މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނީ މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން، އެޗުއާރުސީއެމްގެ ނައިބު ރައީސް މުޙައްމަދު ޝަފީޤު މަޙްމޫދު ވިދާޅުވެއްޖެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން ސިލްސިލާކޮށް ބާއްވާ، އެޗްއާރްސީއެމް - ސީއެސްއޯ ޕާޓްނަރޝިޕް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަފީޤު ވިދާޅުވީ، ފަހަކަށް އައިސް މަސައްކަތްތެރިންގެ ރައްކާތެރިކަމާއި ގުޅުންހުރި މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން އެޗްއާރްސީއެމް - ސީއެސްއޯ ޕާޓްނަރޝިޕް ފޯރަމުގެ މި އަހަރުގެ ޝިއާރު ކަމަށްވާ "އޮކިޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ"އަކީ މި ދަނޑިވަޅަށް ބަލާއިރު މުހިންމު ޝިއާރެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އަދި މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތަކާއި ރައްކާތެރިކަމާއި ގުޅުންހުރި މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ގެނެވޭނީ މުޖުތަމައު ހޭލުންތެރިވެ، އެންމެން އެކުގައި މަސައްކަތް ކޮށްގެންކަން ޝަފީޤު ފާހަގަކުރެއްވިއެވެ. މީގެއިތުރުން މުޖުތަމަޢުއާއި ހަމައަށް އެ މައުލޫމާތުތައް ފޯރުކޮށްދިނުމުގައި ޖަމިއްޔާތަކާއި ޖަމާއަތްތަކުން އަދާކުރާ ދައުރަކީ، ވަރަށް މުހިންމު ދައުރެއްކަމަށްވެސް ޝަފީޤު ވިދާޅުވިއެވެ.
ޝަފީޤު ވިދާޅުވީ، މި ފޯރަމް މެދުވެރިކޮށް މަސައްކަތްތެރިންނަށް ދިމާވާ ދަތިތަކާއި، ގޮންޖެހުންތައް ދެނެގަނެ އައު ޚިޔާލުތައް ހުށަހެޅުމަށް ފުރުސަތު ހުޅުވިފައިވާ ކަމަށެވެ. އަދި މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކުލަވާލާފައިވާ ޤާނޫނު އެންމެ ރަނގަޅަށް ތަންފީޒު ކުރުމުގައި އެ އިދާރާތަކުގެ ބައިވެރިވުން މުހިންމު ކަމަށްވެސް ވިދާޅުވިއެވެ.
"އިންސާނީ ހައްގުތަކަކީ ވަރަށް މުހިންމު ބައެއް އަޅުގަނޑުމެންގެ މަސައްކަތްތަކުގެ ތެރޭގައި. އިންސާނީ ހައްގުތައް ކުރިއެރުވުމުގައި ޖަމިއްޔާތަކަކީ މުހިންމު ބައިވެރިން." އެޗުއާރުސީއެމްގެ ނައިބު ރައީސް މުޙައްމަދު ޝަފީޤު ވިދާޅުވިއެވެ.
އެޗްއާރްސީއެމުން ބުނީ، އެ އިދާރާގެ އަމާޒަކީ މި ފޯރަމް މެދުވެރިކޮށް ޖަމިއްޔާތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމާއި، މަސައްކަތްތެރިންނަށް ހުރި ހިރާސްތައް ގާތުން ދެނެގަތުން ކަމަށެވެ. އަދި ޖަމިއްޔާތަކުގެ ބައިވެރިވުމާއިއެކު ޤާނޫނުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ މިފަދަ ފޯރަމެއްގެ މަޤުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށްވެސް އެޗްއާރްސީއެމުން ބުނެއެވެ.
އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެޗްއާރްސީއެމް - ސީއެސްއޯ ޕާޓްނަރޝިޕް ފޯރަމުގައި ޖަމިއްޔާ ޖަމާއަތްތައް ހިމެނޭހެން 30 ފަރާތުން ބައިވެރިވިއެވެ. މި ފޯރަމުގައި ޕެނަލް ޑިސްކަޝަންއާއި ޕްރެޒެންޓޭޝަންތައް މެދުވެރިކޮށް މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ގުޅުންހުރި މައުލޫމާތުތައް ހިއްސާކޮށްފައިވެއެވެ. މި ފޯރަމަކީ، މަސައްކްތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތަށް ކުރިއެރުން ލިބުމަށް މަގުފަހިކޮށްދޭނެ ފޯރަމެއްކަން ޖަމިއްޔާތަކުން ފާހަގަކުރެއެވެ.
މިއީ، މި އަހަރު ބާއްވާ މިފަދަ ފުރަތަމަ ފޯރަމެވެ. ދެން ފޯރަމެއް އޮންނާނީ، އަންނަ ސެޕްޓެމްބަރު މަހުކަމަށް އެޗްއާރްސީއެމުން ބުނެއެވެ.