އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގަމުންދާ ޢުދުވާނުގެ ތެރެއިން، އެ ޤައުމުގެ މަދަނީ ބިނާރާއި އުމްރާނީ ވަސީލަތްތަކަށް ހަމަލާތައް އަމާޒުކުރާނެ ކަމުގައި ވިދާޅުވެ، ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ. ޓްރަމްޕް ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ދޭ ކޮންމެ ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން އީރާންގެ ޢާންމު ރައްޔިތުން ބޭނުންކުރާ ބުރިޖު ފަދަ މަދަނީ ބިނާރާއި، ޢާންމުންނަށް އަސާސީ ޚިދުމަތް ދިނުމަށް ބޭނުންކުރާ އިންޖީނުގެ ފަދަ ވަސީލަތްތަކަށް ބޮންއަޅާނެ ކަމުގައެވެ. އޭނާ މި މޭރުމުން އިންޒާރު ދެއްވާފައި މި ވަނީ، ފެބުރުވަރީ 28 ގައި ފެށި ޣައިރުޤާނޫނީ ހަނގުރާމައަށް އެމެރިކާއިން މިހާތަނަށް ކޮށްފައިވާ ޚަރަދު 37.5 ބިލިޔަން ޑޮލަރަށް އުފުލި، އިތުރު ފައިސާ ހޯދުމަށް ޤާނޫނުހަދާ މަޖިލީހުގައި އޭނާގެ ސަރުކާރުން އާދޭސްކުރަމުންދާ ދަނޑިވަޅެއްގައެވެ.
އީރާނާ ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާއިން މިހާރު ދެމުންދާ ހަމަލާތައް ވަނީ 12 ވަނަ ދުވަހަކަށް ދެމިގެން ގޮސްފައެވެ. އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުނީ، ޢުދުވާނުގެ މަޤުޞަދަކީ، ހުރްމުޒުން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދިނުމުގެ ޤާބިލުކަން ނައްތައިލުން ކަމުގައެވެ. ފާއިތުވި 12 ދުވަހު އެމެރިކާއިން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ އީރާންގެ ރައްޔިތުންގެ އަދަދު ވަނީ 53 އަށް އުފުލިފައެވެ. އަދި، އިތުރު 590 މީހުން ޒަޚަމު ކޮށްލާފައިވާ ކަން އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ކަށަވަރު ކޮށްދެއެވެ.
ދެ ފަރާތުގެ ދެމެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުން ދިޔަ ނަމަވެސް، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ، މަޝްވަރާކޮށްގެން ދެ ފަރާތުގެ މެދުގައި ޞުލްޙަވެރި އެއްބަސްވުމެއް އެކުލަވައިލުމަށް ވޮޝިންގޓަނުން ތައްޔާރަށް އޮތް ކަމުގައެވެ. ނަމަވެސް، އީރާންގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލިބާފް ވިދާޅުވީ، އީރާންގެ މަދަނީ ބިނާރާއި އުމްރާނީ ވަސީލަތްތަކަށް ރައްކާތެރިކަމެއް ނެތް ޙާލަތެއްގައި، ސަރަޙައްދީ އެހެން ޤައުމެއްގެ ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކޮށްދެވެން ނެތް ކަމުގައެވެ. އަދި، ޓްރަމްޕްގެ އިންޒާރުތަކުން ސަރަޙައްދީ ހަނގުރާމަ ފުޅާވުން ނޫން އިތުރު ނަތީޖާއެއް ނުނިކުންނާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ޢުދުވާނުގެ ރައްދުގައި އީރާނުން ވެސް ދަނީ ހަމަލާ ދެމުންނެވެ. މި ގޮތުން، އީރާންގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ވަނީ ކުވައިތާއި އުރުދުންގެ އިތުރުން ބަޙްރައިންގައި ހުރި އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ މަރުކަޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. ކުވައިތަށް ދީފައިވާ ހަމަލާތައް އަމާޒުކޮށްފައި ވަނީ ހަތިޔާރު ގުދަނަކާއި 'ޕޭޓްރިޔަޓް' މަރުކާގެ ދިފާޢީ ނިޒާމަކަށެވެ. މީގެ އިތުރުން، އަސްކަރީ މަތިންދާބޯޓާއި، އެމްކިޔު-9 މަރުކާގެ އަސްކަރީ ޑްރޯނާއި، އަސްކަރީ ހެލިކޮޕްޓަރުތައް ހުރި އަމާޒުތަކަށް ވެސް އައިއާރްޖީސީން ވަނީ ހަމަލާދީފައެވެ. މި ހަނގުރާމައިގައި މިހާތަނަށް މަރުވެފައިވާ އެމެރިކާ ސިފައިންގެ އަދަދު ވަނީ 18 އަށް އުފުލިފައެވެ.
މި ހަނގުރާމައިގެ ތެރެއަށް ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޙޫޘީ ޖަމާޢަތުން ވަނުމާއެކު، މަސްރަޙު މި ވަނީ އިތުރަށް ނުތަނަވަސްވެފައެވެ. ސަޢޫދީ ޢަރަބިއްޔާގެ ބަނދަރުތައް ޙިޞާރުކޮށްފައިވާ ކަން އިޢުލާނު ކުރުމަށް ފަހު، އެ ޖަމާޢަތުން ވަނީ ސަޢޫދީ ޢަރަބިއްޔާއިން ތެޔޮ ބަރުކޮށްގެން ރަތް ކަނޑު ހުރަސްކުރަން މަސައްކަތް ކުރި ދެ އުޅަނދަކަށް ހަމަލާ ދީފައެވެ. ޙޫޘީން ވަނީ ބާބް އަލް-މަންދަބް ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. މިއާއެކު، ތެލުގެ ސަޕްލައިއަށް ބުރޫއަރާފާނެ ކަމުގެ ބިރުބޮޑުވެ، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 95 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. ޓްރަމްޕް ވަނީ، ޙޫޘީން ހުއްޓުވާނެ ކަމުގައި ވިދާޅުވެ، އެ ޖަމާޢަތަށް ވެސް އިންޒާރު ދެއްވާފައެވެ.