ޚަބަރު

އައިޖީއެމްއެޗާއި ދަރުމަވަންތައަށް މިއަހަރު ދިވެހި 16 ޑޮކްޓަރުން


  • އަލަށް ތައާރަފުވާ ބައެއް ދާއިރާތަކުގެ ޑޮކްޓަރުން ހިމެނިވަޑައިގަންނަވާ

  • މުހިންމު ދާއިރާތަކުގެ ޑޮކްޓަރުން ޚިދުމަތާ ގުޅިވަޑައިގެންފައިވޭ

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗުގައި ޚިދުމަތް ކުރެއްވުމަށް، މި އަހަރުގެ މިހާތަނަށް ދިވެހި 16 ޑޮކްޓަރުން ތަމްރީނު ފުރިހަމަކުރައްވައި ގުޅިވަޑައިގެންފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.

އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް މިހެން ވިދާޅުވީ، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މި އަހަރުގެ މިހާތަނަށް ދިވެހި 16 ޑޮކްޓަރުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗުގައި ޚިދުމަތްކުރެއްވުމަށް ގުޅިވަޑައިގެންފައިވާ ކަމަށެވެ.

މީގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ތައާރަފުވާ ބައެއް ދާއިރާތަކުން ތަމްރީނުވި ސްޕެޝަލިސްޓުންނާއި، ސަބް-ސްޕެޝަލިސްޓުން ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ، ޕީޑިއަޓްރިކް ޑެންޓިސްޓްރީ، ނިއޯނަޓޮލޮޖީ އަދި ކްލިނިކަލް ހެމަޓޮލޮޖީ ހިމެނެއެވެ. އަދި ކަށީގެ ބަލިތަކާއި، އެތެރެހަށީގެ ބަލިތަކާއި، ނިއުރޮލޮޖީއާއި، ރޭޑިއޮލޮޖީއާއި، އީއެންޓީއާއި، ގެސްޓްރޯއެންޓްރޮލޮޖީ ފަދަ ދާއިރާތައް ހިމެނެއެވެ.

މީގެ އިތުރުން ޕްލާސްޓިކް ސާޖަރީ، ވެސްކިޔުލަރ ސާޖަރީ އަދި ޕަލްމޮނޮލޮޖީ ފަދަ މުހިންމު ދާއިރާތަކުން އިތުރު ޑޮކްޓަރުން މިހާރު ޚިދުމަތާ ގުޅިވަޑައިގެންފައިވާ ކަމަށް އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.

ހަމަ މިއާއެކު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޞިއްޙީ ދާއިރާ ހަރުދަނާ ކުރެއްވުމަށާއި، ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ކަނޑައަޅުއްވާފައިވާ ތަސައްވުރާ އެއްގޮތަށް، ކާޑިއޯތޮރެސިކް އެންޑް ވެސްކިޔުލަރ ސާޖަރީއާއި، އިންޓަރވެންޝަނަލް ރޭޑިއޮލޮޖީގެ ޚިދުމަތް ތަޢާރަފް ކުރުމާއި، ހިތުގެ ފަރުވާއާއި، ނާރުގެ ފަރުވާ އިތުރަށް ފުޅާކުރުމަށް ޒަމާނީ ޚިދުމަތްތައް މިއަހަރު ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މިއީ، ޞިއްޙީ ފަރުވާއަށް ރާއްޖެއިން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް އަޅާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާ ކުރައްވައި، ކުރިން ރާއްޖެއިން ލިބެންނެތް ގިނަ ޚިދުމަތްތަކެއް ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ދުރުވިސްނުންފުޅާއި، މި ދާއިރާއަށް ދެއްވާ ޚާއްޞަ އިސްކަން ފާހަގަކުރާކަމަށްވެސް ވިދާޅުވިއެވެ.

ސީއީއޯވަނީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި މަސައްކަތް ކުރައްވާ ހުރިހާ ޑޮކްޓަރުންނާއި، ނަރުހުންނާއި، އެލައިޑް ހެލްތު ޕްރޮފެޝަނަލުންނާއި، ޓެކްނީޝަނުންނާއި، ސަޕޯޓް މުވައްޒަފުންނާއި އެންމެހާ އިދާރީ މުވައްޒަފުން، ހޮސްޕިޓަލުތަކަށް ވަޑައިގަންނަވާ އެންމެހާ ރައްޔިތުންނަށް މިހާރަށްވުރެ ބޮޑަށް އަޅާލުމަށާއި، ހިތްހެޔޮކަމާއި އޯގާތެރިކަމާއެކު ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެއްވުމަށް އިތުރަށް މަސައްކަތް ކޮށްދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.