ޔަހޫދީ ދައުލަތުގެ ބޭންކުތަކުން ފަލަސްޠީނުގެ މާލީ އިދާރާތަކާއެކު ބާއްވަމުން އަންނަ "ކޮރެސްޕޮންޑެންޓް ބޭންކިންގ" ގުޅުންތައް ކަނޑާލައިފިނަމަ، ފަލަސްޠީނުގެ އިޤްތިޞާދު މުޅިން ފުނޑުފުނޑުވެދާނެ ކަމުގެ އިންޒާރު ފަލަސްޠީނުގެ މަރުކަޒީ ބޭންކުން ދީފިއެވެ.
ފަލަސްޠީނުގެ މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ޔަޙްޔާ ޝުނާރު ވިދާޅުވީ، ޔަހޫދީން މިފަދަ ފިޔަވަޅެއް އަޅައިފިނަމަ އޭގެ ސަބަބުން ފަލަސްޠީނަށް އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ބޮޑެތި ނުރައްކާތަކާ ކުރިމަތިވާނެ ކަމަށެވެ.
ބައިނަލްއަޤުވާމީ މަތީ ފެންވަރުގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝުނާރު ފާހަގަކުރެއްވި ގޮތުގައި، ޔަހޫދީންގެ މި ނިންމުމުގެ ސަބަބުން ފަލަސްޠީނުގެ މާލީ ނިޒާމަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެއެވެ.
މިގޮތުން، ބޭރުން މުދާ އެތެރެކުރުމަށް ބޭނުންވާ ފައިސާގެ މުޢާމަލާތްތަކަށް ހުރަސްއެޅި، ކާބޯތަކެތި ލިބުމުގައި ދަތިތަކާ ކުރިމަތިވުމުގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މާލީ މަގުތައް ބަންދުވާނެކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
އެއާ އެކު، ފަލަސްޠީނަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތައް ލިބުމުގެ ކުރިން، އަވަސް ފިޔަވަޅުތައް އެޅުމަށް އޭނާ ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ގޮވާލައްވައިފައެވެ.
“ބްރޭކިންގ ޕޮއިންޓް” ގެ ނަމުގައި ބޭއްވި މި ބައްދަލުވުމަކީ، ފަލަސްޠީނުގެ އިޤްތިޞާދު އިނދަޖެހުމުގެ ސަބަބުން މުޅި ސަރަޙައްދުގެ ހަމަޖެހުމަށް ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭގޮތުން ދުނިޔޭގެ ސަމާލުކަން ހޯދުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ މަންދޫބުންނާއި، އެކި ޤައުމުތަކުގެ ސަފީރުންނާއި ބޭންކިންގ ދާއިރާގެ އިސްވެރިން ހިމެނެއެވެ.
ބައްދަލުވުން ނިންމަވާލައްވަމުން ގަވަރުނަރު ވަނީ، ޔަހޫދީ ދައުލަތުގެ ބޭންކުތަކާއި ފަލަސްޠީނުގެ ބޭންކުތަކާ ދެމެދު އޮންނަ މާލީ ގުޅުންތައް ދެމެހެއްޓުމަށްޓަކައި ބައިނަލްއަޤުވާމީ މުޖުތަމަޢުއާއި ދުނިޔޭގެ މާލީ މުއައްސަސާތަކުން ވަގުތުން ވަގުތަށް މަސައްކަތްކޮށް، މިކަމަށް ޙައްލެއް ހޯދައިދިނުމަށް ބާރުއަޅުއްވައިފައެވެ.