަކުރީ ދަށް ފަންތީގެ ކްލަބްތައް މެނޭޖް ކުރުމާއި، ޔޫތް ޓީމްތަކުގެ އެސިސްޓެންޓް ކޯޗު ފަދަ ޒިންމާތައް ނެގުމުގައެވެ. އޭގެފަހުން ސްޕެއިންގެ ޔޫތް ޓީމްތަކާ ހަވާލުވެ، ޔޫތް ސިސްޓަމް ރަނގަޅަށް އެނގި ދަސްކުރުމާއެކު ގައުމީ ޓީމް ހަވާލުކުރިއެވެ. ޑެ ލަ ފުއެންޓާއަކީ ސްޕެއިންގެ ފުޓްބޯޅައިގެ މުޅި ސިސްޓަން ރަނގަޅަށް ދަންނަ ޚާއްޞަކޮށް ޔޫތް ސިސްޓަމަށް ފަރިތަ ކޯޗެކެވެ. އޭނާއަށް އޮތް އެޑްވާންޓޭޖަކީ އެއީއެވެ.
މިދިޔަ 5 އަހަރުގެ ތެރޭގައި ސްޕެއިން ހޯދާފައިވާ އެހެނ ބައެއް ކާމިޔާބީ ތަކުގެ ތެރޭގައި އަންހެން 19 އަހަރުން ދަށުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް 5 ފަހަރު ހޯދުމާއި، 17 އަހަރުން ދަށުގެ ވަރލްޑް ކަޕާއި ޔޫރަޕިއަން ޗެމްޕިއަންޝިޕް ހޯދުން ހިމެނެއެވެ. 2022 ވަނަ އަހަރު 20 އަހަރުން ދަށުގެ ވަރލްޑްކަޕްވެސް ހޯދީ ސްޕެއިންއެވެ. ފިރިހެން ޓީމްތަކަށް ބަލާއިރު 19 އަހަރުން ދަށުގެ ޔޫރަޕިއަން ޗެމްޕިއަން ޝިޕާއި، 2014 ވަނަ އަހަރުގެ އޮލިމްޕިކްސް އުފުލާލުން ހިމެނެއެވެ.
ސްޕެއިން ޓީމަކީ މިހާރު މިހާރާއި ކުރިމަގަށްވެސް ފައްކާވެފައި އޮތް ހަމައެކަނި ޓީމްކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ޚާއްޞަކޮށް ސްޕެއިންގެ ކުރީގެ ކުޅުންތެރިން ދެކެއެވެ.