ޚަބަރު

ވޯލްޑް ކަޕުގެ ފައިނަލް އަލުން ކުޅެން އާޖެންޓީނާއިން ކެމްޕެއިނެއް


  • މިހާތަނަށް 60،000 ސޮއި ހަމަކޮށްފައިވޭ

  • ސަޕޯޓަރުން ބުނަނީ ބަލި ގަބޫލު ނުކުރާނެ ކަމަށް

ނިމިދިޔަ ފީފާ ވޯލްޑް ކަޕް 2026 މުބާރާތުގެ ފައިނަލް މެޗު އަލުން ކުޅެން ގޮވައިލައި، އާޖެންޓިނާގެ ސަޕޯޓަރުންތަކެއް ޑިޖިޓަލް ކެމްޕެއިނެއް ފަށައިފިއެވެ.

މުބާރާތުގެ ފައިނަލުގައި ސްޕެއިންއާ ދެކޮޅަށް ކުޅެ އާޖެންޓީނާ ބަލިވީ 0-1ގެ ނަތީޖާއަކުންނެވެ. މި މެޗުންވީ ބަލި ބަލައިނުގަނެ، އާޖެންޓީނާގެ މަގުތަކަށްވެސް ބައެއް ސަޕޯޓަރުން ނުކުމެ އަޑު އުފުލާފައިވެއެވެ. އަދި މިއީ އަލުން ކުޅެންޖެހޭ މެޗެއްކަމަށްވެސް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ސްޕެއިންގެ "އެލް މުންޑޯ" އިން ރިޕޯޓުކުރާ ގޮތުގައި މީގެތެރެއިން ބައެއް ސަޕޯޓަރުން ވަނީ މި މެޗު އަލުން ކުޅުމަށް ފީފާއަށް ގޮވައިލައި، ޑިޖިޓަލް ކެމްޕެއިނެއް ފަށާފައެވެ. މި ކެމްޕެއިނުގައި ބައިވެރިވުމަށް މިހާތަނަށް 61،500 މީހުން ސޮއިކޮށްފައިވާކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

މި ކެމްޕެއިން ފަށާފައިވަނީ އާޖެންޓީނާގެ އަންހެން ސަޕޯޓަރެއް ކަމަށްވާ ޖިސެލާ ސަންޗޭޒްއެވެ.

ޗޭންޖް. އޯއާރުޖީ ގެ ނަމުގައި ފަށާފައިވާ މި ކެމްޕެއިނަކީ، ވޯލްޑް ކަޕުގެ ފައިނަލް މެޗުގައި ސްލޮވާކިއާގެ ރެފްރީ ސްލަވްކޯ ވިންސިޗް ނިންމި ނިންމުންތަކާ މެދު ހިތްހަމަނުޖެހި ފެށި ކެމްޕެއިނެކެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ރެފްރީ ވިންސިޗް ވަނީ މެޗުގެ ނަތީޖާއަށް އަސަރުކުރާފަދަ ބޮޑެތި، ގޯސް ނިންމުންތަކެއް ނިންމާފައެވެ. ޙާއްސަ ގޮތެއްގައި އާޖެންޓީނާއާ ދެކޮޅަށް މި މެޗުގައި ގޯސް ނިންމުންތަކެއް ރެފްރީ ވިންސިޗް ނިންމާފައިވާކަމަށް އެ ފަރާތްތަކުން ތުހުމަތުކުރެއވެެ.

ކަން މިހެން އޮތުމުން މި މެޗުގައި ރެފްރީ ނިންމި ނިންމުންތައް ރިވިއުކޮށް، މެޗު އަލުން ކުޅެދިނުމަށް ފީފާގެ ކިބައިން މި ކެމްޕެއިންގެ ފަހަތުގައި ތިބި ފަރާތްތަކުން ގޮވާލާފައިވެއެވެ.

60،000އަށްވުރެ ގިނަ މީހުން މިހާތަނަށް މި ކެމްޕެއިންގެ ދަށުން ހަދާފައިވާ ޕެޓިޝަނުގައި ސޮއިކޮށްފައިވީ ނަމަވެސް، މިއީ މި ކެމްޕެއިންގެ ސަބަބުން ފީފާއަށް އެއްވެސް ޕްރެޝަރެއް އޮތް ނުވަތަ މެޗު އަލުން ކުޅެން ނިންމުމަށް ބާރުއަޅާނެ ކެމްޕެއިނެއް ނޫނެވެ. މިއީ އެއްވެސް ރަސްމީ ހައިސިއްޔަތެއް ލިބިފައި ނުވާ، އެއްވެސް ކަހަލަ ހެއްކެއް ނުވަތަ ބާރު ލިބިދޭ ގަރީނާއަކާ އެކު ކުރިއަށްދާ ކެމްޕެއިނެއް ނޫނެވެ.

ފާޙަގަކޮށްލަން ޖެހޭ ގޮތުގައި ފައިނަލް މެޗު އަލުން ކުޅުމަށް އާޖެންޓީނާގެ ބައެއް ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައިވާއިރު، ވޯލްޑް ކަޕުގެ ކުރިއަށް ހުރި މުބާރާތްތަކުގައި އާޖެންޓިނާއަށް ފުރުސަތު ނުދޭން ގޮވާލައި ކުރިއަށް ގެންދިޔަ ޕެޓިޝަނުގައި 23 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.