ޚަބަރު

އެމެރިކާގެ ޣައިރުޤާނޫނީ ހަނގުރާމައިގެ ޚަރަދު 37.5 ބިލިޔަން ޑޮލަރަށް


  • އެމެރިކާ ސަރުކާރުން ވަނީ 1.5 ޓްރިލިޔަން ޑޮލަރުގެ ދިފާއީ ބަޖެޓެއް ހުށަހަޅައިފައި

  • ހަނގުރާމައަށް އަންދާޒާ ކުރެވޭ ޚަރަދުގެ ގޮތުގައި 70 ބިލިޔަން ޑޮލަރު ހިމަނާފައިވޭ

ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ޚަރަދު 37.5 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަން، އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ހާމަކުރައްވައިފިއެވެ. އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މަތިގެ، ސެނެޓުގެ ކޮމިޓީއެއްގައި ހެގްސެތު މި އަދަދު ކަށަވަރު ކޮށްދެއްވާފައި ވަނީ، ސަރުކާރުން ހުށަހަޅާފައިވާ 1.5 ޓްރިލިޔަން ޑޮލަރުގެ ދިފާޢީ ބަޖެޓާ ގުޅޭ ގޮތުން ސުވާލު ކުރުމުންނެވެ.

އެ ބަޖެޓުގައި އީރާން ހަނގުރާމައަށް ހިނގާނެ ކަމަށް އަންދާޒާ ކުރެވޭ ޚަރަދުގެ ގޮތުގައި 70 ބިލިޔަން ޑޮލަރު ހިމަނާފައިވާއިރު، މާލީ ދާއިރާގެ މާހިރުން ލަފާކުރާ ގޮތުގައި ހަނގުރާމައިގެ ސަބަބުން އެމެރިކާއަށް ލިބިފައިވާ މާލީ ގެއްލުމުގެ އަގު 150 ބިލިޔަން ޑޮލަރަށް އަރާނެއެވެ. މޭ މަހު ހެގްސެތު ވިދާޅުވީ، އީރާން ހަނގުރާމައަށް ޚަރަދުވެފައި ވަނީ 29 ބިލިޔަން ޑޮލަރު ކަމުގައެވެ. ނަމަވެސް، އޭގެ ފަހުން އެ ޚަރަދުތައް 8 ބިލިޔަން ޑޮލަރުން އިތުރުވެފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ޖޫން 17 ގައި އީރާނާއި އެމެރިކާއިން ސޮއިކުރި ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުން އުވިފައިވާއިރު، އެމެރިކާއިން މިހާރު ހިންގަމުންދާ ޢުދުވާންތައް ވަނީ 11 ވަނަ ދުވަހަކަށް ދެމިގެން ގޮސްފައެވެ. މި ޙާލަތުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް އިތުރު އިންޒާރުތަކެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ، ޙަކަތަ އުފައްދާ އިންޖީނުގެތަކާއި، ބުރިޖުތަކަށް ޙަމަލާދޭނެ ކަމުގައެވެ. އަދި، ޚާރިޤު ޖަޒީރާއަށް ސިފައިން ފޮނުވައި އެ ރަށް ހިފާނެ ކަމަށާއި، 'ޕިކްއެކްސް' ފަރުބަދައަށް ބޮންއަޅައި، އެ ތަން ސުންނާފަތި ކޮށްލާނެ ކަމުގައެވެ. އޭނާ މި މޭރުމުން އިންޒާރު ދެއްވާފައިވާއިރު، މަދަނީ ބިނާރާއި ޢާންމުން ބޭނުންކުރާ އުމްރާނީ ވަސީލަތްތަކަށް ގަސްދުގައި ހަމަލާ ދިނުމަކީ ހަނގުރާމައިގެ ޖަރީމާއެކެވެ.

ރައްދުގައި އީރާންގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ވެސް ދަނީ އެމެރިކާގެ އަމާޒުތަކަށް ޙަމަލާ ދެމުންނެވެ. މި ގޮތުން، ކުވައިތާއި ބަޙްރައިންގެ އިތުރުން އުރުދުނަށް ދީފައިވާ ވަރުގަދަ ޙަމަލާތަކުގެ ތެރެއިން ކުވައިތުގައި ހުންނަ ސާފު ބޯފެން އުފައްދާ މަރުކަޒަކަށް ވަނީ ބޮޑު ގެއްލުންތަކެއް ލިބިފައެވެ. ކުވައިތުގައި ހުންނަ ކޭމްޕް ދަވްޙާ އަސްކަރީ ވައިގެ ބަނދަރުގައި ހުރި ހަތިޔާރު ގުދަނަކަށް ވެސް އައިއާރްޖީސީން ވަނީ ޑްރޯން ޙަމަލާތަކެއް އަމާޒުކޮށް، ބޮޑު ގެއްލުންތަކެއް ދީފައެވެ. މި ދަނޑިވަޅުގައި، ސަޢޫދީ ޢަރަބިއްޔާގެ ބަނދަރުތައް ޙިޞާރުކޮށް، ތެޔޮ އެކްސްޕޯޓު ކުރުމަށް ހުރަސް އަޅާނެ ކަމުގެ އިންޒާރު، ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޙޫޘީ ޖަމާޢަތުން ވަނީ ދީފައެވެ.

މި ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ އަދަދު ވަނީ 18 އަށް އުފުލިފައެވެ. އޭގެ ތެރޭގައި، ހުސްވި ހަފުތާ ބަންދުގައި އައިއާރްޖީސީން އުރުދުންގައި ހުރި އެމެރިކާއިން ބޭނުންކުރާ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ދިން ޙަމަލާތަކުގައި މަރުވި ދެ ސިފައިން ހިމެނެއެވެ. އެ ހާދިސާގައި ތިންވަނަ ސިފައިންގެ މީހަކު ގެއްލިފައިވާ ކަމުގައި ކުރިން ރިޕޯޓުކުރި ނަމަވެސް، އޭނާވެސް މަރުވެފައިވާ ކަމަށް ބެލެވޭ ކަމުގައި އެމެރިކާގެ ދިފާާޢީ ވުޒާރާއިން ބުނެއެވެ. ބަދަލުގައި ފާއިތުވި 11 ދުވަހު އެމެރިކާއިން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި އީރާނުން 50 އެއްހާ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.

މި ނުތަނަވަސްކަމުގެ ތެރެއިން ވެސް، ދެ ފަރާތުގެ މެދުގައި އޮތް ޚިޔާލުތަފާތުވުންތައް ނައްތައިލައި މަޝްވަރާކޮށްގެން މައްސަލަ ޙައްލުކުރުމަށް އެމެރިކާއިން ތައްޔާރަށް އޮތް ކަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވަނީ ހާމަކުރައްވާފައެވެ. މި ކަމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ޞުލްޙަ ޤާއިމުކުރުމަށާއި ސަރަޙައްދީ ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެން ގޮސްފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.