އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ބޯންމަތުގެ މިޑްފީލްޑަރ އެލްކްސް ސްކޮޓް ހޯދުމަށް ޗެލްސީ އިން ހުށައެޅި 64 މިލިއަން ޕައުންޑުގެ ބިޑް އެ ކްލަބުން އަނބުރާ ފޮނުވާލައިފިއެވެ.
ޗެލްސީގެ ހުށައެޅުން އަނބުރާ ފޮނުވާލުމަށްފަހު ބޯންމަތު އިން ބުނެފައިވަނީ ސްކޮޓް އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށާއި އޭނާ ހޯދުމަށް އިތުރު ހުށައެޅުމެއް ލިބުނުނަމަވެސް އަނބުރާ ފޮނުވާލާނެ ކަމަށެވެ.
އިންގްލޭންޑްގެ 21 އަހަރުން ދަށުގެ ޓީމަށްވެސް ކުޅެމުންދާ ސްކޮޓް ހޯދުމަށް ޗެލްސީގެ އިތުރުން އާސެނަލް އާއި މެންޗެސްޓަރ ސިޓީ އާއި މެންޗެސްޓަރ ޔުނައިޓެޑްގެ އިތުރުން ޓޮޓްނަމް އިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
މިދިޔަ ޖޫން މަހު އާސެނަލް އިން އޭނާ ހޯދުމަށް ބިޑެއް ހުށައެޅި ނަމަވެސް އެ ހުށައެޅުންވެސް ބޯންމަތުއިން ދޫކޮށްލާފައިވާކަމަށް މީޑިޔާ ރިޕޯޓްތައްވަނީ މީގެ ކުރިން ބުނެފައެވެ.
އުމުރުން 22 އަހަރުގެ ސްކޮޓް ބޯންމަތު އާއި ގުޅިފައިވަނީ 2023 ވަނަ އަހަރު 25 މިލިއަން ޕައުންޑްގެ ފީ އަކަށް ބްރިސްޓަލް ސިޓީ އިންނެވެ. އަދި އޭނާ އާއި އެ ކްލަބުން ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތް ނަމަވެސް އެ އެއްބަސްވުން އައު ކުރުމާއިމެދު ސްކޮޓް އަދި ވަކި ގޮތެއް ނުނިންމައެވެ.