ޚަބަރު

ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ފަށައިފި


  • މިނިވަން ދުވަހާއި ގުޅުވައިގެން ބާއްވާ މި ކާނިވަލް މިމަހު 31 ވަނަ ދުވަހާއި ހަމައަށް ކުރިޔަށްދާނެ

  • މި ކާނިވަލުގައި މިއަދު އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ ހޮރޯ ހައުސްއަށް

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން، އޮފިޝަން އިވެންޓްސް އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ ގުޅިގެން "ސައްބީސް ކާނިވަލް" ނަމުގައި ޚާއްސަ ކާނިވަލެއް ފަށައިފިއެވެ.

މި ކާނިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. 8 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތްތައް ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް ކުރިއަށްދާނެކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ކާނިވަލުގައި ގިނަ ހަރަކާތްތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ކާނިވަލް ގޭމްސް، ހޮރޯ ހައުސް، ޑިޖިޓަލް ގޭމިންގ އެރީނާ، ކުޑަކުދިންނަށް ޚާއްސަ އޭރިއާ އަދި އިންފްލޭޓަބަލްސް ހިމެނެއެވެ. މީގެ އިތުރުން ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ ފުޑް ކިއޮސްކުތަކާއި، ލައިވް މިއުޒިކް އަދި ބޮޑުބެރުގެ ހުށަހެޅުންތައްވެސް ކާނިވަލްގެ ތެރެއިން ފެނިގެންދެއެވެ.

މިހަރަކާތަށް ބޮޑުތަރުހީބެއް ލިބިފައިވާއިރު ކާނިވަލަށް ޒިޔާރަތްކުރި ކުދިން ވަނީ އެކުދިންގެ ޝުޢޫރު ޕީއެސްއެމް ނިއުސްއާ ހިއްސާކޮށްފައެވެ. އެ ގޮތުން ކާނިވަލަށް ޒިޔާރަތްކުރި ގިނަ ކުދިންނަށް އެންމެ ކަމުދިޔައީ ހޮރޯ ހައުސް ނުވަތަ ބިރުވެރި ހޮހަޅައެެވެ.

"ހުރިހާ ގޭމްސްތައްވެސް ވަރަށް މަޖާ އެކަމަކު ބިރުވެރި ހޮހަޅަވަށް ލައިކްވި، ވަރަށް ބިރުވެރި" ކާނިވަލަށް ދިޔަ ކުއްޖަކު ބުންޏެވެ.

އެޗްޑީސީން ވިދާޅުވީ މި ކާނިވަލުގެ މައިގަނޑު މަޤުސަދަކީ މިނިވަން ދުވަހުގެ އުފާ ފާޅުކުރުމާއެކު، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރުން ކަމަށެވެ. އަދި ކުދިބޮޑު އެންމެން އެއްތަނަކަށް އެއްވެ، މަޖާ މާހައުލެއްގައި ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީވެސް މި ހަރަކާތުގެ ބޭނުމެއްކަމަށް އެޗްޑީސީން މައުލޫމާތު ދެއްވައެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި އެ ކޯޕަރޭޝަންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާއެކު، މިފަދަ ގައުމީ މުނާސަބަތުތައް ކުލަގަދަގޮތެއްގައި ފާހަގަކުރުމެވެ.