ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް 350 ފަރާތަކުން ހުށަހަޅައިފި


  • މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިން ބައިވެރިވެވޭނެ

  • ބައިވެރިވުމުގެ ފުރުޞަތު އުމުރުން 13 އަހަރުން މަތީގެ ދިވެހިންނަށް ވަނީ ހުޅުވާލާފައި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގައި ބައިވެރިވުމަށް އެދި މިހާތަނަށް 350 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. މިއީ މިދިޔަ އަހަރުގެ އެކްސްޕޯގައި ބައިވެރިވި ފަރާތްތަކާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަތްތެރި މަސައްކަތްތެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ޑިޖިޓަލް އުފެއްދުންތެރިންގެ އިތުރުން އައު އީޖާދުތައް ކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ މަސައްކަތްތައް ދައްކާލުމަށް ބާއްވާ މަޢުރަޒެކެވެ.

ބީސީސީން ވިދާޅުވީ، މިއަހަރުގެ މައުރަޒަށް މިހާތަނަށް 350 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާ ކަމަށެވެ. މިއީ، މިދިޔަ އަހަރުގެ އެކްސްޕޯގައި ބައިވެރިވި 240 ފަރާތާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބީސީސީން ފާހަގަކުރައްވައެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއެއްގައި އުފެއްދުންތަކާއި، ޚިދުމަތްތައް ދައްކާލުމުގެ ފުރުޞަތު ލިބޭނެއެވެ. އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އޮގަސްޓް 31ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މި މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު އުމުރުން 13 އަހަރުން މަތީގެ ދިވެހިންނަށާއި، ދިވެހި ވިޔަފާރިތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ތައުލީމީ މުއައްސަސާތަކާއި، ކައުންސިލުތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.

މިއަހަރަކީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާތީ، ބީސީސީގެ އަމާޒަކީ މިއަހަރުގެ މަޢުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް އެފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށާއި، މާކެޓު ކުރުމަށް ހުޅުވާލެވޭ އެންމެ ފަހި ފުރުޞަތަށް ހެދުމެވެ.

މިއަހަރުގެ މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ، އޮކްޓޫބަރ މަހުގެ 23 އިން 31 އަށެވެ. މި މަޢުރަޒަކީ، ދިވެހި އުފެއްދުންތެރިންގެ ހުނަރު ދައްކާލުމަށް ލިބޭ ބޮޑު ފުރުޞަތަކަށްވާއިރު، އެންމެ ފަހު ވަގުތަށް މަޑުނުކޮށް، ވީހާވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް ބީސީސީން ވަނީ އިލްތިމާސް ކުރައްވާފައެވެ. މި މަޢުރަޒުގައި ބައިވެރިވުމަށް އެދި expo.mv ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.