ޚަބަރު

އިންޑިއާގެ އެކްސްޕޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް


  • އެކްސްޕޯ އޮންނާނީ ޖުލައި 31އިން އޯގަސްޓް 1އަށް އިންޑިއާގައި

  • އޭޝިޔާ ސަރަހައްދުގެ 20 ޤައުމެއްގެ ވިޔަފާރިވެރިން ބައިވެރިވާނެ

އިންޑިއާގައި ބާއްވާ އެކްސްޕޯއެއްގައި ބައިވެރިވުމުގެ ފުރުސަތު އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ. މި އެކްސްޕޯ އޮންނާނީ، ޖުލައި 31 އިން އޯގަސްޓް 1ގެ ނިޔަލަށެވެ.

ވިޔަފާރިއާއި ބެހޭ ވުޒާރާއިން ދިވެހި ވިޔަފާރި ކުންފުނިތަކަށް ހުޅުވާލާފައިވަނީ، ހަތަރުވަނަ އެޑިޝަންގެ އިންޑިޔާ - އޭޝިޔާ ބިޒްނަސް ކޮންކްލޭވް 2026 އަދި އިކޯ ސަސްޓެއިން އެކްސްޕޯ 2026 ގައި ބައިވެރިވުމަށެވެ. މިއީ، ގްލޯބަލް އިންޑިޔާ ބިޒްނަސް ފޯރަމުގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ ހަރަކާތެކެވެ. މި އެކްސްޕޯ ކުރިއަށްދާނީ، މި ޖުލައި 31 އިން އޯގަސްޓް 1 އަށް އިންޑިޔާގެ ހައިދަރުއާބާދުގައެވެ.

އިންޑިޔާ- އޭޝިޔާ ބިޒްނަސް ކޮންކްލޭވް ފާހަގަވެފައިވަނީ، މި ސަރަހައްދުގައި ބާއްވާ ބައިނަލްއަޤުވާމީ ވިޔަފާރިތައް އެއްތަނަކުން ގުޅުވާލަދޭ އެއް ޕްލެޓްފޯމުގެ ގޮތުގައެވެ. މި މައުރަޒުގައި އިންޑިޔާގެ 500 އަށްވުރެ ގިނަ ވިޔަފާރި ކުންފުނިތަކާއި، ބައިނަލްއަޤުވާމީ ވިޔަފާރި ވަފުދުތަކާއި، ސިޔާސަތު ހައްދަވާ ފަރާތްތަކާއި، ސަރުކާރުތަކުގެ ބައިވެރިންނާއި، ޑިޕްލޮމެޓުންނާއި، ސިނާޢީ ޖަމާއަތްތަކާއި އަދި އޭޝިޔާ ސަރަހައްދުން 20 އަށްވުރެ ގިނަ ޤައުމުގެ ވިޔަފާރިވެރިން އެއްތަނަކުން ބައްދަލުވުމުގެ ފުރުސަތު ތަނަވަސްވެގެން ދާނެކަމަށް ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި ކޮންކްލޭވްގައި ބައިވެރިވާ ފަރާތްތަކަށް ވިޔަފާރި ނެޓްވޯކިން ފުރުސަތުތަކާއި، ވިޔަފާރިއާއި އިންވެސްޓްމަންޓް އަދި ޖޮއިންޓް ވެންޗަރ ފުރުޞަތުތަކާއި، ސެކްޓަރ ބޭސްޑް ސެޝަންތަކާއި، ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އިންޑިޔާގެ މެނިފެކްޗަރުންނާއި، އެކްސްޕޯޓަރުންނާއި، އިމްޕޯޓަރުންނާއި، ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން އިންވެސްޓަރުންނާއި ބައްދަލު ކުރުމުގެ ފުރުސަތުވެސް ލިބޭނެއެވެ.

މީގެ އިތުރުން ވިޔަފާރިތަކުން އުފައްދާ ތަކެއްޗާއި އަދި ދޭ ޚިދުމަތްތަކާއި، އިންވެސްމަންޓުގެ ފުރުސަތުތައްވެސް ބައިނަލްއަޤުވާމީ ފަރާތްތަކާއި ހިއްސާކޮށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އިންފްރާސްޓްރަކްޗަރ، ޓޫރިޒަމް، ހޮސްޕިޓެލިޓީ، ރިނިއުއަބަލް އެނަރޖީ، ފުޑް ޕްރޮސެސިންގ، ހެލްތު ކެއަރ، އެޑިއުކޭޝަން، ޓެކްނޮލޮޖީ، މެނުފެކްޗަރިންގ، ލޮޖިސްޓިކްސްގެ އިތުރުން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓާއި ގުޅޭ ދާއިރާތަކުގެ މެދުގައި ސްޓްރެޓެޖިކް ޕާޓްނަރޝިޕްތައް ބިނާކުރުމުގެ ފުރުސަތުތައްވެސް ލިބިގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.