ޚަބަރު

ރައްޔިތުންގެ އަޑު: އިތުރު 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި


  • މިފަހަރު މާފަންނު ދެކުނު، އުނގޫފާރު، ކެލާ ، އަދި ފުވައްމުލަކު ދެކުނު ދާއިރާ

  • ނަން ނޯޓު ކުރުމުގެ ފުރުޞަތު އަންނަ ހޯމަ ދުވަހުގެ ކުރިން

  • ބައިވެރިވުމުގެ އުސޫލު، ރައީސް އޮފީހުގެ ވެބްސައިޓުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވުމަށް ހަމަޖެހިފައިވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވެވަޑައިގަތުމަށް އިތުރު 4 ދާއިރާއަކުން ނަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން މިފަހަރު ނަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ، އަދި ފުވައްމުލަކު ދެކުނު ދާއިރާއިންނެވެ.

"ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ބޭފުޅުން، ރައީސް އޮފީހުގެ ވެބްސައިޓްގައި މިކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް https://rayyithungeadu.presidency.gov.mv/ މެދުވެރިކޮށް އަންނަ ހޯމަ ދުވަހުގެ ރޭގަނޑު 12:00ގެ ކުރިން ނަން ނޯޓުކުރެއްވުމަށް ވަނީ އެދިފައެވެ.

ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެފުރުސަތު ދެއްވުމަށްޓަކައި ފަށްޓަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ކުރިއަށްގެންދާ ބައްދަލުވުމެެކެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު، ރައީސް އޮފީހުގެ ވެބްސައިޓުން ފެނިވަޑައިގަންނަވާނެ ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ޢިއުލާންކުރެއްވީ ޕީއެސްއެމްއާއި ގުޅިގެން ގެނެސްދޭ ނޭޝަންޗެޓް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން މި ބައްދަލުވުމުގައި ބައިވެރިވުމަށް މީގެ ކުރިންވެސް 4 ދާއިރާގެ ރައްޔިތުންނަށް ނަން ނޯޓުުކުރުމަށް ހުޅުވާލިއެވެ. އެއީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.

ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަޤުޞަދުގައި، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުޞަތު މިޕްރޮގްރާމްގެ ތެރެއިން ފަހިވެގެންދާނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ. މީގެކުރިންވެސް އެމަނިކުފާނުވަނީ ރައްޔިތުންނާ ގާތަށް ވަޑައިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އެމަނިކުފާނުވަނީ ދެއަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ހުރިހާ ކައުންސިލްތަކާއި ބައްދަލުކުރައްވާފައެވެ.