ޚަބަރު

މިއަހަރު ފަލަސްޠީންގެ 8 ނޫސްވެރިން ޝަހީދުކޮށްލި


  • 27 ނޫސްވެރިން ހައްޔަރުކުރި

  • 29 ނޫސްވެރިއަކަށް ބަޑިން ހަމަލާ ދިން

  • 78 ނޫސްވެރިއަކާ ދެކޮޅަށް ކަރުނަ ގޭސް ބޭނުންކުރި

ދެހާސް ސައްބީސް ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި، ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްޠީނުގެ އަށް ނޫސްވެރިން ރަޙުމުކުޑަކޮށް ޝަހީދުކޮށްލައި، މީޑިއާގެ މަސައްކަތްތެރިންނާ ދެކޮޅަށް ޖުމުލަ 467 ޖަރީމާ ހިންގާފައިވާ ކަން ފަލަސްޠީންގެ ނޫސްވެރިންގެ ޖަމުޢިއްޔާއިން ހާމަކޮށްފިއެވެ.

ހުޅަނގު އައްސޭރީގެ ރާމަﷲ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ތަފާސްހިސާބުތައް ތަފްސީލުކޮށް ހާމަކުރައްވަމުން އެ ޖަމުޢިއްޔާގެ މިނިވަންކަމާ ބެހޭ ކޮމިޓީގެ ރައީސް މުޙައްމަދު އަލް-ލައްޙާމް ވިދާޅުވީ، ޖަނަވަރީ މަހާއި ޖޫން މަހާ ދެމެދު 27 ނޫސްވެރިން ހައްޔަރު ކޮށްފައިވާ ކަމަށާއި، 29 ނޫސްވެރިއަކަށް އަމާޒުކޮށް ބަޑީގެ ހަމަލާ ދީފައިވާ ކަމުގައެވެ. އަދި، 78 ނޫސްވެރިއަކާ ދެކޮޅަށް ކަރުނަ ގޭސް ބޭނުންކުރުމުގެ އިތުރުން 14 ނޫސްވެރިއަކަށް ޖިސްމާނީ އަނިޔާ ދީފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ނޫސްވެރިންގެ ސާމާނަށް ގެއްލުން ދިނުމުގެ 22 މައްސަލަ ރެކޯޑު ކުރެވިފައިވާ ކަން ފާހަގަކުރައްވައި، ލައްޙާމް ވިދާޅުވީ އިސްތިޢުމާރު ކޮށްފައިވާ އިރުމަތީ ޤުދުސްގައި ހުރި މަސްޖިދުލްއަޤްޞާއަށް ވަނުމަށް 19 ނޫސްވެރިންނަށް ޔަހޫދީ ސިފައިން އަޅާފައިވާ ކަމުގައެވެ.

2023 އޮކްޓޫބަރުން 2026 ޖޫންއާ ދެމެދު ނޫސްވެރިންނާ ދެކޮޅަށް ޖުމުލަ 4,127 ޖަރީމާ ހިންގާފައިވާ ކަމުގައި ވެސް ލައްޙާމް ވިދާޅުވިއެވެ. އޭގެ ތެރޭގައި 193 ނޫސްވެރިއަކު ހައްޔަރުކުރުމާއި، 187 މީޑީއާ މުއައްސަސާއާއި، ނޫސްވެރިންގެ 140 ގެއެއް ސުންނާފަތިކޮށްލުން ހިމެނެއެވެ. އަދި، އެ މުއްދަތުގެ ތެރޭގައި 713 ނޫސްވެރިއެއްގެ ޢާއިލާގެ މެންބަރުން ޝަހީދުކޮށްލާފައިވާ ކަމުގައި ވެސް ނޫސްވެރިންގެ ޖަމުޢިއްޔާގެ ރިޕޯޓުގައި ހާމަކުރިއެވެ.

ނޫސްވެރިންނާ ދެކޮޅަށް ހިންގާ މިފަދަ ބޮޑެތި ޖަރީމާތަކާ ގުޅިގެން ޔަހޫދީންނާ ދެކޮޅަށް ބައިނަލްއަޤުވާމީ އެކި އިދާރާތަކުގައި ޤާނޫނީ ފިޔަވަޅު އަޅަމުންދާ ކަމަށާއި، މި ގޮތުން އެކުވެރި ދައުލަތްތަކާއި (އދ) ފަރަންސޭސިވިލާތުގެ ކޯޓުތަކަށް މައްސަލަ ހުށަހަޅާފައިވާނެ ކަމުގައި އެ ޖަމުޢިއްޔާއިން ބުނެއެވެ. އަދި، ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުން މި މައްސަލަތަކުގެ ތަޙުޤީޤުތައް ވީ އެންމެ އަވަހަކަށް ފުރިހަމަ ކުރުމަށް ވެސް އެ ޖަމުޢިއްޔާއިން ވަނީ ގޮވައިލާފައެވެ.

2023 އޮކްޓޫބަރުން ފެށިގެން ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީ ފައުޖުން ހިންގި ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 73,000 އަށް އުފުލިފައެވެ. އަދި، އިތުރު 173,000 މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. މީގެ އިތުރުން، އިސްތިޢުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި ހިންގި ޖަރީމާތަކުގައި 1,181 މީހުން ޝަހީދު ކޮށްލާފައިވާއިރު، އިތުރު 13,000 މީހުން ޒަޚަމުކޮށްލައި، 24,000 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.