ފާމަސީތަކުގައި ބެހެއްޓުން ލާޒިމްކުރާ އަސާސީ ބޭހުގެ ލިސްޓު މުރާޖާކޮށް އެއަށް އަމަލުކުރަން ފެށުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން އަންގައިފިއެވެ.
އެމްއެފްޑީއޭއިން މިގޮތަށް އަންގާފައިވަނީ، ދިވެހިރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ފޯރުކޮށްދޭންޖެހޭ އަސާސީ ބޭސްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
އެމްއެފްޑީއޭއިން ނެރުނު އިއުލާނެއްގައި ވިދާޅުވެފައިވަނީ، ފާމަސީތަކުގައި ބެހެއްޓުމަށް ލާޒިމްކުރާ އަސާސީ ބޭހުގެ ލިސްޓު މިހާރު އަދާހަމަކޮށްފައިވާ ކަމަށެވެ. މި ލިސްޓު ދެ ގްރޭޑަކަށް ގިންތި ކޮށްފައިވާއިރު، ކޮންމެ ފާމަސީއަކުންވެސް އެ ފާމަސީއެއް ނިސްބަތްވާ ގްރޭޑަކަށް ކަނޑައެޅިފައިވާ ބޭހުގެ މަދުވެގެން 80 އިންސައްތަ ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.
— MFDA (@MFDA_mv) July 22, 2026
މި ބަދަލާ ގުޅިގެން މިހާރު ހިންގަމުންދާ ފާމަސީތަކުން، ގިންތިކޮށްފައިވާ ގްރޭޑާ އެއްގޮތަށް ހުރިހާ ބޭހެއް ލިބޭނެ އިންތިޒާމު ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ހަމަޖައްސަން ޖެހޭނެއެވެ. އަދި އަލަށް ހުޅުވާ ފާމަސީތައް ރަޖިސްޓްރީ ކުރުމަށްފަހު ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީ، އެ ގިންތިއެއްގެ ފާމަސީގައި ބަހައްޓަންޖެހޭ ބޭސްތައް ހަމަކުރުމުން ކަމަށްވެސް އެމްއެފްޑީއޭއިން ވިދާޅުވެފައިވެއެވެ.
ފާމަސީތައް ގިންތި ކޮށްފައިވާ ގޮތުގެ ތަފްސީލު "ގައިޑްލައިން އޮން މިނިމަމް ރިކުއަރމަންޓް އޮފް އެސެންޝިއަލް މެޑިސިންސް އިން ފާރމަސީ"ގައި ހިމަނާފައިވާ ކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ. މި ގައިޑްލައިން އެމްއެފްޑީއޭގެ ވެބްސައިޓުންނާއި، ޞިއްޙީ ވުޒާރާގެ ވެބްސައިޓުގެ އިތުރުން ދިރިތި ޕޯޓަލްއިން ލިބެން ހުންނާނެއެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލު ބޭނުންވާ ފަރާތްތަކަށް އެ އޮތޯރިޓީގެ މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސްގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅައިގެން މައުލޫމާތު ހޯދޭނެ ކަމަށްވެސް އެމްއެފްޑީއޭއިން ނެރުނު އިއުލާނުގައި ވަނީ ވިދާޅުވެފައެވެ.