ޚަބަރު

މޫސުމީ ބަދަލާއި ތިމާވެށީގެ ކަންކަމުގައި ރާއްޖެއާ ސްލޮވޭނިއާއިން މަޝްވަރާކުރައްވައިިފި


  • ތިމާވެށީގެ ދާއިރާއިން މަޝްވަރާކުރެއްވި

  • ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރެއްވި

މޫސުމީ ބަދަލުތަކާއި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅޭގޮތުން ރާއްޖެއާއި ސްލޮވޭނިއާއިން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރެއްވީ، ސްލޮވޭނިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ތޮމާޝް މެންސިން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް އެރުވުމަށްފަހު ބޭއްވި ބައްދަލުވުމެއްގައެވެ.

ސްލޮވޭނިއާގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ. އަދި އެއަށްފަހު، އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ދެޤައުމުން އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި ހިމެނޭ، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްޤީފަދަ ކަންކަމުގައި މަޝްވަރާކުރައްވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެބޭފުޅުންވެސް ޢަޒުމް އައުކުރައްވާފައިވެއެވެ.

ދިވެހިރާއްޖެއާއި ސްލޮވީނިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރެވުނީ 4 މާރިޗު 1996ގައެވެ.