ޚަބަރު

ދިއްދޫ ރޯހައުސްތަކުގެ މަސައްކަތް ނިމުމަކާ ގާތަށް


  • މަޝްރޫޢުގެ މަސައްކަތް ފެށީ 2022ގައި

  • މަޝްރޫޢު ކުރިއަށްގެންދަނީ އެސްޖޭ ކޮންސްޓްރަކްޝަނުން

ހއ. ދިއްދޫގައި ތަރައްޤީ ކުރަމުން އަންނަ 75 ރޯހައުސްގެ މަސައްކަތުގެ %98.55 ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

2022ވަނަ އަހަރު ދިއްދޫގައި 75 ރޯހައުސް ތަރައްޤީ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، މިހާރު ކުރިއަށްދަނީ ބަދިގެއާއި ފަހާނާތައް ނިންމުމުގެ މަސައްކަތް ކަމަށް ބިނާރާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި މަޝްރޫޢުގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 75 ރޯހައުސްއެވެ. އޭގެތެރެއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި، 3 ފާޚާނާއާއި، ސިޓިންގ ރޫމާއި، ބަދިގޭގެ އިތުރުން ކާގެއާއި، ލޯންޑްރީ އަދި ސްޓޯރ ރޫމު ހިމެނެއެވެ.

ހއ. ދިއްދޫއަކީ، މާލެއިން އުތުރުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށެވެ. ދިއްދޫގެ އާބާދީއަކީ 5000 މީހުން ނަމަވެސް، ރަށުގައި ތަޢުލީމާ ޞިއްޙީ ފަރުވާ ފަދަ ބޭނުންތަކަށް އެރަށަށް ހިޖުރަކޮށްގެން ދިރިއުޅޭ މީހުންނާއެކު އާބާދީ 7000އަށް އަރައެވެ.

އާބާދީ އިތުރުވަމުން އަންނަ އެހެން ރަށްތަކެކޭ އެއްގޮތަށް، ދިއްދުއަކީވެސް ރަނގަޅު ބޯހިޔާވަހި ކަމަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ރަށެކެވެ.

އެ ރަށުގައި 75 ރޯހައުސް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، އެސްޖޭ ކޮންސްޓްރަކްޝަންއާއެވެ. މި މަޝްރޫޢުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ، 120 މިލިޔަން ރުފިޔާއަށެވެ.

2008ވަނަ އަހަރުވެސް އެރަށުގެ ބިން ހިއްކައި، 250 ރޯހައުސް އިމާރާތްކޮށް ރަށުގެ ރައްޔިތުންނަށް ދޫކުރިއެވެ.