ދުނިޔޭގެ އެންމެ ކާމިޔާބު ކޯޗު އިޓަލީގެ ޕެޕް ގާޑިއޯލާ އިޓަލީގެ ގައުމީ ކޯޗަކަށް ގެނައުމަށް އެ ގައުމުގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެންނަން މަޝްވަރާ ފަށައިފި އެވެ.
އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އިސްވެރިން ވަނީ މިހާރު ސްޕޭނުގައި އޭނާއާ މަޝްވަރާ ބައްދަލުވުންތައް ބާއްވައިފަ އެވެ. މެންޗެސްޓާ ސިޓީ އާއި ބާސެލޯނާ އަދި ބަޔާން މިއުނިކްގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދި ދުނިޔޭގެ އެންމެ ޑިމާންޑް ބޮޑު ކޯޗުގެ ސޮއި ބްރެޒިލަށް ނުހޯދުނީ ވެސް އޭނާގެ މުސާރަ ބޮޑުކަމުންނެވެ. އަހަރަކު 25 މިލިއަން ޔޫރޯގެ މުސާރައަކަށް އޭނާ ޑިމާންޑް އޭރު ކުރި އެވެ.
ނަމަވެސް ޖެހިޖެހިގެން ތިން ފަހަރު ވޯލްޑް ކަޕަށް ކޮލިފައިނުވުމުން އިޓަލީން މިހާރު ބޭނުންވަނީ މުޅި ފުޓްބޯޅަ ބަދަލު ކުރެވޭވަރުގެ ކޯޗަކު ގެނައުމަށެވެ. މި ގޮތުން ގާޑިއޯލާ އެންމެ ބޮޑު ޑިމާންޑް ކަމަށްވާ މުސާރަ ހަމަޖެއްސުމަށް އިޓަލީގެ މުސާރައާ ބެހޭ ހުރިހާ ނިންމުންތަކެއް ބަދަލު ކުރަން މިހާރު ވަނީ މަޝްވަރާތައް ފަށައިފަ އެވެ. މީގެ އިތުރުން ގައުމީ ޓީމު ނެގުމާއި އިޓަލީގެ ފުޓްބޯޅައިގެ އޮނިގަނޑު ވެސް އޭނާގެ ވިސްނުމާއެކު ބަދަލު ކުރުން ފަދަ ކަންކަން ކުރުމަށް ވެސް މިހާރު ވަނީ މަޝްވަރާތައް ފަށައިފަ އެވެ.
އިޓަލީގެ ފުޓްބޯޅް ފެޑަރޭޝަނުގެ ރައީސް ޖިއޮވާނީ ބުނީ ގާޑިއޯލާ ފަދަ ކޯޗަކު ގެނައުމަށް އޭނާ ބޭނުންވާ ކަންކަން ފަހު ކުރުމަށް އުސޫލުތަކަށް ބަދަލު ގެނައުމަކީ ގޯސް ކަމެއް ނޫން ކަމަށެވެ.
"އަބަރެން މިވަގުތު ތަފްސީލަކަށް ދާކަށް ބޭނުމެއް ނޫން. އަދި އޭނާ ކޯޗަކަށް ގެނެވޭނެ ކަމަށް ބުނާކަށް ވެސް ނެތިން. އެކަމަކު އޭނާ އަކީ ހާއްސަ މީހެއް. މިހެންވެ ބަޖެޓް ވެސް އިތުރު ކުރެވިދާނެ. އަދި އެ ނޫން ބަދަލުތައް ވެސް މިސާލަކަށް ގައުމީ ޓީމުގެ އެކުލަވާލާ ގޮތާއި ޓީމުގެ އުސޫލުތަކަށް ބަދަލު ގެނައުމަކީ ވެސް ވެދާނެ ކަމެއް. އަދި އޭނ އާ ކޯޗަކަށް ގެންނަން ވާހަކަ ދެއްކުމަކީ ގޯސް ކަމެއް ނޫން. އަހަރެން ދެކޭ ގޮތުގައި މިއީ އެކަން ކުރަން ވިސްނަން އެންމެ ރަނގަޅު ވަގުތު،" އޭނާ ބުންޏެވެ.
ގާޑިއޯލާ ވަނީ ކުރު މުއްދަތެއްގައި އިޓަލީގެ ބްރެސިއާ އާއި ރޯމާ އަށް ކުޅެފަ އެވެ.