ޚަބަރު

އެންހޭންސްމެންޓް ޕްލޭން: ބާރުބޮޑު ގަޑިތަކުގައި ޓްރެފިކް މައްސަލަތަކަށް ހައްލެއް


  • ކޮމިޝަނަރ އޮފް ޕޮލިސް މި ޕްލޭން ތަޢާރަފުކޮށްދެއްވީ ހޮނިހިރު ދުވަހު

  • ޓްރެފިކް ބާރުބޮޑުވާ ވަގުތުތަކުގައި އެކި ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާނެ

މާލެއާއި ބްރިޖް ހައިވޭގައި ޑިއުޓީ އަދާކުރާ ފުލުހުން މަސައްކަތްކުރާނެ ގޮތްތައް ބަޔާންކޮށް ތައްޔާރުކޮށްފައިވާ ޓްރެފިކް އެންހޭންސްމަންޓް ޕްލޭނުގެ ސަބަބުން ބާރުބޮޑުވާ ގަޑިތަކުގައި ޓްރެފިކް މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުހައްމަދު މި ޕްލޭން ތަޢާރަފުކޮށްދެއްވީ މިދިޔަ ހޮނިހިރު ދުވަހު ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. މި ޕްލޭނަކީ ކޮމިޝަނަރުގެ އިރުޝާދުގެ ދަށުން ޓްރެފިކް ފުލުހުން އެކުލަވާލާފައިވާ ޕްލޭނެއް ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

ޓްރެފިކް އެންހޭންސްމަންޓް ޕްލޭނާ ގުޅޭގޮތުން ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް ޠަލްހަތު އަޙްމަދު ވިދާޅުވީ މާލެ ސަރަހައްދަށް ޚާއްސަ މިދަފަ ޕްލޭނެއް އޮތުން ވަރަށް މުހިންމު ކަމަށެވެ. އެގޮތުން، މި ޕްލޭނުގެ ދަށުން މާލެ އާއި ހައިވޭގައި ޓްރެފިކް އެންމެ ބާރުބޮޑުވާ ގަޑިތައް ދެނެގަނެވި، އެ ވަގުތުތަކުގައި ޓްރެފިކް ފުލުހުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ޠަލްހަތު ވިދާޅުވީ މާލޭގެ ބައެއް ސަރަހައްދުތަކުގައި ވަކި ވަގުތުތަކުގައި ޓްރެފިކް ގަވާއިދާ ޚިލާފުވުމާއި އެހެނިހެން ބައެއް ކުށްތައް ގިނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެ ވަގުތުތަކުގައި އެ ސަރަހައްދުގައި ފުލުހަކު ފެންނަން ހުންނަނަމަ އެފަދަ މައްސަލަތައް ދިމާނުވާ ކަމަށްވެސް ވިދާޅުވއިެވެ.

"އެންމެ ބާރުބޮޑުވާ އޮފީސްގަޑިތަކާއި ސްކޫލް ފެށޭ ނިމޭ ގަޑިތަކުގައި ހުރިހާ ވެހިކަލްތައް އަންނައިރު އަޅުގަނޑުމެންގެ ކުއްޖަކު އެތާ ނެތްކަމަށްވާނަމަ އެކަކު އަނެކަކަށް ފުރުސަތު ނުދީ ބަރުގޮނު އަޅާ ތިބެނީ. އެކަމަކު އަޅުގަނޑުމެންގެ ކުއްޖަކު އެތާ ހުންނަ ކަމަށްވާނަމަ ހަމަ ހުރިހާ ބޭފުޅުންވެސް އެކަކު އަނެކަކަށް ފުރުސަތު ދީގެން އަޅުގަނޑުމެން އަދި ނުބުނި ކަމުގައިވީނަމަވެސް އެ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެންދަނީ. އެހެންވީމަ މި އެންހޭސްމަންޓް ޕްލޭނަކީ ފުލުހުން އެތަނެއްގައި ތިބެގެން ގައިޑްކޮށްދިނުން،" އިންސްޕެކްޓަރ އޮފް ޕޮލިސް ޠަލްހަތު އަޙްމަދު ވިދާޅުވިއެވެ.

މި ޕްލޭންގެ ދަށުން ފުލުހުން ފާހަގަކުރައްވާފައިވާ ސަރަހައްދުތަކަކީ ސިނަމާލެ ބްރިޖު ހައިވޭ އާއި ބޮޑުތަކުރުފާނު މަގުން އާޓީފިޝަލް ބީޗާ ހަމައަށް އޮންނަ ސަރަހައްދާއި، ސޯސަން މަގާއި މަޖީދީމަގު ގުޅޭ ސަރަހައްދާއި ޗާންދަނީމަގާއި މަޖީދީމަގު ގުޅޭ ސަރަހައްދުގެ އިތުރުން މާވެޔޮމަގާއި މަޖީދީމަގު ގުޅޭ ސަރަހައްދާއި މާފަންނު ސަހަރާ ސަރަހައްދެވެ. މި ސަރަހައްދުތަކުގައި ޓްރެފިކް ބާރުބޮޑުވާ ގަޑިތަކުގައި އުޅަނދުތަކާއި ހިނގާފައި އުޅޭ އާންމުންނަށް އެހީވުމަށް ފުލުހުން ހަރަކާތްތެރިވާނެއެވެ.

ފުލުހުންގެ ހަރަކާތްތައް އިތުރު ކުރެވުމުން ޓްރެފިކް މައްސަލަތަކުގެ އިތުރުން އިޖުތިމާޢީ އެހެން މައްސަލަތަކަށްވެސް ހައްލު ލިބޭނެ ކަމަށް ތޮލްއަތު ވިދާޅުވިއެވެ. އަދި ޓްރެފިކް ފުލުހުންގެ މި މަސައްކަތުގައި އާންމުންގެ އެއްބާރުލުމަށްވެސް އޭނާ އެދިވަޑައިގެންނެވިއެވެ.