ޚަބަރު

ނައިފަރުގެ 45 ހެކްޓަރުގެ ބިން ހިއްކައިފި


  • ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ%24 ވަނީ ނިންމާފައި

  • މިހާރު ކުރިއަށްދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް

ޅ. ނައިފަރު ބިން ހިއްކުމަށް ކުރިއަށްގެންދިޔަ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.

ނައިފަރު ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނައިފަރަށް ކުރެއްވި ދަތުރުފުޅުގައެވެ.

މިމަސައްކަތް ކުރިއަށް ގެންދިޔައީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ޙަވާލު ކޮށްގެނެވެ. މި މަޝްރޫޢުގެ ދަށުން އެރަށުން ވަނީ 45 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައެވެ. އަދި މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ%24 ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތެވެ.

މި މަސައްކަތުގެ ދަށުން ހިއްކި ބިން ހިމާޔަތް ކުރުމަށް 1813 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށި އަދި 474 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖަހާނެއެވެ.

ނައިފަރަކީ، 5000އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ. އަދި އެ ރަށަކީ، ސަރުކާރުން އަރބަން ސެންޓަރެއްގެ ގޮތުގައިވެސް ތަރައްޤީ ކުރަމުން އަންނަ ރަށެކެވެ. އެރަށުގެ ބިން ހިއްކަނީ، އިތުރުވަމުންދާ އާބާދީއަށް ބޯހިޔާވަހިކަން ހޯދައިދިނުމަށާއި، ރަށުގައި އިޤްތިޞާދީ އަދި އިޖުތިމާޢީ ފުރުޞަތުތައް އިތުރު ކޮށްދިނުމަށެވެ.

އެރަށުން 45 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކުރިއިރު އެރަށުގައި 21 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. އެހެންނަމަވެސް ސަރުކާރުގެ އަރބަން ސެންޓަރ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށް އިތުރަށް ތަރައްޤީކޮށް އެއީ ސަރަޙައްދީ ފެންވަރުގައި ތަރައްޤީކޮށްފައިވާ ތަނަކަށް ހެދުމަށްޓަކައި އިތުރަށް ބިން ހިއްކުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ނައިފަރުގެ ޖާގައިގެ ދަތިކަން ކުރިމަތިވެ 2004 ވަނަ އަހަރުވެސް އެރަށުން 16 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އެސަރަޙައްދުގައި ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން ހައުސިންގ ޔުނިޓުތައް ތަރައްޤީ ކޮށްފައިވާކަން ފާހަގަކުރެވެއެވެ. އާބާދީގައި 5800 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ނައިފަރުގެ މިހާރުގެ ބޮޑުމިނަކީ، 55 ހެކްޓަރެވެ.