ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސުލްޖޫމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ޙުކުމުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފިއެވެ.
މިމައްސަލައިގެ އެންމެފަހު އަޑުއެހުން ބޭއްވީ މިއަދު ހެނދުނުއެވެ.
ދަށުކޯޓްގެ ނިންމުން ބާތިލުކޮށްދިނުމަށް އެދި އެ މައްސަލަ ހައިކޯޓަށް ހުށައަޅާފައިވަނީ ޕީޕީއެމްގެ އާއްމު މެމްބަރެއްކަމަށްވާ ސ.ހުޅުދޫ ފެންފިޔާޒުވިލާ އައްބާސް ވާފިރެވެ.
އަޑުއެހުންތައް ނިންމަވާލެއްވިއިރު މައްސަލަ އިންސާފުވެރކަމާއެކު ނިންމަވައިދެއްވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މިއަދު ކޯޓްގައި އެދިވަޑައިގެންފައިވެއެވެ. ރައީސް މައުމޫން ފަރާތްޕުޅުން ކޯޓްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ ދިވެހި ރާއްޖޭގެ ޤާނޫނޫ އަސާސީގެ ދަށުން އެ މީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މީހެއްކަމަށެވެ. އަދި ޤާނޫނުގެ ރައްކާތެރިކަމާއި ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ކޮންމެ މީހެއްގެ ހައްޤަކަށްވާތީ ހަމަކަމާއި އިންސާފުވެރިކަމާއެކު މައްސަލަ ނިންމަވާދެއްވުމަށް ރައީސް މައުމޫން ވަރަށް އަދަބުވެރިކަމާއެކު އެދި ވަޑައިގަންނަވާކަމަށެވެ.
މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އިތުރުކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މައްސަލއިގެ ހުކުމް ކުރެއްވުންކަމަށެވެ. އެހެންމަވެސް މައްސަލައިގެ ހުކުމް ކުރުން އޮންނާނެ ދުވަހެއް އިއުލާންކުރައްވާފައެއްނުވެއެވެ.
މި މައްސަލާގައި ދަށުކޯޓުން ނިންމަވާފައިވާ ނިންމެވުން ބާތިލުކޮށްދެއްވުމަށް ރައީސް މައުމޫން އެދިވަޑައިގެންފައިވާއިރު، މި މައްސލައިގެ ތެރެއަށް ތަދައްޚުލު ވެފައިވާ ޕީޕީއެމް އިންވެސް އަދި ސިވިލްކޯޓަށް މައްސަލަ ހުށައެޅުއްވި ދެ މެމްބަރުންވެސް އެދިވަޑައިގެންފައިވަނީ ސިވިލްކޯޓްގެ ނިންމެވުން ދެމެހެއްޓެވުމަށެވެ.