ސަރުކާރުގެ އަމާޒަކީ ކުރިއަރާފައިވާ ޤައުމެއްގެ ގޮތުގައި ރާއްޖެ ބައްޓަން ކުރުމަށް ބޭނުންވާ ޢިލްމާއި ހުނަރު ހުރިހާ ރައްޔިތުންނަށް ލިބޭނެ މަގުތައް ތަނަވަސްކޮށްދިނުން ކަމަށް ތަޢުލީމާއި މަތީތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
"ޑިޖިޓަލް ފޯ އޯލް" ކެމްޕޭން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތަޢުލީމީ ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަސައްވުރަކީ 2040ވަނަ އަހަރު އަންނަން ވާއިރާއި ރާއްޖެއަކީ ކުރިއަރާފައިވާ ޤައުމެއްގޮތުގައި ތަރައްޤީކުރެއްވުންކަން ފާހަގަކުރައްވާފައެވެ.
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ޑިޖިޓަލް ރާއްޖެއެއްގެ ގޮތުގައި ތަރައްޤީކުރުމަށް މޯލްޑިވްސް 2.0 އަކީ މުހިއްމު މަޝްރޫޢެއްކަމަށާއި އެކަމަށް އަހުލުވެރިވުމަކީ މުހިއްމުކަމެއްކަމަށެވެ. އިންސާނަކު ބަދަލުވެގެން އަންނަނީ އެމީހަކަށް ދެވޭ ތަމްރީނާއި ފިކުރާއި ވިސްނުންމަށްވެސް ބަދަލު އައިސްގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން 3 އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ "ޑިޖިޓަލް ފޯ އޯލް" ކެމްޕޭންގެ ނަތީޖާއަކަށް ވާނީ ދިވެހިންނަކީ ޑިޖިޓަލް ކަންކަމުގައި އަހުލުވެރި އަދި 2.0ގެ ތެރެއިން އަންނަ ބަދަލާއެކު ފަޚުރުވެރިކަމާއެކު ދުނިޔޭގެ އެހެން ކުރިއަރާފައިވާ ޤައުމަަކާ އެއް ހަމައެއްގައި އިލްމުވެރި އާބާދީއެއް ބިނާވެގެން ދިޔުންކަމަށެވެ.
" ރާއްޖެގެ ހުރިހާ ޔިނިވަރސިޓީތަކާއި ކޮލެޖްތައް އަދި ކައުންސިލްތަކާއެކު ރާއްޖޭގެ ކޮންމެ ރައްޔިތަކީ އެހީތެރިކަން ދީގެން ޑިޖިޓަލް ނިޒާމްތައް ބޭނުންކުރެވޭނެ ހަމައަށް ގެންދިޔުމަކީ އަމާޒެއް. މިއާއެކު ގޭގައި ތިިބެގެން މަސައްކަތް ކުރުމުގެ ފުރުޞަތިތައް ފަހިވެ، ޖިސްމާނީ ނަފްސާނީ ނުކުޅެދުންތެރިކަމަށް ރިއާތް ކުރުމެއް ނެތި ހުރިހާ އެންމެނަށް އެއްހަމައެއްގައި މުޖުތަމަޢުގައި ޚިދުމަތް ކުރުމުގެ ފުރުޞަތުތައް ލިބިގެންދާނެ." ތަޢުލީމާއި މަތީތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައި ވަނީ ޑިޖިޓަލް ދުނިޔެއަށް އަހުލުވެރި ބަޔަކަށް ދިވެހިން ބިނާކުރުމުގެ މަސައްކަތް ކުރެވޭނީ ޤައުމީ ފެންވަރުގައި މަސައްކަތްތައް ކޮށްގެންކަމުން ކުދި އަދި މަދުމަދުން ހޯދާ ތަމްރީނާއި ހުނަރު އެއްކޮށްލައިގެން ސެޓްފިކެޓާ ހަމައަށް ދިއުމުގެ މަގު ފަހިކުރުމަށް މަސައްކަތްތަކެއްކުރައްވާކަމަށެވެ. މިއީ އެމްކިއުއޭއާއި މައިންޑްކޯ އަދި މޯލްޑިވްް ނޭޝަނަލް ސްކިލް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ގުޅިގެން ޤައުމީ ފެންވަރުގައި ކުރާ މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކުކުރިއަށްދެވޭނެ މަގު ފަހިކޮށްދިީ އުފެއްދުންތެރި ޖީލެއް ބިނާކަކުރުމަށް ދެންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ. އަދި ސަރުކަރުގެ އަމާޒަކީ ކުރިއަރާފައިވާ ޤައުމެއްގެ ގޮތުގައި ރާއްޖެ ބައްޓަން ކުރުމަށް ބޭނުންވާ ޢިލްމާއި ހުނަރު ހުރިހާ ރައްޔިތުންނަށް ލިބޭނެ މަގުތައް ތަނަވަސްކޮށްދިނުންކަމަށްވެސް ތަޢުލީމާއި މަތީތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.