ގޭގައި ތިބެގެން ޞިއްޙީ ފަރުވާ ހޯދޭނެ "ހޯމް ކެއަރ" ޚިދުމަތް އީވް ކްލިނިކް ގްރޫޕުން ތަޢާރަފްކޮށްފިއެވެ.
އީވް ކްލިނިކުގެ ވެސްޓް ޕާކް ބްރާންޗުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ޤީލާ އަލީއެވެ. މި ރަސްމިއްޔާތުގައި އީވް ކްލިނިކް ގްރޫޕުގެ އިސްވެރިންނާއި، އެ ކްލިނިކުގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުން ވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އީވް ކްލިނިލް ގްރޫޕުގެ ކްލިނިކަލް ޑިރެކްޓަރު ހައިފާ މުޙައްމަދު ވަނީ މި ޚިދުމަތަކީ މުހިންމު ޚިދުމަތެއްކަން ފާހަގަކޮށްފައެވެ. އަދި ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދެނެގަތުމުގެ އިތުރުން މިހާރު ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމަކީ އަމާޒެއް ކަމަށްވެސް ހައިފާ ވިދާޅުވިއެވެ.
އީވް ކްލިނިކުން ބުނީ މި ޚިދުމަތުގެ ދަށުން، އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި، ލޭގެ ޓެސްޓުތަކަށް ސާމްޕަލް ނެގުމާއި، ކުދިކުދި ފާރުގަނޑުތައް ސާފުކުރުމުގެ ފަރުވާ ގޭގައި ތިބެގެން ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން ނާސިންގްގެ ތަފާތު ޚިދުމަތްތައް ބަލިމީހާގެ އަމިއްލަ ގޭގައި ތިބެގެން ހޯދުމުގެ ފުރުސަތު ލިބިގެންދާނެވެސް ކަމަށް އެ ކްލިނިކުން ބުނެއެވެ.
އީވް ކްލިނިކުން ބުނީ ހޯމް ކެއަރ ޚިދުމަތުގެ ތެރޭގައި މަންމައަކަށްވާ ފަރާތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ 'ޕޯސްޓް ނޭޓަލް ކެއަރ' ނުވަތަ ވިހެއުމަށްފަހު ދެވޭ ފަރުވާގެ ޕެކޭޖު ހިމެނޭ ކަމަށެވެ. އެގޮތުން މި ޚިދުމަތުގެ ދަށުން ތުއްތު ކުދިން ބެލެހެއްޓުމުގެ އިތުރުން، އާއިލާގެ ފަރާތުން މަންމައަށާއި ދަރިފުޅަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެވޭނެއެވެ.
ހޯމް ކެއަރ ޚިދުމަތްތަކަށް ރަޖިސްޓްރީވުމުުގެ ފުރުސަތު މިހާރު އީވް ކްލިނިކް ގްރޫޕުގެ ހުރިހާ ގްރޫޕަކުން ވަނީ ހުޅުވާލާފައެވެ. ތިން ކްލިނިކާއެކު އީވް ކްލިނިކް ހެލްތްކެއަރ ޕްރައިވެޓް ލިމިޑެޓަކީ މި ދާއިރާގައި މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް އަމިއްލަ ކުންފުނިކަން ފާހަގަކޮށްލެވެއެވެ.