އާސަންދަ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ކުރަންޖެހެނީ ފާމަސީތަކުގެ ބިލްތަކަށްކަމަށް އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނީޔާ ވިދާޅުވެއްޖެއެވެ.
އާސަންދަ ސްކީމުން ބޭސްފަރުވާ ކުރުމަށްޓަކައި އެއް އަހަރުން އަނެއް އަހަރަށް ބަޖެޓް އަންނަނީ އިތުރުވަމުންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްވަމުން އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވީ ބޭސް ފޯރުކޮށްދިނުމަށްޓަކައި މިދިޔަ އަހަރު ފާމަސީތަކައް %60 އަށްވުރެ ބޮޑު ބައެއް ޚަރަދުކުރަންޖެހުނުކަމަށެވެ. އޭގެ އިތުރުން ދެން އެންމެ ބޮޑަށް ޚަރަދުކުރަން ޖެހެނީ އަމިއްލަ ކްލިނިކް އަދި ހޮސްޕިޓަލްތަކަށްކަމަށާއި ރާއްޖެއިން ބޭރުން އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލްތަކަށްވެސް ބޮޑު ޚަރަދެއް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
"ޕޭބަލް މި އިންނަނީ ސަރުކާރުގެ ސެކްޓަރ އަކަށް ޕޭއައުޓް އެއް ނުކުރާނެ. ޕްރައިވެޓް ސެކްޓަރ އަށް އެކަނި ޕޭ ކުރަން ޖެހެނީ. "އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާމިނަތު ޒީނީޔާ ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުން އާސަންދައިގެ ދަށުން ބޭސްފަރުވާގެ ޚިދުމަށް ފޯރުކޮށްދިނުމާ ގުޅޭގޮތުން ޒީނިޔާ ވިދާޅުވީ މިހާރުވެސް 57 ވަރަކަށް ހޮސްޕިޓަލާއެކު އެއްބަސްވުންތައް ހަދާފައިވާކަމަށެވެ. އޭގެ ތެރޭގައި އިންޑިއާއާއި ސްރީލަންކާގެ އިތުރުން ތައިލޭންޑާއި ޔޫއޭއީގެ ހޮސްޕިޓަލްތައް ހިމެނެއެވެ. އާސަންދައިގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ ގިނަ ހޮސްޕިޓަލްތައް ހުރީ އިންޑިއާގައިކަން ފާހަގަކުރައްވާ ޒީނިޔާ ވިދާޅުވީ ހޮސްޕިޓަލްތަކާއެކު އެއްބަސްވުންތައް ހަދަނީ އެތަންތަނަކީ އެންމެ ފަހުގެ ޚިދުމަތްތަކާއި މަލްޓިސްޕަޝަލިސްޓް ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަން ބެލުމަށްފަހުގައިކަމަށެވެ.
"އެންމެ ފަހުގެ ޚިދުމަތްތައް ދެވޭ ކަހަލަ ތަންތަން ބަލާފައި މި އެއްބަސްވުންތައް ހަދަނީ. ކޮލިޓީއަށާއި އެފޯޑަބަލް ޕްރައިޒްތަކަށްވެސް ބަލަން. ޕެކޭޖް ޕްރައިޒްތަކާއެކު އެއްބަސްންތައް ހަދަނީ." އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާމިނަތު ޒީނީޔާ ވިދާޅުވިއެވެ.
މިއަހަރަށް އާސަންދައިގެ ސްކީމްތަކަށް ދަޢުލަތުން ވަނީ 2.02 ބިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ. އަދި މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުގެ ތެރެއިން އާސަންދައިގެ އެކި ސްކީމްތަކަށް ދަޢުލަތުން ވަނީ 1.18 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދަޢުލަތުން އާސަންދައަށް ޚަރަދުކުރި 1.07 ބިލިޔަން ރުފިޔާއާއި އަޅާ ބަލާއިރު 10.2 އިންސައްތައިގެ އިތުރުވުމެކެވެ.
މި މުއްދަތުގެ ތެރޭގައި އާސަންދައަށް ކުރި ޚަރަދު އިތުރުވެފައިވާއިރު، ދަޢުލަތުން މެޑިކަލް ވެލްފެއަރއަށް ކުރި ޚަރަދު ވަނީ ދަށްފައެވެ. އެގޮތުން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 127.9 މިލިޔަން ރުފިޔާ ޚަރަދުކުރި އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މިކަމަށް ޚަރަދުކޮށްފައިވަނީ 185.3 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 30.9 އިންސައްތައިގެ ދަށްވުމެކެވެ. މެޑިކަލް ވެލްފެއަރގެ ޚިދުމަތްތަކަށް މިއަހަރު 409 މިލިޔަން ރުފިޔާގެ ބަޖެޓެއް ދަޢުލަތުން ވަނީ ކަނޑައަޅާފައެވެ.